Roadha Mihaaru
ކުށްވެރިން ދޫކޮށްލުމުން ކުށްތައް އިތުރުވި

ކުށްވެރިން ދޫކޮށްލުމުން ކުށްތައް އިތުރުވި، ޕެރޯލް ދިނުމުގެ އުސޫލު ހަރުދަނާ ކުރަނީ

20 ޑިސެމްބަރ 2023

ޕެރޯލް އާއި ކްލެމެންސީގެ ފުރުސަތުގެ ދަށުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މި އަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ ކުށްވެރިން ދޫކޮށްލާފައިވާއިރު، އެ މީހުންގެ ސަބަބުން މުޖުތަމައުގެ ތެރޭގައި ބައެއް ކަހަލަ ކުށްތައް އިތުރުވި ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ޕެރޯލް އާއި ކްލެމެންސީގެ ފުރުސަތުގެ ދަށުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން މި އަހަރުގެ ތެރޭގައި ގިނަ އަދަދެއްގެ ކުށްވެރިން ދޫކޮށްލާފައިވާއިރު، އެ މީހުންގެ ސަބަބުން މުޖުތަމައުގެ ތެރޭގައި ބައެއް ކަހަލަ ކުށްތައް އިތުރުވި ކަމަށް ހޯމް ލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ތަންފީޒީ އިދާރާތައް ހިމެނޭ "ހޯމް ޓީމް"ގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ޖަލުތަކުގައި ބަންދުކޮށްފައި ތިބޭ މީހުން ކްލެމެންސީ އާއި ޕެރޯލް އަދި ގޭބަންދަށް ބަދަލު ކުރެވޭ އުސޫލުތަކާއި މިންގަނޑުތައް އިތުރަށް ފުރިހަމަ ކުރަން ނިންމާފައިވާ ކަމަށެވެ.

އޭގެ ސަބަބަކީ މިނިސްޓަރު ވިދާޅުވި ގޮތުގައި މި އަހަރުގެ ތެރޭގައި މުޖުތަމައުގެ ތެރެއަށް ގިނަ ކުށްވެރިން ދޫކޮށްލާފައިވާއިރު، އެ އިން ކޮންމެ ދޫކޮށްލުމަކީ އޭގެ ސަބަބުން މުޖުތަމައަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށް ވާތީ އެވެ.

ނަމަވެސް، އުސޫލާއި މިންގަނޑު ހަރުދަނާ ކުރުމަށް އަޅަން ނިންމާފައިވާ ފިޔަވަޅުތަކުގެ ތަފުސީލެއް އިހުސާން ނުދެއްވަ އެވެ.

"މަހުން މަހަށް ކްރައިމް ތަފާސްހިސާބުތަކަށް ބަލާއިރު މި ދޫކުރެވުނު މީހުން ދޫކުރެވިފައި ހުރި ގޮތާއި ކޯ-ރިލޭޓްވާ ގޮތަށް ބައެއް ކަހަލަ ކުށް އެބަ ހުރި އިތުރުވެފައި މުޖުތަމައުގައި. އޭގެ ތެރޭގައި ވަައްކަމާއި ފޭރުމާއި މަސްތުވާތަކެތީގެ ކަންތައް ފާހަގަކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.

މި ފަހުން އައްޑޫގައި ގޭންގް މަރާމާރީތައް އިތުރުވެ، ކުށްކުރުން ގިނަވެގެން ދިޔައިރު އެ ކަންތައްގަނޑުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ޖަލުން ދޫކޮށްލާފައިވާ ދެ މީހަކު ހިމެނޭ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މި އަހަރު ތެރޭ 434 މީހުން ދޫކޮށްލި

"މިހާރު" އިން އެދިގެން މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީން ދިން ހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ދުވަހުން ފެށިގެން މިދިޔަ ނޮވެމްބަރު 16 އާ ހަމައަށް ޕެރޯލް އަދި ކްލެމެންސީގެ ދަށުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ 434 މީހުން މުޖުތަމައަށް ދޫކޮށްލައިފަ އެވެ.

މީގެ ތެރޭގައި ތެރެއިން ޕެރޯލްގެ ދަށުން 53 މީހަކު ދޫކޮށްލި އެވެ. އޭގެ ތެރޭގައި އެންމެ ގިނައީ މަސްތުވާތަކެތީގެ ކުށްތަކުގައި ޖަލުގައި ތިބި މީހުންނެވެ.

މީގެ އިތުރުން ޖިންސީ ކުށުގައި ތިބި ދެ މީހަކާއި ތޫނު އެއްޗަކުން ހަމަލާދިން މީހަކާއި ވައްކަން ކުރުމުގެ ކުށުގައި ޖަލުގައި ތިބި ދެ މީހަކަށް ޕެރޯލް ދީފައިވެ އެވެ. ޓެރަރިޒަމްގެ ކުށުގެ ދައުވާ އޮތް ދެ މީހަކު ވެސް ވަނީ ދޫކޮށްލައިފަ އެވެ.

ކްލެމެންސީ އާއި އަފޫއާމްގެ ދަށުން ޖުމްލަ 290 މީހަކު ވަނީ ދޫކޮށްލި އެވެ. އޭގެ ތެެރޭގައި ވެސް އެންމެ ގިނައީ މަސްތުވާތަކެތީގެ ކުށްތަކުގައި ތިބި މީހުންނެވެ. އެއީ ޖުމްލަ 249 މީހުންނެވެ.

މީގެ އިތުރުން ޖިންސީ ކުށްތަކުގައި ޖަލުގައި ތިބި ތިން މީހަކާއި މުދަލާއި ފައިނޭންޝަލް ކުށްތަކުގައި ތިބި 21 މީހަކު ދޫކޮށްލާފައިވެ އެވެ. އަދި ނުރައްކާތެރި ކުށްތަކުގައި ޖަލުގައި ތިބި 16 މީހަކަށް ކްލެމެންސީގެ ފުރުސަތު ދީފައިވެ އެވެ.

