Roadha Mihaaru
ޓޫރިސްޓުންނަށް އެއްވެސް ނުރައްކަލެއް ނެތް: އާޓާ

ޓޫރިސްޓުންނަށް އެއްވެސް ނުރައްކަލެއް ނެތް، އެންމެން ވެސް ހިމާޔަތްދޭނެ: އާޓާ

07 ފެބުރުއަރީ 2018

ރާއްޖެ އަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް މޯލްޑިވްސް (އާޓާ) އިން އިއްޔެ ބުނެފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

ރާއްޖެ އަށް ޒިޔާރަތްކުރާ ޓޫރިސްޓުންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް މޯލްޑިވްސް (އާޓާ) އިން އިއްޔެ ބުނެފި އެވެ.

އާޓާ އިން ނެރުނު ބަޔާނެއްގައި ބުނީ ބައެއް ގައުމުތަކުން، ރާއްޖެއަށް ޒިޔާރަތް ކުރާއިރު ސަމާލުވުމަށް އަންގައި، ޓްރެވަލް އެޑްވައިޒަރީ ނެރުނު ނަމަވެސް ޓޫރިސްޓުންނަށް އެއްވެސް ނުރައްކަލެއް ނެތް ކަމަށެވެ. އަދި ސިޔާސީ ހަރަކާތްތައް ހިނގަމުން ދަނީ މާލޭގައި ކަމަށް ވާއިރު، ޓޫރިސްޓުން އެއާޕޯޓުން ސީދާ ރިސޯޓުތަކަށް ދާއިރު އެކަމުގެ އެއްވެސް އަސަރެއް ނުކުރާނެ ކަމަށެވެ.

"ވެރިކަން ކުރާ ޕާޓީ އާއި އިދިކޮޅު ފަރާތްތައް އަދި ހުރިހާ ރައްޔިތުންނަށް ވެސް އެނގޭ ރާއްޖޭގެ އިގްތިސާދަށް ޓޫރިޒަމް އިންޑަސްޓްރީ މުހިންމު ވަރު. އަދި ހުރިހާ ފަރާތްތަކުން ވެސް، ފަތުރުވެރިންނަށް ރައްކާތެރިކަމާ ހިމާޔަތް ދޭނެ،" ބަޔާނުގައި ބުނެފައި ވެއެވެ.

ރާއްޖޭގެ ވިޔަފާރިތަކާއި، ސްކޫލްތަކުގެ އިތުރުން އެހެނިހެން އޮފީސްތައް ވެސް އާންމު ދުވަސްތަކާ އެއްގޮތަށް ހިންގަމުން އަންނަ ކަމަށާއި، އެއްވެސް ނުތަނަވަސް ކަމެއް ނެތް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައި ވެއެވެ. އާޓާ އިން ބުނީ ޓޫރިސްޓުންގެ ރައްކާތެރިކަން ޔަގީންވާ ކަމަށެވެ.

އާޓާ އިން ބަޔާން ނެރުނު އިރު، ޓޫރިސްޓް ބުކިންތައް ކެންސަލް ކުރުން އިތުރުވެފައިވާ ކަމަށް ބައެއް ވިޔަފާރިވެރިން ވަނީ ބުނެފަ އެވެ.

ޖަލުގަ އާއި ހުކުމްތަކުގައި ތިއްބެވި ސިޔާސީ ބޭފުޅުން ދޫކޮށްލުމަށް ސުޕްރީމް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުން ލަސްވުމާ ގުޅިގެން ރާއްޖޭގެ ސިޔާސީ މަސްރަހު ހަލަބޮލިވެ، ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ޗައިނާ އާއި އިތުރު ގައުމުތަކުން ވެސް ވަނީ ޓްރެވަލް އެޑްވައިޒަރީ ނެރެފަ އެވެ. އަދި ރާއްޖެ އަށް ޓޫރިސްޓުން އަންނަ މިންވަރު އެންމެ ބާރަށް އިތުރުވަމުން އަންނަ އަވައްޓެރި އިންޑިއާ އިން ވެސް ވަނީ ކޮންމެހެން ކުރަންޖެހޭ ދަތުރުތަކުގައި ނޫނީ ރާއްޖެ އަށް ޒިޔާރަތް ނުކުރުމަށް އެދި ޓްރެވަލް އެޑްވައިޒަރީ އެއް ނެރެފަ އެވެ. މީގެ އިތުރުން ވެސް ޔޫކޭ ފަދަ ގައުމުތަކުން ވެސް ވަނީ ޓްރެވަލް އެޑްވައިޒަރީ ނެރެފަ އެވެ.