Roadha Mihaaru
ޝަރީއަތް ލަސްވެފައިވާ މައްސަލަތަކުގެ ތަފްސީލް ހޯދަނީ

ޝަރީއަތް ލަސްވެފައިވާ މައްސަލަތަކުގެ ތަފްސީލު ޖޭއެސްސީން ހޯދަނީ

02 ފެބުރުއަރީ 2020

ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކުގެ ތެރެއިން ޝަރީއަތް ދިގުލައިގެން ގޮސްފައިވާ މައްސަލަތަކުގެ ތަފްސީލް ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޯޓުތަކުގައި ހިނގަމުންދާ މައްސަލަތަކުގެ ތެރެއިން ޝަރީއަތް ދިގުލައިގެން ގޮސްފައިވާ މައްސަލަތަކުގެ ތަފްސީލް ހޯދަން ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

ޖޭއެސްސީން ނެރުނު ބަޔާނުގައި ބުނީ ކޯޓުތަކުގައި މަޑުޖެހި، ގިނަ އަދަދަކަށް މައްސަލަތައް ލަސްވާ ކަމުގެ ޝަކުވާ އެ ކޮމިޝަނަށް ލިބެމުންދާ ކަމަށެވެ. މި މައްސަލަތައް އަވަސްކުރަން ފިޔަވަޅު އެޅުމަށް، ޝަރީއަތުގެ އަޑުއެހުން ލަސްވެފައިވާ މައްސަލަތައް ދެނެގަންނާނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

ޖޭއެސްސީން ބުނިގޮތުގައި ޝަރީއަތުގެ އަޑު އެހުމެއް ނުބާއްވާތާ އަހަރަކަށް ވުރެން ގިނަ ދުވަސްވެފައިވާ މައްސަލަތައް އެ ކޮމިޝަނަށް ފޮނުވައިދޭން ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި އެދުމަށް މިއަދުގެ ޖަލްސާގައި ވަނީ ނިންމައިފަ އެވެ.

ކޯޓުތަކުގައި މައްސަލަތައް ނުނިމި ފުނިޖެހިފައިވާ ކަމުގެ ޝަކުވާ މި ބޮޑުވީ ދެ އަހަރު ނުފުރޭ ކުއްޖަކަށް އާއިލާގެ ތެރެއިން ޖިންސީގޯނާގެ ޝިކާރައަކަށް ހެދި މައްސަލައާ ގުޅިގެން ފެންމަތިވި އެހެން ގިނަ މައްސަލަތަކުގައި މުއައްސަސާތަކުން ވެފައިވާ އިހުމާލުގެ މައްސަލަަތައް ފަޅާއެރުމުންނެވެ. ޚާއްސަކޮށް ޖިންސީގޯނާގެ މައްސަލަތަކުގައި ތަހުގީގު ލަސްވުމާއި ދައުވާ އުފުލުމުން ކޯޓުތަކުގައި މައްސަލަ ލަސްވާ ކަމުގެ ކަންބޮޑުވުން އޮތީ އިންތިހާގަ އެވެ.

ކުޑަކުދިންގެ ޖިންސީގޯނާކުރުން ފަދަ މައްސަލަތަކުގައި އިންސާފު ދިގުލައިގެންދާ މައްސަލައިގެ ކަންބޮޑުވުމާ އެކު ޔުނިސެފްގެ އެމްބެސެޑަރު، ފަސްޓް ލޭޑީ ފަޒްނާ އަހްމަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ މިއަދު ބައްދަލު ކުރައްވައިފަ އެވެ. ޖޭއެސްސީގައި ހިމެނިވަޑައިގަންނަވާ ނަޝީދާ ބައްދަލުކުރައްވައި އެކަމަނާ އެދިވަޑައިގަތީ، ކޯޓުތަކުގައި ހުރި ކުޑަކުދިންނާ ގުޅޭ އެކި މައްސަލަތައް ލަސްވާ މައްސަލައިގައި ހައްލަކަށް މަސައްކަތް ކޮށްދެއްވުމަށެވެ.

ދެ އަހަރުގެ ކުއްޖާ ރޭޕްކުރި މައްސަލައިގެ އިތުރުން ވެސް ކުޑަކުދިންނާ ގުޅުން ހުރި ގިނަ މައްސަލަތަކެއް މަޖިލީހުގެ ޖެންޑާ ކޮމިޓީން އަންނަނީ ބަލަމުންނެވެ.