Roadha Mihaaru
ސުޕްރީމް ކޯޓަށް ވަން މީހުން ޖަލަށްލުމަށް ގޮވާލައިފި

ސުޕްރީމް ކޯޓަށް ވަން ސިފައިންނާއި ފުލުހުން ޖަލަށްލުމަށް އިދިކޮޅު ފަރާތްތަކުން ގޮވާލައިފި

08 ފެބުރުއަރީ 2018

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރު ކުރުމަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ސުޕްރީމް ކޯޓަށް ވަން ސިފައިންނާއި ފުލުހުން، ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި 15 ދުވަހަށް ޖަލަށް ލާން ހުކުމް ކުރައްވާފައި ވާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެފައި ވާތީ އެ ހުކުމް ތަންފީޒުކުރަން އިދިކޮޅު ފަރާތްތަކުން މިއަދު ގޮވާލައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ހައްޔަރު ކުރުމަށް މިދިޔަ ހޯމަ ދުވަހުގެ ރޭ ސުޕްރީމް ކޯޓަށް ވަން ސިފައިންނާއި ފުލުހުން، ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި 15 ދުވަހަށް ޖަލަށް ލާން ހުކުމް ކުރައްވާފައި ވާނެ ކަމަށް އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވެފައި ވާތީ އެ ހުކުމް ތަންފީޒުކުރަން އިދިކޮޅު ފަރާތްތަކުން މިއަދު ގޮވާލައިފި އެވެ.

ރިޝްވަތު ހިފުމާއި ސަރުކާރު ވައްޓާލަން މަސައްކަތްކުރުމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ އުއްތަމަ ފަނޑިޔާރުގެ ފަރާތުން ވަކީލުން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި އެ މަނިކުފާނާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމަށް ކޯޓަށް ވަން މީހުންގެ މައްޗަށް ވާނީ ޖަލު ހުކުމެއް އިއްވައިފަ އެވެ.

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ ފަނޑިޔާރުން ހައްޔަރު ކުރުމުގެ ތެރޭގައި ޣައިރު ގާނޫނީ އެތައް ކަމެއް ހިނގާފައިވާ ކަމަށެވެ. އަދި ގާނޫނުން ލިބިދޭން ޖެހޭ އެއްވެސް އިނާޔަތަކާއި ރައްކާތެރިކަމެއް ފަނޑިޔާރުންނަށް ފޯރުކޮށްދީފައިނުވާ ކަމަށް ވެސް އަމީތު ވިދާޅުވި އެވެ.

އަމީތު ވަނީ އުއްތަމަ ފަނޑިޔާރަށް ކުރި އަނިޔާ ކުށްވެރި ކުރައްވައިފަ އެވެ. އަދި އެމަނިކުފާނު ހައްޔަރު ކުރުމުގެ ކުރިން އިއްވި 15 ދުވަހުގެ ޖަލު ހުކުމް ތަންފީޒުކުރުމަށް ސަލާމަތީ ބާރުތަކާއި ކަމާ ގުޅުން ހުރި މުއައްސަސާތަކަށް ގޮވައިލެއްވި އެވެ.

އުއްތަމަ ފަނޑިޔާރު ހައްޔަރުކުރީ ބިންމައްޗަށް ވައްޓާލައި ދަމައި ކޫއްތާފައި ކަމަށް ވެސް އެ މަނިކުފާނާ ހަވާލާދީ ވަކީލުން ވަނީ ބުނެފަ އެވެ.

"...ފަނޑިޔާރު ހުންނެވި ތަނަކުން ނެރެ ބަންދު ކުރުމުގެ މި ބޮޑު ޖަރީމާ ހިންގި ފަރާތްތައް ވަގުތުން ޖަލަށް ލުމަށް ކުރި ހުކުމް ތަންފީޒު ކުރުމަށް ގޮވާލަން،" އަމީތު ވިދާޅުވި އެވެ.

އަމީތު ވިދާޅުވި ގޮތުގައި ދެ ފަނޑިޔާރުން ވެސް ހުންނެވީ ޣައިރު ގާނޫނީ ބަންދެއްގަ އެވެ. އަދި ދެ ބޭފުޅުންގެ ގާނޫނީ ހައްގުތައް މުއައްސަސާތަކުން ނިގުޅައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން އާލާސްކަންފުޅެއްގައި އައިޖީއެމްއެޗްގައި ފަރުވާދެމުން އަންނަ އަލީ ހަމީދަށް އެކަށީގެންވާ ފަރުވާ ފޯރުކޮށްދިނުމަށް ވެސް އަމީތު ގޮވާލެއްވި އެވެ. އަދި އާއިލާއަށް ފޯރުކޮށްދޭން ޖެހޭ ހުރިހާ މައުލޫމާތެއް ފޯރުކޮށްދިނުމަށް ވެސް އަމީތު ގޮވާލެއްވި އެވެ.

އަމީތު ވިދާޅުވީ ފަނޑިޔާރުންނަށް ބިރު ދެއްކުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާތީ މިފަދަ ކަންކަން ވަގުތުން ވަގުތުން ހުއްޓާލަން ޖެހޭ ކަމަށެވެ. އަދި ޣައިރު ގާނޫނީ އަމުރުތަކަށް ތަބާނުވުމަށް އަމީތު ފުލުހުންނާއި ސިފައިންނަށް ގޮވާލެއްވި އެވެ. ޣައިރު ގާނޫނީ އަމުރަށް ތަބާވާ މީހުންގެ މައްޗަށް އިންސާފު އަރާ ހަމަކުރާނެ ކަމަށް ތަކުރާރުކޮށް އޭނާ ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދަށް ފުލުހުން ކުރަނީ، ރިޝްވަތުގެ ގޮތުގައި ފައިސާ ހިފުމަށް ފަހު، ޝަރުއީ ހުކުމްތައް ވަކި ގޮތަކަށް ކުރުމާއި ގާނޫނާ ޚިލާފަށް ސަރުކާރު ބަދަލު ކުރުމަށް މަގާމުގެ ނުފޫޒު ބޭނުން ކުރައްވައިގެން މަސައްކަތް ކުރުން އަދި ދައުލަތާއި ޖިނާއީ އަދުލުގެ ނިޒާމް ހިންގުމަށް ގަސްދުގައި ހުރަސްއެޅުމުގެ ތުހުމަތެވެ. އެ ދެބޭފުޅުންގެ އިތުރުން ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު ހަސަން ސައީދު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާއަށް ތުހުމަތު ކުރަނީ ފަނޑިޔާރުންގެ މަސައްކަތަށް ނުފޫޒު ފޯރުވުމަށް ރިޝްވަތުގެ ފައިސާ ދިނުމާއި ރިޝްވަތުގެ ގޮތުގައި ލިބިފައިވާ ފައިސާ ބޭނުންކޮށްގެން މަންފާ ހޯދުމެވެ.