Roadha Mihaaru
ހައްޖު ދަނީ ސިޔާސީ ކުރަމުން: އިންޑޮނީޝިއާގެ ޒުވާނުން

ސައުދީން ހައްޖު ސިޔާސީ ކުރާ ކަމަށް އިންޑޮނީޝިއާގެ ޒުވާނުން ބުނެފި

28 ޖެނުއަރީ 2018

ޖަކާޓާ (ޖެނުއަރީ 28) - ހައްޖަކީ ސިޔާސީ ކަމަކަށް ސައުދީ އަރަބިއާ އިން ހަދާފައިވާ ކަމަށް އިންޑޮނީޝިއާގެ ޒުވާނުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޖަކާޓާ (ޖެނުއަރީ 28) - ހައްޖަކީ ސިޔާސީ ކަމަކަށް ސައުދީ އަރަބިއާ އިން ހަދާފައިވާ ކަމަށް އިންޑޮނީޝިއާގެ ޒުވާނުން ބުނެފި އެވެ.

މުސްލިމް ސްޓޫޑެންޓްސް އެސޯސިއޭޝަން (އެޗްއެމްއައި) ގެ ޗެއާމަން ޒިޔާދު އަބްދުލް މާލިކް ވިދާޅުވީ މައްކާ އަށް އަޅުކަމަށްދާ ގައުމުތަކަށް ސައުދީގެ ސިޔާސަތާ އެއްގޮތަށް އުޅެން މަޖްބޫރު ކުރުވާ ކަމަށެވެ. އިންޑޮނީޝިއާގެ ކިޔަވާ ކުދިންގެ އެންމެ ބޮޑު ޖަމިއްޔާ ކަމަށްވާ އެޗްއެމްއައި އިން ވަނީ "އިސްލާމިކް ހޯލީ ޕްލޭސަސް ފޯ އޯލް އޮފް ދި އުއްމާ" ގެ ނަމުގައި ޔޫތު ކޮންފަރެންސެއް އިންތިޒާމް ކޮށްފަ އެވެ.

މާލިކް ވިދާޅުވީ އެ ކޮންފަރެންސަށް ވެސް ސައުދީން ނުފޫޒް ފޯރުވާފައިވާ ކަމަށެވެ. ޖަކާޓާގެ ސްޓޭޓް އިސްލާމިކް ޔުނިވާސިޓީގައި ބާއްވަން ރޭވި ކޮންފަރެންސް ފަހުން ވަނީ ސައުދީ އެމްބަސީން އެދިގެން ޑިޕޮކުގެ އިންޑޮނީޝިއާ ޔުނިވާސިޓީ އަށް ބަދަލުކޮށްފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮންފަރެންސްގައި ބައިވެރިވި އެހެން ޖަމާއަތަކުން ބުނެފައި ވަނީ ހައްޖުގެ އަޅުކަމަށް އެއްވެސް ބަޔަކު ދިއުމަށް ސައުދީން މަނާ ނުކުރެވޭނެ ކަމަށެވެ. މި ގޮތުން ގަތަރު، ސީރިއާ، ޔަމަން އަދި އީރާނުގެ މީހުން ހައްޖަށް ދިއުމުގައި އުނދަގޫތައް ދިމާވާ ކަމަށް ކޮންފަރެންސްފައި ވަނީ ފާހަގަކޮށްފަ އެވެ.

ދުނިޔޭގައި މުސްލިމުންގެ އާބާދީ އެންމެ ބޮޑު އިންޑޮނީޝިއާ އިން މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގައި 221،000 މީހުން ބައިވެރިވި އެވެ.

ކޮންފަރެންސްގެ ބައިވެރިން ބުނެފައި ވަނީ ހައްޖުގެ ކަންކަން މެނޭޖް ކުރަން ބައިނަލްއަގުވާމީ ޖަމާއަތެއް އުފެއްދުމާ ބެހޭ ގޮތުން މަޝްވަރާ ކުރަން ވަރަށް އަވަހަށް ބޮޑު ކޮންފަރެންސެއް ބާއްވާނެ ކަމަށެވެ.

"އެ ކޮންފަރެންސަށް ދީނީ އިލްމުވެރިންނާއި ސައުދީ އަރަބިއާ އަށް ވެސް ދައުވަތު ދޭނަން،" ކޮންފަރެންސްގައި ބައިވެރިވި ޖީއެސްއެމްޕީ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލް މުޖްތަހިދު ހަޝީމް ވިދާޅުވި އެވެ.