Roadha Mihaaru
ޓާޓާ ފްލެޓްތަކަށް ފައިސާ ދައްކަން މުހުލަތެއް ދީފި

ޓާޓާ ފްލެޓްތަކަށް އޮކްޓޯބަރު 15 ގެ ކުރިން ފައިސާ ދައްކަން އަންގައިފި

29 އޯގަސްޓް 2017

މާލޭގައި އިމާރާތްކޮށްފައިވާ ޓާޓާ ފްލެޓްތަކަށް ފައިސާ ދެއްކުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ "ގެދޮރު އަގު ހެޔޮކުރުމުގެ ލޯނު ސްކީމް" ގެ ދަށުން އަންނަ އޮކްޓޯބަރު މަހުގެ 15 ގެ ކުރިން ފައިސާ ދެއްކުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު އަންގައިފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

މާލޭގައި އިމާރާތްކޮށްފައިވާ ޓާޓާ ފްލެޓްތަކަށް ފައިސާ ދެއްކުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެކުލަވާލާފައިވާ "ގެދޮރު އަގު ހެޔޮކުރުމުގެ ލޯނު ސްކީމް" ގެ ދަށުން އަންނަ އޮކްޓޯބަރު މަހުގެ 15 ގެ ކުރިން ފައިސާ ދެއްކުމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު އަންގައިފި އެވެ.

އެ ކޯޕަރޭޝަނުން ކުރި އިއުލާނެއްގައި ބުނީ، ގާކޮއްޓާއި ކުރީގެ އަރަބިއްޔާ ސްކޫލް ހުރި ބިމުގައި ހަދާފައިވާ ފްލެޓްތަަކަށް ލޯނު ހަމަޖެހުނުކަން އޮކްޓޯބަރު 15 އާ ހަމައަށް ލިޔުމުން އަންގަން ޖެހޭނެ ކަމަށެވެ. އަދި ލޯނު ހަމަނުޖެހިއްޖެ ނަމަ ފްލެޓް ގަތުމުގެ ފުރުސަތު ގެއްލޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

"...އަދި އެ ފަރާތްތަކަށް ހުޅުމާލޭން އަގުހެޔޮ ބޯހިޔާވަހިކަމުގެ މަޝްރޫއުއަކުން އަދި ކަނޑައަޅާ ޕްރިއޮރިޓީ ލިސްޓެއްގެ ދަށުން ފްލެޓް ލިބޭނެ ގޮތް ސަރުކާރުން ތަނަވަސް ކޮށްދެއްވާނެ ކަމުގައި ދެންނެވީމެވެ،" ސްކީމުގެ ދަށުން ލޯނު ހަމަނުޖެހޭ ފަރާތްތަކާ ގުޅޭ ގޮތުން އެޗްޑީސީގެ އިއުލާނުގައިވެ އެވެ.

ކުޑަ އިންޓަރެސްޓް ރޭޓެއްގައި ދޫކުރާ ލޯނުތަކަށް ޝަރުތު ހަމަވޭތޯ ބެލުމަށް އަންނަ މަހުގެ 12 ވަނަ ދުވަހުގެ ކުރިން ފޯމް ހުށަހަޅަން ޖެހެ އެވެ. އަދި ލޯނު ނެގުމަށް އެންމެ އެކަށީގެންވާ ބޭންކެއް ނުވަތަ ފައިނޭންޝަލް އިންސްޓިޓިއުޓެއްގެ މައުލޫމާތު އެ ފަރާތަކާ އެޗްޑީސީން ހިއްސާކުރާނެ އެވެ.

ލޯނަށް ޝަރުތު ހަމަވޭތޯ ބެލުމަށް ހުށަހަޅަންޖެހޭ "އަސާސީ މައުލޫމާތު ހުށަހަޅާ ފޯމް" އެޗްޑީސީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެ އެވެ.

