Roadha Mihaaru
ވިކްޓަރީގެ ކޯޗަކަށް އަނެއްކާ ވެސް ކިސް!

ވިކްޓަރީގެ ކޯޗަކަށް އަނެއްކާ ވެސް ކިސް!

29 ޖެނުއަރީ 2018

ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ކޯޗަކަށް އަނެއްކާ ވެސް ހަންގޭރީގެ ލާސްލޯ ކިސް ހަމަޖައްސައިފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ވިކްޓަރީ ސްޕޯޓްސް ކްލަބުގެ ކޯޗަކަށް އަނެއްކާ ވެސް ހަންގޭރީގެ ލާސްލޯ ކިސް ހަމަޖައްސައިފި އެވެ.

ވިކްޓަރީގެ ޗެއާމަން އިބްރާހިމް ނަޒީމް ވަނީ ކިސް ގެންނަން ހަމަޖެހިފައިވާކަން "މިހާރަ"ށް ކަށަވަރުކޮށްދެއްވާފަ އެވެ. އޭނާ ވިދާޅުވީ ޓީމަށް އަލަށް ގެންނަ ކުޅުންތެރިންގެ މައުލޫމާތު މާދަމާ މީޑިއާއަށް ހާމަކުރައްވާނެ ކަމަށެވެ.

މިދިޔަ އަހަރުގެ އެސްޓީއޯ މާލޭ ލީގުގެ ގަދަ ހަތަރަކުން ކަޓައި ސީޒަން ނިންމާލަން ޖެހުނު ވިކްޓަރީން އާ ސީޒަނަށް ތައްޔާރުވުމުގައި، ދުވެލި ލަސްކަމުން ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

މިދިޔަ ސީޒަނުގައި އެ ޓީމަށް ކުޅުނު ބައެއް މުހިއްމު ކުޅުންތެރިން ވަނީ އުރީދޫ ދިވެހި ޕްރިމިއާ ލީގުން ޖާގަ ނުލިބުމުން އެހެން ޓީމުތަކަށް ބަދަލުވެފަ އެވެ. އޭގެ ތެރެއިން މާޒިޔާ އަށް ބަދަލުވި މުހައްމަދު އާރިފް (ބަކާ) ކްލަބް އީގަލްސް އަށް ބަދަލުވެފައިވާއިރު އިސްމާއިލް އީސާ ވަނީ މާޒިޔާއާ އެކު ދިގު މުއްދަތުގެ ކޮންޓްރެކްޓެއް ހަދައިފަ އެވެ. ނިއު ރޭޑިއަންޓަށް ބަދަލުވި ހަސަން އަދުހަމް (ސަޑޭ) ނިއުގައި މަޑުކުރިއިރު ގދ. ތިނަދޫ އަށް ދިޔަ އަހުމަދު ނިއާޒް ވަނީ ކްލަބް ގްރީންސްޓްރީޓްސް އަށް ގޮސްފަ އެވެ.

ރާއްޖޭގައި އެންމެ މަޝްހޫރުވި ބިދޭސީ ކޯޗު އަދި ވެލެންސިއާއާ އެކު ގިނަ ކާމިޔާބީތަކެއް ހޯދި ހަންގޭރީގެ ކިސް ވިކްޓަރީ އެންމެ ފުރަތަމަ ގެނައީ 2016 ވަނަ އަހަރުގެ ސީޒަނުގެ މެދުތެރެއިންނެވެ.

ވެލެންސިއާގެ ތާރީހުން ހާއްސަ ޖާގައެއް ހޯދާފައިވާ ކިސް އެންމެ ފުރަތަމަ ރާއްޖެ އައީ 1996 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ދެ ފަހަރެއްގެ މަތިން ވެލެންސިއާ އަށް ކޯޗުކޮށްދިނެވެ. އޭނާގެ ހާއްސަ ކާމިޔާބީތަކުގެ ތެރޭގައި 1999 ވަނަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބުކޮށްދިނުމާއި 2004 ވަނަ އަހަރުގެ ދިވެހި ލީގު ކާމިޔާބުކޮށްދިނުން ހިމެނެ އެވެ. އޭނާ ވެލެންސިއާ އަށް އެންމެ ފަހުން ކޯޗުކޮށްދިނީ 2005 ގަ އެވެ.

އޭގެ ފަހުން އޭނާ ރާއްޖެ އައީ ވީބީ ސްޕޯޓްސް އަށް ކޯޗުކޮށްދޭށެވެ. ކިސް ވަނީ އެ ޓީމަށް 2009 އަދި 2010 ވަނަ އަހަރުގެ ދިވެހި ލީގު ކާމިޔާބުކޮށްދީފަ އެވެ. އަދި 2008 ވަނަ އަހަރު ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ވެސް ހޯދި އެވެ. މައްސަލަ ބޮޑު އެކަމަކު ކާމިޔާބު ކޯޗެއްގެ ގޮތުގައި ސިފަކުރެވޭ ކިސް ވަނީ 2013 ވަނަ އަހަރު ރާއްޖޭގެ ގައުމީ ކޯޗުކަމަށް ވެސް ކުރިމަތިލައިފަ އެވެ.

ކިސްގެ ދަރިފުޅު އަދި ވެލެންސިއާ، ވީބީ އަދި ވިކްޓަރީގައި އޭނާގެ އެސިސްޓަންޓަކަށް މަސައްކަތްކުރި ހަކީމް ކިސް (ޗަބާ) ދިރިއުޅެނީ، ރާއްޖޭގެ ކުރީގެ އެއް ވަނަ ދުވުންތެރިޔާ ޔަޒްނީ ނަޝީދާ (ޔަޒޫ) އާ ކައިވެނިކޮށްގެން ރާއްޖޭގަ އެވެ.