Roadha Mihaaru
ޓާޓާގެ 47 ފްލެޓް ވިއްކައި ނިމިއްޖެ

ދެވަނަ ބުރަށް ހުޅުވާލި ޓާޓާގެ 47 ފްލެޓް ވިއްކައި ނިމިއްޖެ

15 އެޕްރީލް 2018

އިންޑިއާގެ ޓާޓާ ކުންފުނިން މާލޭގައި އިމާރާތްކުރި ފްލެޓްތަކުގެ ތެރެއިން ބާކީ 47 ފްލެޓް ވިކި ހުސްވެފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އިންޑިއާގެ ޓާޓާ ކުންފުނިން މާލޭގައި އިމާރާތްކުރި ފްލެޓްތަކުގެ ތެރެއިން ބާކީ 47 ފްލެޓް ވިކި ހުސްވެފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

އެޗްޑީސީން މިއަދު ހަވީރު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ދެވަނަ ބުރުގައި ވިއްކަން ހުޅުވާލި ފްލެޓް ގަތުމަށް ހުށަހެޅި ފަރާތްތަކުގެ ތެރެއިން، ސައްހަ ލިޔުން ހުށަހެޅި ފަރާތްތަކާ ގުޅިގެން ވިއްކުމުގެ ހުރިހާ މަރުހަލާތައް އެ ކުންފުނިން ކުރިއަށް ގެންދާނެ ކަމަށެވެ.

އެޗްޑީސީން މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ވިއްކަން ހުޅުވާލީ ކުރިން އަރަބިއްޔާ ސްކޫލް ހިންގި ބިން، މއ. ވޭސައިޑްގައި ހުރި 10 ފްލެޓަކާއި އަމީނީމަގުގައި ކުރިން ގާކޮށި ހުރި ތަނުން 37 ފްލެޓެވެ. އަދި އެ އިން ކޮންމެ ފްލެޓެއް ވިއްކަން ހުޅުވާލީ ދެ މިލިއަން ރުފިޔާ އަށެވެ.

އެޗްޑީސީން ވިއްކަން އިއުލާންކުރި 161 ފްލެޓްގެ ތެރެއިން މިހާތަނަށް ނުވިކި ހުރި 47 ވިއްކަން ހުޅުވާލުމުން، ފްލެޓްތަކަށް ކުރިމަތިލުމަށް ހަދާފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް ފްލެޓް ގަންނަން ހުށަހެޅުމަށް ދިނީ ކޮންމެ މީހަކަށް 30 މިނިޓެވެ. އަދި ފައިސާ ހަމަޖެހިފައިވާ ކަމުގެ ލިޔުން ހުށަހަޅަން ފަސް ދުވަހުގެ މުއްދަތެއް އެ ކުންފުނިން ދީފައި ވެ އެވެ.

އަރަބިއްޔާ ސްކޫލް ހުރި ތަނުގައި މާލޭ ގްރޭންޑްގެ ނަމުގައި ހަދާފައިވާ ފްލެޓްތަކާއި ގާކޮށީގައި މާލޭ ސްކޮއާގެ ނަމުގައި ހަދާފައިވާ ފްލެޓްތަކުން އޮންލައިން މެދުވެރިކޮށް ފްލެޓް ވިއްކަން އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ ޖެނުއަރީ 31 ވަނަ ދުވަހު އެވެ.

އެ ދެ ތަނުގައި ހަދާފައިވާ 264 ފްލެޓުގެ ތެރެއިން 105 ފްލެޓް ވިއްކާލަން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ހުޅުވައިލުމުން އެތައް ބަޔަކު މި ފްލެޓްތައް ގަތުމަށް ކިޔޫ ޖެހުނެވެ. ނަމަވެސް ރައްޔިތުން ކިޔޫ ޖައްސައިގެން ފްލެޓް ވިއްކުމަކީ ސަރުކާރުން ގަބޫލުކުރާ ކަމެއް ނޫން ކަމަށް ބުނެ، އޮންލައިންކޮށް ވިއްކަން ހަމަޖެއްސީ އެވެ.

ތިން ކޮޓަރި އާއި ދެ ފާޚާނާ އަދި ބަދިގެ ހިމެނޭ ފްލެޓްތަކުގެ ތެރެއިން ގާކޮށިން 161 ފްލެޓް ވިއްކަން ހުޅުވާލީ ފްލެޓްތައް ލިބުނު މީހުން ދައްކަންޖެހޭ ފައިސާ ސަރުކާރަށް ނުދެއްކުމުންނެވެ. ބައެއް މީހުންނަށް ފައިސާ ނުދެއްކުނީ، މި މަޝްރޫއު ހުޅުވައިލި އިރު ފްލެޓްތައް ވިއްކަން ކަނޑައެޅި އަގަށް ވުރެ މާ ބޮޑު އަގަކަށް ވިއްކަން ނިންމުމުންނެވެ.