Roadha Mihaaru
ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ނޯންނާނެ: ވިލާ

ދައްކަންޖެހޭ ފައިސާއެއް ނޯންނާނެ، 188 މިލިއަން ޑޮލަރަކީ ޚިޔާލީ އަދަދެއް: ވިލާ

25 ޖެނުއަރީ 2018

ވިލާ ކުންފުނިން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނުދައްކާ ނޯންނާނެ ކަމަށާއި ވިލާގެ އެކި ކުންފުނިތަކުން 188 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށް ބުނެ ސަރުކާރުން ހާމަކުރަނީ ޚިޔާލީ އަދަދުތަކެއް ކަމަށް ވިލާ އިން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވިލާ ކުންފުނިން ދައުލަތަށް ދައްކަންޖެހޭ އެއްވެސް ފައިސާއެއް ނުދައްކާ ނޯންނާނެ ކަމަށާއި ވިލާގެ އެކި ކުންފުނިތަކުން 188 މިލިއަން ޑޮލަރު ދައްކަންޖެހޭ ކަމަށް ބުނެ ސަރުކާރުން ހާމަކުރަނީ ޚިޔާލީ އަދަދުތަކެއް ކަމަށް ވިލާ އިން މިއަދު ބުނެފި އެވެ.

ވިލާގެ ބައެއް ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ޓެކްސް ނުދައްކާތީ އެ ކުންފުނިތަކަށް ދައުލަތުގެ ބައެއް އިދާރާތަކުން ޚިދުމަތް ދިނުން ހުއްޓާލާފައި ވަނިކޮށް، އެ ކުންފުނިތަކުން ހިންގާ ރިސޯޓްތަކަށް ރާ ގެންދިޔަކަމުގެ ތުހުމަތުގައި ކަސްޓަމުން ވަނީ ވިލާގެ ފަސް ރިސޯޓަކަށް އަރައި، އެއް ރިސޯޓުގައި ހުރި ބައެއް ރާތައް ގެންގޮސްފަ އެވެ.

ސަރުކާރުން ބުނެފައިވަނީ ވިލާ އިން ދައުލަތަށް ދައްކަން ޖެހޭ 188 މިލިއަން ޑޮލަރު (2.9 ބިލިއަން ރުފިޔާ) ނުދައްކާ އެބައޮތް ކަމަށާއި އެއީ ދައުލަތަށް ލިބެންޖެހޭ އާމްދަނީގެ 13 ޕަސެންޓް ކަމަށެވެ.

ވިލާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ 188 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށް ބުނަނީ ބާތިލްކޮށްފައިވާ އެއްބަސްވުންތަކަކާ ހަވާލާދީ ކަމަށާއި އެއީ ސަރުކާރުން އަމިއްލަ އަށް ލިޔެގެން އުޅޭ ޚިޔާލީ އަދަދުތަކެއް ކަމަށެވެ. އަދި އެ އެއްބަސްވުންތައް ވެސް ބާތިލްކުރީ ގާނޫނީ އެއްވެސް ސަބަބެއް ނެތި ކަމަށާއި އެކަމަކު އެ އެއްބަސްވުންތަކާ ގުޅިގެން ކުލީގެ ފައިސާ ދައްކަން ޖެހޭ ކަމަށް ދައުލަތުން ބުނަނީ ހަގީގަތް އޮޅުވާލަން ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.

"ސިޔާސީ ބޭނުމެއް އޮވެގެން މި ކުންފުނީގެ އަގު ވައްޓާލައި، މި ކުންފުނީގެ ވިޔަފާރި ބަނގުރޫޓް ކޮށްލުމަށް ކުރަމުންދާ އެންމެހައި މަސައްކަތްތައް މި ހިނދުން މިހިނދަށް ހުއްޓާލުމަށް އެންމެހައި ފަރާތްތަކަށް ދަންނަވަމެވެ،" އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން ވިލާގެ ރިސޯޓްތަކަށް ޚިދުމަތްތައް ދިނުން ހުއްޓާލީ ވިލާގެ ކުންފުންޏަކަށް ދޫކުރި ތ. އެލާ ކިޔާ ރަށުގެ އެއްބަސްވުން ސަރުކާރުން ބާތިލްކޮށް، އެ ތަނުގެ ކުއްޔާއި ޖޫރިމަނާގެ ގޮތުގައި 14 މިލިއަން ޑޮލަރު ހޯދަން ދައުލަތުން ދައުވާކޮށް، އެ މައްސަލަ ކޯޓުގައި ހިނގަމުން ދަނިކޮށެވެ. އެކަމަކު އެއީ އެ ކުންފުނިން ދައްކަންޖެހޭ ފައިސާއެއް ނޫން ކަމަށާއި އަދި އެއީ ވިލާގެ ރިސޯޓްތަކުން ދައްކާ ޓެކްސާ ގުޅުން ހުރި ފައިސާއެއް ވެސް ނޫން ކަމަށް އެ ބަޔާނުގައިވެ އެވެ.

