Roadha Mihaaru
"މިއީ ފަހަކަށް އައިސް ކުރި އެންމެ ބުރަ މަސައްކަތް"

މިއީ ފަހަކަށް އައިސް ކުރި އެންމެ ބުރަ މަސައްކަތް: ކިސް

02 ނޮވެމްބަރ 2016

ވިކްޓަރީ ސްޕޯޓްސް ކްލަބާ އެކު މި ސީޒަނުގައި ކުރީ ފަހަކަށް އައިސް ފުޓްބޯޅަ ކެރިއަރުގައި ކުރި އެންމެ ބުރަ މަސައްކަތް ކަމަށް ހަންގޭރީގެ ލާސްލޯ ކިސް ބުނެފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ވިކްޓަރީ ސްޕޯޓްސް ކްލަބާ އެކު މި ސީޒަނުގައި ކުރީ ފަހަކަށް އައިސް ފުޓްބޯޅަ ކެރިއަރުގައި ކުރި އެންމެ ބުރަ މަސައްކަތް ކަމަށް ހަންގޭރީގެ ލާސްލޯ ކިސް ބުނެފި އެވެ.

ކުރިން ވެލެންސިއާ އާއި ވީބީ ސްޕޯޓްސް އަށް ކޯޗުކޮށްދިން ކިސް ވިކްޓަރީއާ ހަވާލުވީ ލީގުގެ ވަކި ހިސާބަކުންނެވެ. އޭނާއާ އެކު ޓީމުގެ ނަތީޖާތައް ރަނގަޅުވި ނަމަވެސް ލީގުގެ ގަދަ ހަޔެއްގެ ނުހިމެނުމުން އެ ޓީމު ވަނީ ރެލިގޭޝަން ޕްލޭއޮފުގައި ކުޅެން ޖެހިފަ އެވެ. އެކަމަކު ޕްލޭއޮފް ދެ ލެގުން ކްލަބް ޒެފްރޯލް އަތުން މޮޅުވެ ވިކްޓަރީ ވަނީ ފުރަތަމަ ޑިވިޝަނުގެ ޖާގައެއް ކަށަވަރުކޮށްފަ އެވެ. އެފްއޭ ކަޕުގެ ކުއާޓާ ފައިނަލުގައި އެ ޓީމު މިރޭ ނުކުންނާނީ ކިސްގެ ކުރީގެ ޓީމު ވެލެންސިއާއާ ދެކޮޅަށެވެ.

"މިއީ އަހަރެންގެ ކެރިއަރުގައި ފަހަކަށް އައިސް ކުރި އެންމެ ބުރަ މަސައްކަތް. މުޅިން އާ ކުޅުންތެރިންތަކެއް ގޮވައިގެން ނުކުމެ މިހިސާބަށް އާދެވުނީ. ވަރަށް އުދަނގޫ މަސައްކަތެއް މިއީ،" ކިސް ބުންޏެވެ.

އޭނާ ބުނީ ވިކްޓަރީގެ މެނޭޖްމަންޓުގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނު ކަމަށާއި އޭނާގެ އެންމެ ބޮޑު ހިތްވަރަކީ ކުޅުންތެރިން ކަމަށެވެ. މީގެ އިތުރުން ކިސް ވަނީ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި އޭނާގެ ދަރިފުޅު ސަބާ ކިސްގެ މަސައްކަތް ވެސް ފާހަގަކޮށްފަ އެވެ.

"ކުޅުންތެރިންތަކެއްގެ މަސައްކަތެއް ނެތި ކާމިޔާބެއް ނުހޯދޭނެ. ވަރަށް ބޮޑަށް ހިތްހަމަޖެހޭ ވިކްޓަރީގެ ކުޅުންތެރިން ކުރި މަސައްކަތާ ދޭތެރޭ،" ކިސް ބުންޏެވެ.

ކިސް ވަނީ ވިކްޓަރީން މި ސީޒަނުގައި ފާހަގަކުރެވުނު ދެ ކުޅުންތެރިން ކަމަށްވާ މުހައްމަދު ރިސްވާނާއި އަހުމަދު ރިޒްވާން އިސްމާއިލަށް ތައުރީފުކޮށްފަ އެވެ. ކިސް ބުނީ ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އެ ކުޅުންތެރިން ދާނީ ކުރިއަރަމުން ކަމަށެވެ.

"މި ކުޅުންތެރިންގެ ތަފާތަކީ ބުރަ މަސައްކަތް. އެއީ އުއްމީދީ ކުޅުންތެރިންތަކެއް،" ކިސް ބުންޏެވެ.

އަންނަ ސީޒަނަށް ވިކްޓަރީ ވަރުގަދަކުރުމުގެ މަސައްކަތްކުރަމުން އަންނަ ކިސް ބުނީ ކުރިމަގާ މެދު ވަކި އެއްޗެއް ބުނަން އަދި ނޭގެ ކަމަށެވެ.

"ފަހަރެއްގައި އަހަރެން ފެނިދާނެ،" ކިސް ބުންޏެވެ.

ވެލެންސިއާގެ ތާރީހުން ހާއްސަ ޖާގައެއް ހޯދާފައިވާ ކިސް އެންމެ ފުރަތަމަ ރާއްޖެ އައީ 1996 ވަނަ އަހަރު އެވެ. އޭގެ ފަހުން އޭނާ ދެ ފަހަރެއްގެ މަތިން ވެލެންސިއާ އަށް ކޯޗުކޮށްދިނެވެ. އޭނާގެ ހާއްސަ ކާމިޔާބީތަކުގެ ތެރޭގައި 1999 ވަނަ އަހަރުގެ އެފްއޭ ކަޕް ކާމިޔާބުކޮށްދިނުމާއި 2004 ވަނަ އަހަރުގެ ދިވެހި ލީގު ކާމިޔާބުކޮށްދިނުން ހިމެނެ އެވެ. އޭނާ ވެލެންސިއާ އަށް އެންމެ ފަހުން ކޯޗުކޮށްދިނީ 2005 ގަ އެވެ.

އޭގެ ފަހުން އޭނާ ރާއްޖެ އައީ ވީބީ ސްޕޯޓްސް އަށް ކޯޗުކޮށްދޭށެވެ. ކިސް ވަނީ އެ ޓީމަށް 2009 އަދި 2010 ވަނަ އަހަރުގެ ދިވެހި ލީގު ކާމިޔާބުކޮށްދީފަ އެވެ. އަދި 2008 ވަނަ އަހަރު ރާއްޖޭގެ އެންމެ މޮޅު ކޯޗުގެ އެވޯޑް ވެސް ހޯދި އެވެ. މައްސަލަ ބޮޑު އެކަމަކު ކާމިޔާބު ކޯޗެއްގެ ގޮތުގައި ސިފަކުރެވޭ ކިސް ވަނީ 2013 ވަނަ އަހަރު ރާއްޖޭގެ ގައުމީ ކޯޗުކަމަށް ވެސް ކުރިމަތިލައިފަ އެވެ.