Roadha Mihaaru
ނޭކުރެންދޫގައި ޖަލު ނާޅަން ނިންމުމުން ހިތްހަމަނުޖެހިއްޖެ

ނޭކުރެންދޫގައި ޖަލު ނާޅަން ނިންމުމުން ރައްޔިތުން ހިތްހަމަ ނުޖެހިއްޖެ

08 ފެބުރުއަރީ 2018

ހދ. ނޭކުރެންދޫގައި ސަރުކާރުން އަޅަން ނިންމި ޖަލު ނޭޅޭނެ ކަމަށް އެންގުމުން އެ ރަށު ރައްޔިތުން ހިތްހަމަނުޖެހި، ޝަކުވާ ކުރަން ފަށައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ހދ. ނޭކުރެންދޫގައި ސަރުކާރުން އަޅަން ނިންމި ޖަލު ނޭޅޭނެ ކަމަށް އެންގުމުން އެ ރަށު ރައްޔިތުން ހިތްހަމަނުޖެހި، ޝަކުވާ ކުރަން ފަށައިފި އެވެ.

ނޭކުރެންދޫގައި ހައި ސެކިއުރިޓީ ޖަލެއް އަޅަން ނިންމީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގަ އެވެ. އެކަމަކު އެ ރަށުގައި ޖަލު އެޅުމުގެ އެކި މަސައްކަތްތައް މި ސަރުކާރުން ވެސް ކޮށްފައިވެ އެވެ. އެގޮތުން ޖަލު އަޅަން ނެގި 21 ހެކްޓަރުގައި ބިމުގައި ހުރި ރުއްގަހަށް ސަރުކާރުން ބަދަލުދީ، ޖަލު އަޅާ ސަރަހައްދު ބެލުމަށް، ހޯމް މިނިސްޓްރީގެ ޓީމުތައް އެކި ފަހަރު މަތިން އެ ރަށަށް ގޮސްފައިވެ އެވެ. އެކަމަކު ޖަލު އަޅާ ސަރަހައްދުގެ އިން ވަކިކުރުން ފިޔަވައި އެހެން މަސައްކަތެއް އެތަނުގައި މިހާތަނަށް ކޮށްފައެއް ނުވެ އެވެ.

ގާތްގަނޑަކަށް 260 މިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ބެލެވޭ ޖަލު މަޝްރޫއު ލަސްވެގެން، ނޭކުރެންދޫ ކައުންސިލުން އެކި ފަހަރު މަތިން ވަނީ މާލެ އައިސް މިނިސްޓްރީގެ އިސް ބޭފުޅުންނާ ބައްދަލުކޮށް މަޝްވަރާ ވެސް ކޮށްފަ އެވެ.

ނޭކުރެންދޫ ކައުންސިލްގެ ނައިބު ރައީސް އަލީ އާދަމް ވިދާޅުވި ގޮތުގައި ޖަލު ނޭޅޭނެ ކަމަށް ސަރުކާރުން އެންގީ މިދިޔަ މަހު އެވެ. އެހެންވެ، އެކަމާ ރައްޔިތުން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހަގީގަތުގައި މި ރަށުގައި ޒުވާނުން އަދާކުރާނެ ވަޒީފާތަކެއް ނެތް. އެހެންވެ، ރަށުގައި ޖަލު އެޅުމުން ގިނަ ވަޒީފާތަކެއް އުފެދޭނެތީ އެކަމަށް ގިނަ ބަޔަކު އިންތިޒާރުކޮށްގެން ތިބީ. އެކަމަކު އެހާ ދުވަސް ފަހުން، ޖަލު ނޭޅޭނެ ކަމަށް އެންގުމަކީ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު މާޔޫސް ކަމެއް. ގިނަ ބަޔަކު އެކަމާ ޝަކުވާ ކުރޭ،" އަލީ ވިދާޅުވި އެވެ.

ނޭކުރެންދޫގައި ޖަލު ނާޅަން ސަރުކާރުން ނިންމީ، މާފުށީ ޖަލުގައި މި ވަގުތު ޖާގައިގެ މާ ބޮޑު ދަތިކަމެއް ނެތުމާއި އާ ޖަލެއް ހަދާ ނަމަ އެކަމަށް އިތުރު ހަރަދު ހިނގާނެ ކަމަށް ބަލާފައި ކަމަށް ނޭކުރެންދޫ ކައުންސިލުން ބުންޏެވެ.

ކުރީގެ ސަރުކާރުން އެ ޖަލު އަޅަން ނިންމާފައި އޮތީ، ހުކުމް ތަންފީޒު ކުރަމުންދާ ގައިދީން ލައްވަ އެވެ.