Roadha Mihaaru
އިމްރާނަކީ މަކުނުދޫ ދާއިރާއަށް ދުއްތުރާލެއް: ރާއީ

އިމްރާނަކީ އަޅުގަނޑުމެންގެ ދާއިރާ އަށް ދުއްތުރާލެއް: ރާއީ

22 ސެޕްޓެމްބަރ 2021

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަކީ މަކުނުދޫ ދާއިރާ އަށް ހުރި "ދުއްތުރާލެއް" ކަމަށް ވިދާޅުވެ، ނޭކުރެންދޫގައި ޖަލު ހެދުން ލަސްވާ މައްސަލައިގައި އެ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ނުރުހުން ފާޅުކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އަކީ މަކުނުދޫ ދާއިރާ އަށް ހުރި "ދުއްތުރާލެއް" ކަމަށް ވިދާޅުވެ، ނޭކުރެންދޫގައި ޖަލު ހެދުން ލަސްވާ މައްސަލައިގައި އެ ދާއިރާގެ މެމްބަރު މުހައްމަދު ރާއީ ރައްޔިތުންގެ މަޖިލީހުގައި މިއަދު ނުރުހުން ފާޅުކުރައްވައިފި އެވެ.

"އަޅުގަނޑު ގަބޫލުކުރަން އިނގޭތޯ ޕީއެސްއައިޕީގެ ދަށުން މި ސަރުކާރުން ވަރަށް މަސައްކަތް ކުރޭ. ސަރުކާރުގެ މިނިސްޓަރުން ވެސް ވަރަށް މަސައްކަތް ކުރޭ އަދި ރައީސުލްޖުމްހޫރިއްޔާ ވެސް ވަރަށް އިސްކަން ދެއްވާ،" މީގެ ކުރިން ވެސް އެތައް ފަހަރަކު އިމްރާނަށް ފާޑުވިދާޅުވެ، އޭނާގެ އިސްތިއުފާ އަށް ވެސް ތަކުރާރުކޮށް ގޮވާލައްވާފައިވާ އެމްޑީޕީގެ މެމްބަރު ރާއީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިދާޅުވި އެވެ.

"އެކަަމަކު އަޅުގަނޑުމެންގެ ދާއިރާ އަށް ޖެހިފައި އޮތް ދުއްތުރާލެއް ޝޭހު އިމްރާނަކީ."

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ރާއީ ވިދާޅުވީ ނޭކުރެންދޫގައި ޖަލު ހެދުމަށްޓަކައި 2019 ވަނަ އަހަރުން ފެށިގެން ދައުލަތުގެ ބަޖެެޓްގައި ހިމަނަމުން އަންނަ ކަމަށެވެ. ނަމަވެސް އެ މަޝްރޫއު ކުރިއަށް ގެންދިއުމުގެ މެންޑޭޓް އޮތް ބޭފުޅެއްގެ ހައިސިއްޔަތުން މިނިސްޓަރު އިމްރާން އެއްވެސް ކަމެއް ނުކުރައްވާ ކަމަށް ރާއީ ވިދާޅުުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އެގޮތަށް ކަންތައް ކުރައްވާފައި، ނޭކުރެންދޫގެ މީހުން އިމްރާނަށް އަބަދު މަރުހަބާ ކިޔާނެ ކަމަށް އުއްމީދު ކުރައްވައިގެން ނުވާނެ އެވެ. ފުލުހުން ގޮވައިގެން އިމްރާން އެ ރަށަށް ވަޑައިގަންނަވަން އެދިވަޑައިނުގަންނަވާ ކަމަށް ރާއި ވިދާޅުވި އެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި މަކުނުދޫ ދާއިރާގެ ކަންތައްތައް ލަސްކުރަން އަދި ހުއްޓުވަން ވެސް އިމްރާން މަސައްކަތް ކުރައްވަ އެވެ. އެގޮތަށް ކަންތައް ކުރައްވަނީ ރައްޔިތުންގެ މަޖިލީހުގެ މަކުނުދޫ ދާއިރާގެ ގޮނޑި އިމްރާންގެ އަދާލަތު ޕާޓީ އަށް ގެއްލުމުން ކަމަށް ވެސް ރާއީ ތުހުމަތު ކުރެއްވި އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފުލުހުންގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ. މެމްބަރު ރާއީ މިއަދު އިމްރާނަށް ވަަރަށް ބޮޑަށް ފާޑުވިދާޅުވި -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ފުލުހުންގެ ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ. މެމްބަރު ރާއީ މިއަދު އިމްރާނަށް ވަަރަށް ބޮޑަށް ފާޑުވިދާޅުވި -- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/ މިހާރު

މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެމްބަރަކީ އަދާލަތު ޕާޓީގެ އަނާރާ ނައީމެވެ. އެންމެ ފަހުގެ މަޖިލީހުގެ އިންތިހާބުގައި އަނާރާ އަށް އެ ގޮނޑި ގެއްލުނީ ރާއީއާ ވާދަކުރައްވަ އެވެ.

"މަޖިލީހުގައި އަދާލަތު ޕާޓީގެ ގޮނޑިއެއް ނެތުމަކީ އެއީ އަޅުގަނޑުމެން ކުރާނެ ކަމެއް ނޫން. އަޅުގަނޑަށް ފެންނަ ގޮތުގައި ކުރިއަށް މި އޮތް 20 އަހަރު ވެސް އަދާލަތު ޕާޓީގެ މެމްބަރަކަށް މި ތަނަކަށް ނުވަދެވޭނެ،" ރާއީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ނޭކުރެންދޫ ޖަލުގެ މަސައްކަތް އިމްރާނު ލައްވައި ކުރުވާނެ ކަމަށާއި އެކަމާ ބެހޭ ގޮތުން ސުވާލުކުރަން މަހަކު އެއް ފަހަރު މިނިސްޓަރު މަޖިލީހަށް ހާޒިރުކުރަން ޖެހިވަޑައިގަތަސް އެކަން ވެސް ކުރާނެ ކަމަށެވެ.

ނޭކުރެންދޫގެ ޖަލުގެ މަސައްކަތާ ބެހޭ ގޮތުން މިދިޔަ އަހަރު ޖޫން މަހު ވެސް އިމްރާނާ ސުވާލު ކުރެއްވި އެވެ. އެ ދުވަހު އިމްރާން ވިދާޅުވީ ޖަލުގެ އަމަލީ މަސައްކަތް އެ އަހަރުގެ ތެރޭގައި ފެށޭނެ ކަމަށެވެ.

އޭނާ އޭރު ވިދާޅުވި ގޮތުގައި ނޭކުރެންދޫ ޖަލު އިމާރާތް ކުރަން އުޅެނީ ޖަލަށްލާ މީހުން ރިހެބިލިޓޭޓްކޮށް، ތަމްރީނު ދިނުމުގެ މަސައްކަތް ކުރެވޭ ގޮތަށެވެ. އެގޮތުން، ވޮކޭޝަނަަލް ޓްރޭނިން ދެވޭ ގޮތަށް ޖަލުގެ ކޮންސެޕްޓް ހަދާފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.