Roadha Mihaaru
ރައީސް ޔާމީން މަގާމުން ދުރުކުރުމަށް ސުޕްރީމް ކޯޓަށް

ރައީސް ޔާމީން މަގާމުން ދުރުކޮށްދިނުމަށް އެދި ސުޕްރީމް ކޯޓަށް ހުށަހަޅައިފި

28 ޖެނުއަރީ 2018

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން، އެމަނިކުފާނު މަގާމުން ދުރުކޮށްދިނުމަށް އެދި އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުތަކާ ގުޅިގެން، އެމަނިކުފާނު މަގާމުން ދުރުކޮށްދިނުމަށް އެދި އިދިކޮޅު ފަރާތްތަކުން ސުޕްރީމް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅައިފި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެމަނިކުފާނާއި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް އަދި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު، ރައީސް ޔާމީންގެ މައްޗަށް ކުރާ ކޮރަޕްޝަންގެ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ ކަމަށެވެ.

"އަޅުގަނޑުމެން ސުޕްރީމް ކޯޓުގައި އެދުނީ ރައީސް ޔާމީން މަގާމުން ދުރުކުރުމަށް،" ނަޝީދުގެ ޓުވީޓުގައި ވެ އެވެ.

މި މައްސަލައިގެ ތަފްސީލު ހާމަކުރަން އިދިކޮޅު ޕާޓީތަކުން ނެރުނު ނޫސް ބަޔާނުގައި ބުނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމް އަދާކުރެއްވުމަށް، ރައީސް އަބްދުﷲ ޔާމީން އުޒުރުވެރިވެއްޖެ ކަމަށް، ގާނޫނުއަސާސީގައިވާ ހަމަތަކުން ކަނޑައަޅައިދޭން ސުޕްރީމް ކޯޓުގައި އެދުނީ، މި ސަރުކާރުގައި ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް ބޮޑުވެފައިވާތީ ކަމަށެވެ. އަދި ރައްޔިތުންގެ އަސާސީ ހައްގުތަކާއި މިނިވަންކަން ފާޅުގައި ނިގުޅައިގަނެ، ރައްޔިތުންގެ މަޖިލިސް ހުއްޓުވައި މިނިވަން މުއައްސަސާތަކުގެ ބާރުކަނޑުވާލާފައިވާތީވެ ރާއްޖެ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކޮށްދޭން ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ބަޔާނުގައި ބުނިގޮތުގައި މިނިވަން މުއައްސަސާތަކަށް ރައީސް ޔާމީން ނުފޫޒު ފޯރުއްވާފައިވާތީ މި މައްސަލަތައް އެ މުއައްސަސާތަކުން އިންސާފުވެރިކަމާއި އަދުލުވެރިކަމާ އެކު ކުރިއަށް ނުގެންދެވޭނެ އެވެ.

"ކަންމިހެން ހުރުމުން، ހުށަހެޅުނު މައްސަލާގައި އެދިފައި ވާނީ ގާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ހ.ގެ 1 އަދި 2 ވަނަ ނަމްބަރުގައިވާ ހާލަތްތަކަށް ރިއާޔަތްކޮށް، ރައީސް ޔާމީން ގާނޫނުއަސާސީ އާއި ގާނޫނާ ކަނޑައެޅިގެން ހިލާފުވެއްޖެ ކަމަށާއި އަދި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުރެ ކުރުން އެކަށީގެން ނުވާ ފަދަ ކަމެއް ކޮށްފި ކަމަށް ކަނޑައަޅައިދެއްވުމަށާއި ރައީސް ޔާމީންގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ އަމަލުތައް ތަހުގީގުކުރުމަށްޓަކައި ހާއްސަ ތަހުގީގު ކޮމެޓީއެއް އެކުލަވާލައި ރައީސް ޔާމީން ގާނޫނުއަސާސީގެ 127 ވަނަ މާއްދާގައިވާ ގޮތަށް ޖަވާބުދާރީ ކުރުވުމަށެވެ،" އިދިކޮޅު ޕާޓީތަކުން ނެރުނު ބަޔާނުގައިވެ އެވެ.

އިދިކޮޅު ފަރާތްތަކުން ކުނޫޒްގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވިދާޅުވީ ރައީސް ޔާމީން މަގާމުން ދުރުކުރަން، ސުޕްރީމް ކޯޓަށް ހުށަހެޅީ އެމަނިކުފާނަށް ތުހުމަތު ކުރެވޭ މައްސަލަތަކުގައި މިނިވަންކަމާ އެކު މަސައްކަތް ކުރަން މިނިވަން މުއައްސަސާތަކުން ނުކުޅެދިފައިވާތީ ކަމަށެވެ. ރައީސް ޔާމީނަށް ތުހުމަތު ކުރެވޭ މައްސަލަތައް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ވެސް ހައްލެއް ލިބިފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރައީސް ޔާމީނަށް ލިބިވަޑައިނުގަންނަވާ ބާރުތަކުގެ ބޭނުންހިއްޕަވައި ކަންކަން ކުރެއްވުމާއި، އެ މަނިކުފާނަށް ތުހުމަތު ކުރެވޭ މައްސަލަތައް މިނިވަން މުއައްސަސާތަކުން ނުބަލާތީވެ އަޅުގަނޑުމެން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ،" އިބޫ ވިދާޅުވި އެވެ.