އޭގެ ތެރޭގައި މާރާމާރީ ހިންގައިގެން ޖަލުގައި ތިބި 10 މީހަކާއި ޓެރަރިޒަމްގެ ދައުވާ ލިބޭ މީހަކާއި ތޫނު ހަތިޔާރު ގެންގުޅުނު މީހަކާއި އެހެން މީހެއްގެ ނަފުސަށް ގެއްލުން ދިން ދެ މީހަކާއި ބިރު ދެއްކުމުގެ ކުށުގައި ޖަލުގައި ހުރި މީހަކާއި މޭންސްލޯޓާގެ ކުށުގައި ހުރި މީހަކު ވެސް ހިމެނެ އެވެ.

މިނިސްޓްރީން ހާމަކުރި ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި މި އަހަރު ތެރޭ 91 މީހަކު ވަނީ ޖަލުން ގޭބަންދަށް ބަދަލުކޮށްފަ އެވެ. އޭގެ ތެރޭގައި ވެސް އެންމެ ގިނައީ މަސްތުވާތަކެތީގެ ކުށްތަކުގައި ޖަލުގައި ތިބި މީހުންނެވެ.

ހޯމް މިނިސްޓަރު އަލީ އިހްސާން: ޕެރޯލާއި ކްލެމެންސީގެ އުސޫލު ހަރުދަނާ ކުރާނެ ކަމަށް ވިދާޅުވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ހޯމް މިނިސްޓަރު އަލީ އިހްސާން: ޕެރޯލާއި ކްލެމެންސީގެ އުސޫލު ހަރުދަނާ ކުރާނެ ކަމަށް ވިދާޅުވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު

ޕެރޯލާއި ކްލެމެންސީ މިހާރު ދެވޭ އުސޫލު

ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ބުނެފައިވާ ގޮތުގައި ހުކުމް ތަންފީޒުކުރަމުންދާ މީހުންގެ ތެރެއިން ހުކުމުގެ މުއްދަތުގައި ކަނޑައެޅިފައިވާ ވަކި ވަރެއް ތަންފީޒުވެ ނިމިފައިވާ މީހުން، މުޖުތަމައުގެ ރައްކާތެރިކަން ނުގެއްލޭނެ ގޮތެއްގެ މަތިން މުޖުތަމައަށް އަލުން އަހުލުވެރިކުރުވުމަށްޓަކައި، ކަނޑައެޅޭ ވަކި ޝަރުތުތަކަކާ އެކު ޕެރޯލްގެ ދަށުން ދޫކުރުމުގެ ފުރުސަތު ލިބެ އެވެ.

ޕެރޯލްގެ ދަށުން މީހުން ދޫކުރަން ނިންމަނީ އެކަމަށް އެދި ޕެރޯލް ބޯޑަށް ހުށަހެޅުމުން، އެ ބޯޑުން ދޭ ލަފާގެ މަތިން ރައިސުލްޖުމްހޫރިއްޔާ އެވެ. ޕެރޯލްގެ ދަށުން މީހުން ދޫކުރާއިރު، އޭނާގެ ސަބަބުން މުޖުތަމައަށް ކުރާނެ ނުރައްކާ އާއި ކުށުގެ ރެކޯޑް ފަދަ ކަންކަމަށް ރިއާޔަތް ކުރަން ޖެހެ އެވެ.

ޕެރޯލްގައި ދޫކޮށްފައިވާ މީހާގެ މައްޗަށް ކަނޑައަޅާފައިވާ ޝަރުތުތަކާ އޭނާ ހިލާފުނުވާހާ ހިނދަކު، މުޖުތަމައުގެ އެހެން މީހުންނެކޭ ވެސް އެއްފަދައިން އުޅުމުގެ މިނިވަންކަން އޭނާއަށް ލިބެ އެވެ.

މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމުގެ ގާނޫނުގެ ދަށުން އަފުއާމް ހޯދުމަށް ކްލެމެންސީ އަށް ބޯޑަށް ހުށަހެޅުމުގެ ފުރުސަތު އޮވެ އެވެ. އެ ބޯޑުގެ ލަފާގެ މަތިން ކުށްވެރިންނަށް މާފުދިނުމާއި އަދަބު ލުއިކުރުމަށް ނިންމަވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ. ޖަލު އަދަބު މާފުކޮށްދިނުމާއި ފަސްކޮށްދިނުމާއި ވަކި މުއްދަތަކަށް ކުރުކުރުމުގެ އިހްތިޔާރު ރައީސުލްޖުމްހޫރިއްޔާ އަށް އޮވެ އެވެ.

މީހަކު ކުރި ކުށަކާ ގުޅިގެން، އޭނާގެ މައްޗަށް ކަނޑައަޅާފައިވާ ހުކުމަކީ، ވަކި އަދަދެއްގެ ފައިސާ ދެއްކުން ކަމުގައިވާ ހާލަތް ފިޔަވައި، އެހެން ހާލަތްތަކުގައިވާ މީހާ، އަދަބު މައާފުކޮށްދިނުން އެދި ނުވަތަ އަދަބު ލުއިކޮށްދިނުން އެދި ހުށަހެޅޭނީ އެ މީހެއްގެ މައްޗަށް ސާބިތުވި ކުށުގެ އަދަބަށް ކަނޑައަޅާފައިވާ މުއްދަތުގެ ހަތަރުބައިކުޅައެއްބައި ތަންފީޒުކޮށް ނިމުމުންނެވެ.