Roadha Mihaaru
ވައިރަސް ފެތުރުނަސް ރާއްޖެއަށް 24،000 އާ ބުކިން

ކޮރޯނާވައިރަސްއާ ގުޅިގެން 11،000 ބުކިން ކެންސަލް، އެކަމަކު 24،000 ބުކިން އިތުރު ވެސް ވި

02 ފެބުރުއަރީ 2020

އެކި ގައުމުތަކުގައި މިހާރު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސްއާ ގުޅިގެން، ރާއްޖެ އަންނަން މިދިޔަ މަހު ހެދި 11،000 އަށް ވުރެ ގިނަ ބުކިން ކެންސަލްވި ކަމަށާއި ނަމަވެސް 24،000 ބުކިން އަލަށް ހެއްދި ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އެކި ގައުމުތަކުގައި މިހާރު ފެތުރެމުންދާ ނޮވެލް ކޮރޯނާވައިރަސްއާ ގުޅިގެން، ރާއްޖެ އަންނަން މިދިޔަ މަހު ހެދި 11،000 އަށް ވުރެ ގިނަ ބުކިން ކެންސަލްވި ކަމަށާއި ނަމަވެސް 24،000 ބުކިން އަލަށް ހެއްދި ކަމަށް ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

ޗައިނާ އިން ފެތުރެން ފެށި ކޮރޯނާވައިރަސްއާ ގުޅިގެން، ރާއްްޖެ އިން އަޅާ ފިޔަވަޅުތަކާ ބެހޭ މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ، މިހާތަނަށް 11،115 ބުކިން ކެންސަލް ކޮށްފައިވާ ކަމަށެވެ. އެއީ މިދިޔަ ޖެނުއަރީ މަހުން ފެށިގެން މިއަދުގެ ނިޔަލަށެވެ.

"އެހެން ނަމަވެސް އަޅުގަނޑު ފާހަގަކޮށްލަން ހަމަ އެ ޕީރިއަޑްގެ ތެރޭގައި ޖުމްލަ އާ 24،759 ބުކިން ވެސް ދިވެހިރާއްޖެ އަށް އެބަ އޮތް،" ކޮރޯނާވައިރަސްއާ ގުޅިގެން ސަރުކާރުގެ ފަރާތުން މައުލޫމާތު ދިނުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން ހަމަޖައްސަވާފައިވާ މަންދޫބު އަލީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކޮރޯނާވައިރަސް ފެތުރޭތީ ދަތުރުފަތުރަށް ހީނަރުކަމެއް އައި ނަމަވެސް މިދިޔަ އަހަރާ އަޅާ ބަލާއިރު، ރާއްޖެ އަށް މީހުން ޒިޔާރަތް ކުރި އަދަދު ވަނީ އިތުރު ވެފަ އެވެ. މިދިޔަ އަހަރުގެ ޖެނުއަރީގައި 151،554 މީހުން ރާއްޖެ އަށް ޒިޔާރަތްކުރި އިރު މި އަހަރުގެ އެ މުއްދަތުގައި އައި އަދަދަކީ 173،874 އެވެ.

"އަޅުގަނޑުމެންގެ ފަތުރުވެރިކަން ހަމަ ޖެނުއަރީ މަހު ވެސް ކުރިއަށް ގޮސްފައި މި އޮތީ. އެހެން އޮއްވައި މިކަން [ކޮރޯނާވައިރަސް] މި ދިމާވީ. މި ކަންތަކާ ގުޅިގެން ދެން މި އަންނަ ލޮޅުންތައް އަޅުގަަނޑުމެން މިދަނީ ދިރާސާ ކުރަމުން،" އަލީ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ، ކޮރޯނާވައިރަސްއާ ގުޅިގެން ރިސޯޓުތަކުން ވާން ޖެހޭ ތައްޔާރީތައް ވެސް ނިމިފައިވާ ކަމަށާއި ޓޫރިސްޓަކަށް އެ ވައިރަސް ޖެހިފައިވާ ކަަމަށް ޝައްކު ކުރެވިއްޖެ ނަަމަ އަޅަން ޖެހޭ ފިޔަވަޅުތަކަށް ރިސޯޓްތައް ތައްޔާރު ވެފައިވާ ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގެ ރިސޯޓްތަކާއި ގެސްޓް ހައުސްތަކުގައި ތިބި ޓޫރިސްޓުންގެ ހާލަތު ބަލާ ޔުނިޓެއް 24 ގަޑި އިރު އޮޕަރޭޓް ކުރަމުން އަންނަ ކަމަށެވެ.

އަލީ ވިދާޅުވި ގޮތުގައި، ގެސްޓް ހައުސްތަކުގެ ހާލަތު ވެސް ރަށު ކައުންސިލްތަކާ ގުޅިގެން އަންނަނީ ބަލަމުންނެވެ.

"އެހެން ނަމަވެސް އަޅުގަނޑު ފާހަގަކޮށްލަން ހަމަ އެ ޕީރިއަޑްގެ ތެރޭގައި ޖުމްލަ އާ 24،759 ބުކިން ވެސް ދިވެހިރާއްޖެ އަށް އެބަ އޮތް،" އަލީ ވަހީދު

ޗައިނާގެ ވޫހާން ސިޓީން އަލަށް ފެނުނު ނޮވެލް ކޮރޯނާވައިރަސް އަށް ޕޮޒިޓިވްވި މީހުންގެ އަދަދަަކީ މިއަދާ ހަަމައަށް 13،816 އެވެ. އެ ވައިރަހުގެ ސަބަބުން މިހާތަނަށް މަރުވީ 304 މީހެކެވެ.

ރާއްޖެ އިން، ކޮރޯނާވައިރަސް އަށް ޝައްކު ކުރެވިގެން މިހާތަނަށް ފަރުވާ ދެނީ އެންމެ މީހަކަށެވެ. ޗައިނާ އިން އައި އުމުރުން 20 އަހަރުގެ އެ ޒުވާނާ އެ ވައިރަހަށް ޕޮޒިޓިވް ތޯ ނުވަތަ ނޫންތޯ ކަށަވަރު ވާނީ ސާމްޕަލްތައް ޓެސްޓްކޮށް ނިމުމުންނެވެ. ރާއްޖެ އިން އެ ޓެސްޓު ހެދެން ނެތުމުން އޭނާގެ ސާމްޕަލްތައް ފޮނުވާފައި ވަނީ އިންޑިއާގެ ޕޫނޭ އަށެވެ.

ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ ވިދާޅުވި ގޮތުގައި، ކުރިން ވެސް އުންމީދު ކުރެއްވި ގޮތަށް ޓެސްޓުގެ ނަތީޖާ މިރޭގެ ވަގުތެއްގައި ލިބޭނެ އެވެ.