"ރިސޯޓްތަކަށް ދެމުންގެންދިޔަ ޚިދުމަތްތައް މެދުކަނޑާލުމުގެ ސަބަބުން މި ކުންފުނީގެ ވިޔަފާރި އިންތިހާ އަށް ހީނަރުވެ، އޭގެ ސަބަބުން މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ރިސޯޓްތަކުން ދައްްކަންޖެހޭ ޓެކްސް ފައިސާ ދެއްކުމުގައި ވަރަށް ބޮޑެތި ދަތިތަކާ ވަނީ ކުރިމަތިވެފަ އެވެ،" އެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން ވިލާ އަށް ދޫކުރި ބައެއް ތަންތަން އަތުލުމުގެ އިތުރުން ވިލާ އަށް ދައުލަތުން ދައްކަންޖެހޭ 16 މިލިއަން ޑޮލަރު އަދިވެސް ވިލާއަކަށް ނުލިބެ އެވެ. އެއީ މީގެ 12 އަހަރު ކުރިން ރިސޯޓް ހަދަން ދޭން އެއްބަސްވި ތިން ރަށެއްގެ އެޑްވާންސް ފައިސާގެ ގޮތުގައި ވިލާ އިން ސަރުކާރަށް ދެއްކި ފައިސާ ކަމަށާއި އެ ފައިސާ ނެގުމަށް ފަހު ސަރުކާރުން އެ ރަށްތައް ހަވާލު ނުކުރާތީ އެކަމުގެ ގެއްލުން ވެސް ވިލާ އަށް ކުރިމަތިވެފައިވާ ކަމަށް އެ ބަޔާނުގައިވެ އެވެ.

"އެ ރަށްތައް ހަދާ ހިންގައިފި ނަމަ، ލިބޭނެ ފައިދާ އަށް ބެލުމުން ސަރުކާރުން މިކަމުގެ ބަދަލުގެ ގޮތުގައި މަދުވެގެން 150 މިލިއަން ޑޮލަރު އަޅުގަނޑުމެންގެ ކުންފުންޏަށް ލިބެންޖެހޭނެ ކަމަށް އަޅުގަނޑުމެންގެ ގާނޫނީ ބޭފުޅުން ދެކެ އެވެ،" އެ ބަޔާނުގައިވެ އެވެ.

ވިލާއާ ހަވާލު ނުކުރާ ކަމަށް އެ ބަޔާނުގައި އެ އިޝާރާތް ކުރާ ރަށްތަކަކީ ވިލާގެ ހިއްސާ އޮންނަ ވޯލްޑް ލިންކް ޓްރެވަލްސް (ޑަބްލިއުއެލްޓީ) އަށް ދޭން އެއްބަސްވި ރަށްތަކެކެވެ. އެ ރަށްތައް ނުލިބުމުން ގެއްލުމުގެ ބަދަލަށް 126 މިލިއަން ޑޮލަރު ހޯދަން ޑަބްލިއު އެލްޓީން ދައުވާ ކުރިޔަސް، ސިވިލް ކޯޓާއި ހައި ކޯޓުން ކުރިން ނިންމާފައި އޮތީ އެ ފައިސާ ނަގައިދެވެން ނެތް ކަމަށެވެ.

މީގެ އިތުރުން ވިލާއަށް ދޫކުރި ގދ. ކާޑެއްދޫ އެއާޕޯޓު ވެސް 50 އަހަރަށް ދޫކުރުމަށް ފަހު އެތަން މިދިޔަ އަހަރު ސަރުކާރުން އަތުލުމުގެ އިތުރަށް، އެ އެއްބަސްވުމާ ގުޅިގެން ސަރުކާރުން ދޭން އެއްބަސްވި ރަށް ވިލާއާ ހަވާލު ނުކުރާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. އެއާޕޯޓް އަތުލިި މައްސަލަ ކޯޓުގައި ހިނގަމުންދާއިރު، އެ އެއްބަސްވުމާ ގުޅިގެން ދޭން އެއްބަސްވި ރަށް ހަވާލު ނުކުރުމުގެ ސަބަބުން ވިލާއަށް ލިބުނު ގެއްލުމަށް ވެސް ސަރުކާރުން ބަދަލު ދޭންޖެހޭނެ ކަމަށް އެ ބަޔާނުގައިވެ އެވެ.

ވިލާގެ އެކި ކުންފުނިތައް އަތުން 166 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ހޯދަން ދައުލަތުން ދައުވާކުރާ މައްސަލަތައް ކޯޓުގައި ދަނި ހިނގަމުންނެވެ. އޭގެ ތެރޭގައި ހިމެނެނީ ރަށްތަކުގެ ކުއްޔާއި ޖޫރިމަނާ އާއި އެކި ބާވަތުގެ ޓެކްސްގެ ގޮތުގައި ހޯދަން އެދޭ ފައިސާ އެވެ.

ފައިސާ ހޯދަން ވިލާއާ ދެކޮޅަށް ސަރުކާރުން ދައުވާ ކުރާއިރު، ވިލާ އަތުން އަތުލި ރަށްތަކުގެ މައްސަލާގައި ވިލާއިން ވަނީ ސަރުކާރާ ދެކޮޅަށް ދައުވާކޮށްފަ އެވެ. އަތުލި ރަށްތަކުގެ މައްސަލާގައި ސިވިލް ކޯޓުން ވިލާއާ އެއްކޮޅަށް ހުކުމް ކޮށްފައި ވަނިކޮށް ދައުލަތުން އެ މައްސަލަތައް އިސްތިއުނާފް ކުރުމުން ހައި ކޯޓުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ.