Roadha Mihaaru
ފާރިސް ދެކެ ރައީސް ޖެހިލުންވެ ވަޑައިގަންނަވާ: އަދީބު

ފާރިސް ދެކެ ރައީސް ޔާމީން ޖެހިލުންވެ ވަޑައިގަންނަވާ: އަދީބު

29 ޖެނުއަރީ 2018

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަކީ ރައީސް އަބްދުﷲ ޔާމީން ޖެހިލުންވެ ވަޑައިގަންނަވާ ބޭފުޅެއް ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނަކީ ރައީސް އަބްދުﷲ ޔާމީން ޖެހިލުންވެ ވަޑައިގަންނަވާ ބޭފުޅެއް ކަމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ވިދާޅުވެއްޖެ އެވެ.

ރިޝްވަތުގެ ތުހުމަތުގައި، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަލުން ފާރިސް ދެވަނަ ފަހަރަށް މިދިޔަ ހޮނިހިރު ދުވަހު ހައްޔަރު ކޮށްފައި ވަނިކޮށް، އަދީބުގެ ފަރާތުން ނެރުނު ބަޔާނެއްގައި ވަނީ ފާރިސްގެ ބޮލުގައި ދޮގު އިލްޒާމްތައް އަޅުވަނީ ފާރިސްގެ ބައްޕާފުޅު މައުމޫން ޖަލަށް ލާން ނުކުރޭތީ، އެމަނިކުފާނުގެ ދަރިކަލަކަށް ގޯނާ ކުރުމުގެ ގޮތުން ކަމަށެވެ. އަދި އެކަން އެގޮތަށް ކުރައްވަނީ ފާރިސްއާ މެދު ރައީސް ޔާމީން ޖެހިލުންވެ ވަޑައިގަންނަވާތީ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

ކުރިން ރައީސް ޔާމީނާ އެންމެ ގާތް އަދި އެންމެ އިތުބާރު ކުރެއްވި ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އަދީބު ދެކެވަޑައިގަންނަވާ ގޮތުގައި، އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓަކަށް ފާރިސް ނެރެފާނެ ކަމަށް ބެލެވުމަކީ ވެސް ފާރިސް އަށް އަދަބު ދީ، ޖަލަށް ލި އެއް ސަބަބެވެ.

ފާރިސް މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކޮށްގެން ގެންދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ފާރިސް މިދިޔަ ހޮނިހިރު ދުވަހު ހައްޔަރުކޮށްގެން ގެންދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"ފާރިސް މައުމޫނަކީ އެންމެންނާ ގުޅިގެން މަޝްވަރާ ކުރުމުގެ ގާބިލްކަން ހުރި މީހެއް ކަން އޭނާ ވަނީ ސާބިތުކޮށް ދެއްވާފަ އެވެ. އަދި ސިޔާސީ ލީޑަޝިޕް ވެސް ވަނީ ދައްކަވާފަ އެވެ. އަދި ޖަލަށް ލިޔަސް އަޒުމަށް ހިތްވަރަށް އެއްވެސް ބަދަލެއް ނައިސް، ގައުމުގެ ހައްގުގައި އެ ގެންދަވަނީ މަސައްކަތް ކުރައްވަމުންނެވެ،" ތަފާތު އެކި މައްސަލަތަކުގައި 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަދީބުގެ ބަޔާނުގައިވެ އެވެ.

އެ ބަޔާނުގައިވާ ގޮތުން، ދިއްގަރު ދާއިރާއަށް ފާރިސް ހޮވިޔަ ނުދިނުމަށްޓަކައި ބޮޑުބޭބޭފުޅު ރައީސް ޔާމީން މަސައްކަތްޕުޅު ކުރެއްވި އެވެ. ފާރިސް މަޖިލީހަށް ހޮވިވަޑައިގަތީ އަދީބު ވިދާޅުވެފައިވާ ގޮތުން ނަމަ، ބައްޕާފުޅު މައުމޫންގެ މަސައްކަތްޕުޅުންނެވެ. އަދި ޕީޕީއެމް އުފެއްދުމުގައި އެންމެ ބުރަ މަސައްކަތެއް ކުރެއްވީ، 2013 ވަނަ އަހަރު ބޭއްވި ޕީޕީއެމްގެ ކޮންގްރެސްގައި އެ ޕާޓީގެ ކައުންސިލަށް އެންމެ ގިނަ ވޯޓާއެކު ހޮވިވަޑައިގަތް ފާރިސް ކަމަށް ވެސް އަދީބުގެ ބަޔާނުގައި ވެ އެވެ.

