Roadha Mihaaru
މުޒާހަރާ ކުރި އެމްޑީޕީގެ އިސް ބޭފުޅުން ޕޮލިހަށް

ހުއްދަ ނުނަގައި މުޒާހަރާކޮށްގެން، އެމްޑީޕީގެ އިސް ބޭފުޅުންތަކެއް ފުލުސް އޮފީހަށް ހާޒިރުކުރަނީ

22 ޖެނުއަރީ 2018

ހުއްދަ ނުނަގައި މިދިޔަ ހުކުރު ދުވަހު މުޒާހަރާކޮށްފައިވާ ކަމަށް ބުނެ އެމްޑީޕީގެ އިސް ބޭފުޅުންތަކެއް މާދަމާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހުއްދަ ނުނަގައި މިދިޔަ ހުކުރު ދުވަހު މުޒާހަރާކޮށްފައިވާ ކަމަށް ބުނެ އެމްޑީޕީގެ އިސް ބޭފުޅުންތަކެއް މާދަމާ ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

މަނާ ތަނަކަށް އެއްވެ އިހްތިޖާޖްކޮށްފައިވާ ކަމަށް ބުނެ ޕޮލިހަށް ހާޒިރުވާން، އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒް އާއި ޗެއާޕާސަންގެ ނައިބު އަލީ ނިޔާޒާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމަށް ވަނީ ޗިޓު ފޮނުވައިފަ އެވެ. މީގެ އިތުރުން، އެ މުޒާހަރާގައި އިސްކޮށް އުޅުނު އެމްޑީޕީގެ އެކްޓިވިސްޓުންތަކަކަށް ވެސް ޗިޓު ފޮނުވާފައިވެ އެވެ.

އެމްޑީޕީން އިސްވެ މިދިޔަ ހުކުރު ދުވަހު އެ ޕާޓީގެ ހަރުގެ ކުރިމަތީގައި މުޒާހަރާކުރީ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ރިސޯޓުތަކަށް ފުލުހުންނާ އެކު ކަސްޓަމްސްއިން އަރައި ތަހުގީގު ކުރާތީ، އެކަން ކުށްވެރި ކޮށެވެ.

އެ މުޒާހަރާ ފަށައި، އިދިކޮޅު ފަރާތްތަކުން އަޑުއުފުލަމުން ދަނިކޮށް ވަކި ހިސާބަކުން ފުލުހުން ވަނީ ހުރަސް އަޅައިފަ އެވެ.

ކުރިން އެންގުމަކާ ނުލައި އެއްވެވޭނެ ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅާފައި އޮތަސް، އެއްވެ އުޅުނު ގާނޫނަށް މި ސަރުކާރުން ގެނައި އިސްލާހަކުން އެކަން ވަނީ ހަނިކޮށްފަ އެވެ. އެކަމަކު، ގާނޫނުއަސާސީގައި ވަކި ގޮތަކަށް ކަނޑައަޅާފައި އޮއްވައި، ގާނޫނަކުން އެކަން ބަދަލެއް ނުކުރެވޭނެ ކަމަށް ބުނެ އެ އިސްްލާހަށް ބައެއް ގާނޫނީ ވަކީލުން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.