Roadha Mihaaru
ތިން ކޯޓެއްގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ހައި ކޯޓާއި ކްރިމިނަލް ކޯޓު އަދި ސިވިލް ކޯޓަށް ފަނޑިޔާރުން ހޯދަން އިއުލާންކޮށްފި

30 ޖެނުއަރީ 2018

ހައި ކޯޓާއި ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހައި ކޯޓާއި ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ހުޅުވާލައިފި އެވެ.

ހައި ކޯޓަށާއި ކްރިމިނަލް ކޯޓު އަދި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ޖޭއެސްސީން ކުރިން ވެސް ހުޅުވައިލި އެވެ. އޭރު އެ ފުރުސަތު ހުޅުވައިލީ ހައި ކޯޓަށާއި ކްރިމިނަލް ކޯޓުން ކުރެ ކޮންމެ ކޯޓަކަށް ހަތަރު ފަނޑިޔާރުން އަދި ސިވިލް ކޯޓަށް ދެ ފަނޑިޔާރުން ހޯދުމަށެވެ. އޭރު އެ މަގާމުތަކަށް ކުރިމަތިލި ބޭފުޅުންގެ ތެރެއިން ހައި ކޯޓަށް އެއް ފަނޑިޔާރަކު އަދި ކްރިމިނަލް ކޯޓަށް ދެ ފަނޑިޔާރަކު މިދިޔަ ބުރާސްފަތި ދުވަހު ވަނީ އައްޔަންކޮށްފަ އެވެ.

ޖޭއެސްސީން މިއަދު އިއުލާން ކުރީ މިދިޔަ ހަފުތާގައި ފަނޑިޔާރުން އައްޔަން ކުރުމުން، ބާކީ ހުރި މަގާމުތަކަށް ކުރިމަތިލުމަށެވެ. އެހެންވެ، މިފަހަރު އިއުލާން ކުރީ ހައި ކޯޓަށް ތިން ފަނޑިޔާރުން އަދި ކްރިމިނަލް ކޯޓާއި ސިވިލް ކޯޓުން ކުރެ ކޮންމެ ކޯޓަކަށް ދެ ފަނޑިޔާރުން ހޯދުމަށެވެ.

އެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް ޖޭއެސްސީން ބުންޏެވެ.

ހައި ކޯޓަށް މިދިޔަ ހަފުތާގައި އައްޔަންކުރީ ހދ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓަކަށް ހުންނެވި މުހައްމަދު ނިޔާޒެވެ. ކްރިމިނަލް ކޯޓަށް އައްޔަންކުރީ ސ. ފޭދޫ ކޯޓުގެ މެޖިސްޓްރޭޓަށް ހުންނެވި ހުސައިން ޝަހީދާއި ޕީޖީގެ އޮފީހުގައި މަސައްކަތް ކުރެއްވި އަހުމަދު ހައިލަމެވެ.

ހައި ކޯޓުގެ ކޮންމެ ފަނޑިޔާރަކަށް މުސާރަ އާއި އިނާޔަތްތަކާއެކު، މަހަކު 54،000ރ. ލިބޭއިރު ކްރިމިނަލް ކޯޓުގެެ ކޮންމެ ފަނޑިޔާރަކަށް ލިބޭނީ މަހަކު 48،000ރ. އެވެ. ސިވިލް ކޯޓުގެ ފަނޑިޔާރުންނަށް ލިބޭނީ 46،000ރ. އެވެ.