ނައިބު ރައީސްކަމުގެ ހުވާ، ރައީސް ޔާމީންގެ ކުރިފުޅުމަތީގައި އަދީބު ކުރައްވަނީ: އަދީބު ޖަލަށް ލުމާ ހަމައަށް، ރައީސް ޔާމީން އެންމެ އިތުބާރު ކުރެއްވި އެއް ބޭފުޅަކީ އަދީބު.---ފައިލް ފޮޓޯ: ރައީސް އޮފީސް

ނައިބު ރައީސްކަމުގެ ހުވާ، ރައީސް ޔާމީންގެ ކުރިފުޅުމަތީގައި އަދީބު ކުރައްވަނީ: އަދީބު ޖަލަށް ލުމާ ހަމައަށް، ރައީސް ޔާމީން އެންމެ އިތުބާރު ކުރެއްވި އެއް ބޭފުޅަކީ އަދީބު.---ފައިލް ފޮޓޯ: ރައީސް އޮފީސް

އަދީބު ވިދާޅުވީ، މައުމޫންގެ ދެކެ ރައީސް ޔާމީން ވަރަށް ބޮޑު ހަސަދައެއް ގެންގުޅުއްވި ކަމަށާއި އެކަން އެނގިވަޑައިގަތީ، މައުމޫންގެ ވެރިކަމުގައި ހަދާފައި ހުރި ބިނާތައް ތަޅާލައި، އެހެން ތަންތަނަށް ބަދަލު ކުރަން ރައީސް ޔާމީން އެންގެވުމުން ކަމަށެވެ. އޭރު ރައީސް ޔާމީން، މައުމޫން އެކަހެރި ކުރެއްވީ ގައުމަށް ގެއްލުންވާ ގޮތަށް ކަންކަން ނުކުރެއްވުމަށާއި ސިޔާސީ މީހުން ޖަލަށް ނުލުމަށް މައުމޫން އެދިވަޑައިގަންނަވާތީ ކަމަށާއި އެއީ މައުމޫންގެ މައްސަލައެއް އޮވެގެން ކުރެއްވި ކަމެއް ނޫން ކަމަށް ބަޔާނުގައި ވެ އެވެ. އަދި 2018 ގެ ރިޔާސީ އިންތިޚާބު މައުމޫނާ ނުލައި ކާމިޔާބު ނުވާނެ ކަމަށް ރައީސް ޔާމީނަށް ދެންނެވި ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.

"ރައީސް ޔާމީންގެ ބާރު ގަދަކޮށް ދިނުމަށް އަޅުގަނޑު ރައީސް ޔާމީނަށް ވާގިވެރިވީ ޕާޓީގައި ރައީސް ޔާމީންގެ ބާރާއި ކޮންޓްރޯލް އޮތުމަކީ މުހިންމު ކަމެއް ކަމަށް އަޅުގަނޑަށް އޭރު ވިސްނިފައި އޮތީމަ އެވެ،" އަދީބު ވިދާޅުވި އެވެ.

ސިވިލް ކޯޓުގައި މި މަހުގެ ކުރީކޮޅު ބޭއްވި ޝަރީއަތަށް ފަހު، އަދީބު އަނބުރާ ދޫނިދު އަށް ގެންދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ސިވިލް ކޯޓުގައި މި މަހުގެ ކުރީކޮޅު ބޭއްވި ޝަރީއަތަށް ފަހު، އަދީބު އަނބުރާ ދޫނިދު އަށް ގެންދަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އަދީބު ވިދާޅުވެފައިވާ ގޮތުން އެމަނިކުފާނު މިއަދު ޖަލަށް ނުލައި ހުރި ނަމަ، ޕީޕީއެމްގެ ހިންގުން މައުމޫން އަތްޕުޅުން ނުނެގޭނެ އެވެ. އަދި މައުމޫނާއި ފާރިސްގެ އިތުރުން މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫނާ މެދު ވެސް ރައީސް ޔާމީން ހިތްޕުޅު ހަމަޖެހިވަޑައިނުގަންނަވަނީ ރައީސް ޔާމީން ވިދާޅުވާހާ ކަމަކަށް އެ ބޭފުޅުން އާނ ބަސް ވިދާޅު ނުވާތީ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ. އެކަމަކު މައުމޫނަށް އޮތް ތާއީދު ފޮހެލުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އަދީބު ވިދާޅުވި އެވެ.

ފާރިސް ދެވަނަ ފަހަރަށް ހައްޔަރު ކުރުމުގެ އިތުރުން އޭނާ ދިރިއުޅުއްވާ މ. ސްނޯރޯސް އާއި މައުމޫން ދިރިއުޅުއްވާ އެންދެރިމާގެ ވެސް ފުލުހުން ވަނީ ފާސްކޮށްފަ އެވެ. ފާރިސްގެ ބަންދަށް ކޯޓުން މިހާރު ވަނީ 15 ދުވަސް އިތުރުކޮށްފަ އެވެ.