Roadha Mihaaru
ޓާޓާ ފްލެޓްތައް އޮންލައިންކޮށް ވިއްކަން ހުޅުވާލައިފި

އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ފްލެޓްތައް ވިއްކަން އަލުން ހުޅުވާލައިފި

31 ޖެނުއަރީ 2018

ވިއްކުން މެދުކަނޑާލި ޓާޓާ ފްލެޓްތައް، އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ގަތުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވިއްކުން މެދުކަނޑާލި ޓާޓާ ފްލެޓްތައް، އޮންލައިން ޕޯޓަލްއެއް މެދުވެރިކޮށް ގަތުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނެރުނު އިއުލާނެއްގައި ބުނީ އެތަނުގެ ވެބްސައިޓުގައިވާ އޮންލައިން ޕޯޓަލް https://sales.hdc.com.mv/ އަށް ވަދެ ފްލެޓްތަކަށް ކުރިމަތިލެވޭނެ ކަމަށެވެ. މި ޕޯޓަލް އަށް ވަދެވޭނީ މިއަދު ހެނދުނު 10:00 އިން ފެށިގެން ކަމަށް އެ ކުންފުނިން ބުންޏެވެ. އަދި ކޮންމެ ދުވަހެއްގެ ވެސް ހެނދުނު 10 ން ހަވީރު 3 އަށް ޕޯޓަލް މެދުވެރިކޮށް ފްލެޓް ގަތުމަށް ކުރިމަތިލެވޭނެ އެވެ.

މި ޕޯޓަލް މެދުވެރިކޮށް ފްލެޓް ގަންނަން ހުށަހަޅާ ފަރާތްތަކުގެ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަށް ފަހު، ޝަރުތު ފުރިހަމަވާ ފަރާތްތަކާއި ފުރިހަމަ ނުވާ ފަރާތްތަކަށް އެކަން އެސްއެމްއެސްއަކުން އަންގާނެ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ. ފްލެޓްތައް ވިއްކުމާ ބެހޭ މައުލޫމާތު ވެސް މި ޕޯޓަލް މެދުވެރިކޮށް ލިބޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެ ކުންފުނިން ބުނިގޮތުގައި އުމުރުން 21 އަހަރުވެފައިވާ ދިވެހި ކޮންމެ ރައްޔިތަކަށް މި ފްލެޓްތަކަށް ކުރިމަތިލެވޭނެ އެވެ. ފްލެޓެއްގެ އަގަކީ ދެ މިލިއަން ރުފިޔާ އެވެ.

"މި ޝަރުތުތައް ފުރިހަމަވާ ކޮންމެ ފަރާތަކަށް ޕޯޓަލް މެދުވެރިކޮށް ހުށަހަޅުއްވާފައިވާ ލިޔެކިޔުންތަކުގެ އަސްލު ހުށަހެޅުމަށް ސަރުކާރު ބަންދު ނޫން 5 ދުވަހުގެ މުއްދަތެއް ދެވޭނެ އެވެ. އަދި އެ މުއްދަތުގެ ތެރޭގައި ދެންނެވުނު ލިޔެކިއުންތައް މި ކޯޕަރޭޝަނަށް ހުށަހަޅާފައިނުވާ ނަމަ، ފްލެޓް ގަތުމަށް އެ ފަރާތްތަކުން ހުށަހަޅާފައިވާ ހުށަހެޅުން ބާތިލް ކުރެވޭނެ އެވެ،" އެޗްޑީސީގެ ބަޔާނުގައިވެ އެވެ.

ގާކޮއްޓާއި އަރަބިއްޔާގައި އިމާރާތް ކުރި 264 ފްލެޓުގެ ތެރެއިން 105 ފްލެޓް ވިއްކާލަން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހުޅުވާލުމުން އެތައް ބަޔަކު މި ފްލެޓްތަކަށް ކިޔޫ ޖެހުނެވެ. މި ފްލެޓްތައް ވިއްކުން މެދުކަނޑާލީ ރައްޔިތުން ކިޔޫ ޖައްސައިގެން ފްލެޓް ދޫކުރުމަކީ ސަރުކާރުން ގަބޫލުކުރާ ކަމެއް ނޫން ބުނެ އެވެ.

ތިން ކޮޓަރި އާއި ދެ ފާޚާނާ އަދި ބަދިގެ ހިމެނޭ ފްލެޓްތަކުގެ ތެރެއިން ގާކޮށިން 75 ފްލެޓް ވިއްކާ އިރު، އަރަބިއްޔާ ބިމުން ވިއްކަނީ 30 ފްލެޓެވެ. މި ފްލެޓްތައް ވިއްކަން ހުޅުވާލީ ފްލެޓްތައް ލިބުނު މީހުން ދައްކަންޖެހޭ ފައިސާ ސަރުކާރަށް ނުދެއްކުމުންނެވެ. ބައެއް މީހުންނަށް ފައިސާ ނުދެއްކުނީ، މި މަޝްރޫއު ހުޅުވައިލި އިރު ފްލެޓްތައް ވިއްކަން ކަނޑައެޅި އަގަށް ވުރެ މާ ބޮޑު އަގަކަށް ވިއްކަން ނިންމުމާ ގުޅިގެން އުފުލަން ޖެހުނު ތަކުލީފުތަކާ ހެދި އެވެ.