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ބައެއް ފްލެޓްތައް: އޮކްޓޫބަރު 15 ވަނަ ދުވަހުގެ ކުރިން ޓާޓާ ފްލެޓްތަކަށް ލޯނު ހަމަޖައްސަން ޖެހޭނެ.--- ފޮޓޯ: މިހާރު

ހުޅުމާލޭގައި އިމާރާތްކޮށްފައިވާ ބައެއް ފްލެޓްތައް: އޮކްޓޫބަރު 15 ވަނަ ދުވަހުގެ ކުރިން ޓާޓާ ފްލެޓްތަކަށް ލޯނު ހަމަޖައްސަން ޖެހޭނެ.--- ފޮޓޯ: މިހާރު

އިންޑިއާގެ ޓާޓާ ކުންފުންޏާ ހަވާލުކޮށްގެން ގާކޮއްޓާއި ކުރީގެ އަރަބިއްޔާގެ ބިމުގައި ހެދި ފްލެޓްތައް ލިބުނު މީހުންނަށް ފުރަތަމަ އެންގީ މަހަކު ދައްކަން ޖެހޭނީ 9،725ރ. ކަމަށެވެ. އެކަމަކު މިދިޔަ އަހަރުގެ މާޗު މަހު ހައުސިން މިނިސްޓްރީން ފޮނުވި ސިޓީ އަކާ އެކު، އެ އަދަދު 33،000ރ. އަށް އަރަ އެވެ.

އާ ސްކީމުގެ ދަށުން 20 ޕަސެންޓްގެ (400،000ރ.) ޑައުންޕޭމަންޓެއް ދައްކައި، 10 އަހަރަށް ލޯނު ބަހާލައިފި ނަމަ ކޮންމެ މަހަކު ދައްކަން ޖެހޭނީ ގާތްގަނޑަކަށް 14،000ރ. އެވެ. އަދި 10 ޕަސެންޓްގެ (200،000ރ.) ޑައުންޕޭމަންޓެއް ދައްކައި، 10 އަހަރަށް ލޯނު ބަހާލައިފި ނަމަ ކޮންމެ މަހަކު ދައްކަން ޖެހޭނީ ގާތްގަނޑަކަށް 16،000ރ. އެވެ. ފަސް ޕަސެންޓްގެ (100،000ރ.) ޑައުންޕޭމަންޓެއް ދައްކައި، 10 އަހަރަށް ލޯނު ބަހާލައިފި ނަމަ ކޮންމެ މަހަކު ދައްކަން ޖެހޭނީ ގާތްގަނޑަކަށް 17،000ރ. އެވެ.

އެޗްޑީސީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ ޓާޓާ ފްލެޓްތަކުގެ ތެރެއިން މިހާތަނަށް ހަވާލު ކޮށްފައިވަނީ 53 އެޕާޓްމަންޓް ކަމަށެވެ. ބާކީ 235 އެޕާޓްމަންޓް އަދި ހަވާލެއް ނުކުރެ އެވެ.

މަރުކަޒީ ބޭންކުން އަލަށް އަމަލުކުރަން ފެށި ގަވާއިދުގެ ދަށުން ޑައުންޕޭމަންޓަށް 20 ޕަސެންޓަށް ވުރެ މަތީ އަދަދެއް ދައްކާ ނަމަ ލޯނުގެ އިންޓަރެސްޓް ރޭޓަކީ ފަސް ޕަސެންޓެވެ. އަދި 10-20 ޕަސެންޓާ ދެމެދުގެ ޑައުންޕޭމަންޓެއް ދައްކާ ނަމަ ލޯނުގެ އިންޓަރެސްޓް ރޭޓަކީ 5.5 ޕަސެންޓެވެ. ޑައުންޕޭމަންޓް 5-10 ޕަސެންޓާ ދެމެދުގައި ނަމަ އިންޓަރެސްޓް ރޭޓަކީ ހަ ޕަސެންޓެވެ.

ލޯނުގެ ގޮތުގައި މި ގަވާއިދުގެ ދަށުން ދޫކުރާނީ އެއް މިލިއަން ރުފިޔާ އާއި ދެ މިލިއަން ރުފިޔާ އެވެ. ޓާޓާ ފްލެޓްތައް ވިއްކަނީ ދެ މިލިއަން ރުފިޔާ އަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.