Roadha Mihaaru
އިބޫ 12 ދުވަސް ފަހުން ދޫކޮށްލައިފި

އިބޫ 12 ދުވަސް ފަހުން ދޫކޮށްލައިފި

28 މާޗް 2018

އިދިކޮޅު ހަރަކާތުން މާޗު 16 ގައި ބޭއްވި މުޒާހަރާގައި ޖުމްހޫރީ މައިދާންގެ ތެރެއިން ހައްޔަރުކުރި އެމްޑީޕީ އެމްޑީޕީގެ ޕާލިމަންޓް ގްރޫޕްގެ ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ދޫކޮށްލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިދިކޮޅު ހަރަކާތުން މާޗު 16 ގައި ބޭއްވި މުޒާހަރާގައި ޖުމްހޫރީ މައިދާންގެ ތެރެއިން ހައްޔަރުކުރި އެމްޑީޕީ އެމްޑީޕީގެ ޕާލިމަންޓް ގްރޫޕްގެ ލީޑަރު ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) މިއަދު ދޫކޮށްލައިފި އެވެ.

ސިޔާސީ ހަޔާތްޕުޅުގައި ފުރަތަމަ ފަހަރަށް ހައްޔަރުކުރި އިބޫ މި ދޫކޮށްލީ ބަންދުގައި އޭނާ ބަހައްޓަން ކޯޓުން ދިން ނުވަ ދުވަސް ހަމަވި ފަހުންނެވެ. އިބޫގެ މުއްދަތު އިތުރުކުރަން ކޯޓަށް ގެންގޮސްފައެއް ނުވެ އެވެ.

ރައީސް އަަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތުގެ އެއް ލީޑަރަކީ އިބޫ އެވެ. ދެން އެ ހަރަކާތުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޖަލުގައި ހުންނެވި އިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހުންނެވީ އަމިއްލައަށް އަރުވާލެވިގެން ބޭރުގަ އެވެ.

އިބޫ ދޫކޮށްލި އިރު ދިއްގަރު ދާއިރާގެ ފާރިސް މައުމޫނާއި ކިނބިދޫ ދާއިރާގެ އަބްދުﷲ ރިޔާޒާއި ދަނގެތީ ދާއިރާގެ އިލްހާމް އަހުމަދާއި ގަލޮޅު ދެކުނު ދާއިރާގެ އަހުމަދު މަހުލޫފާއި ހެންވޭރު މެދު ދާއިރާގެ އަލީ އާޒިމާއި މައްޗަށްގޮޅީ ދެކުނު ދާއިރާގެ އަބްދުﷲ ސިނާނު ހުންނެވީ ޖަލުގަ އެވެ. މީގެ ތެރެއިން ގިނަ ބޭފުޅުންގެ މައްޗަށް ވަނީ މިހާރު ވަނީ ދައުވާ ވެސް ކޮށްފަ އެވެ.