Roadha Mihaaru
މެމްބަރު އިލްހާމްގެ އަނބިކަނބަލުން ދޫކޮށްލައިފި

މެމްބަރު އިލްހާމްގެ އަނބިކަނބަލުން ދޫކޮށްލައިފި

11 ފެބުރުއަރީ 2018

ފުލުހުން މިއަދު ހައްޔަރުކުރި، ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ އަނބިކަނބަލުން އާމިނަތު މާޝާ މިރޭ ދޫކޮށްލައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފުލުހުން މިއަދު ހައްޔަރުކުރި، ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދުގެ އަނބިކަނބަލުން އާމިނަތު މާޝާ މިރޭ ދޫކޮށްލައިފި އެވެ.

އިލްހާމްގެ އާއިލާ އިން ވާހަކަ ދެއްކެވި ބޭފުޅަކު ވިދާޅުވީ، ފުލުހުންގެ ބަންދުން މާޝާ ދޫކޮށްލި ކަމުގައި ވިޔަސް މާދަމާ ހެނދުނު 9:00 އަށް ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވާ ކަމަށެވެ. އެކަމަކު އަނެއްކާ ވެސް ފުލުސް އޮފީހަށް ހާޒިރުވާން އެންގި ސަބަބެއް ނުބުނާ ކަމަށް އޭނާ ވިދާޅުވި އެވެ.

އިލްހާމްގެ އާއިލާ އިން ބުނެފައިވާ ގޮތުގައި، ސުވާލު ކުރުމަށް ކަމަށް ބުނެ މިއަދު މެންދުރެއްހާއިރު، މާޝާ ފުލުސް އޮފީހަށް ހާޒިރު ކުރުމަށް ފަހު، ހައްޔަކުރީ އެއްވެސް ތުހުމަތެއްގައެއް ނޫނެވެ.

އިލްހާމްގެ އަނބިކަނބަލުން ދެވަނަ ފަހަރަށް ފުލުސް އޮފީހަށް ހާޒިރުކުރަނީ، އިލްހާމް ހޯދުމަށް ފުލުހުން މިދިޔަ ހުކުރު ދުވަހު އިއުލާން ކޮށްފައި ވަނިކޮށެވެ. ނަމަވެސް މިހާތަނަށް ފުލުހުންނަކަށް އިލްހާމް ނުހޯދެ އެވެ.

މިރޭ ބޭއްވި ނިއުސް ބްރީފިންއެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަދި ފުލުހުންގެ ތަރުޖަމާން އަހުމަދު ޝިފާން ވިދާޅުވީ، އިލްހާމް ހޯދަނީ ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށްޓަކައި ރިޝްވަތު ދީ އަދި ރިޝްވަތު ހިފި މައްސަލައިގެ ތަހުގީގަށް ކަމަށެވެ. މި މައްސަލާގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި އުއްތަމަ ފަނޑިޔާރު އަަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދާއެކު އަށް މީހަކު މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ.

އިލްހާމްގެ އިތުރުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސިނާން ހޯދަން ވެސް ފުލުހުން މިދިޔަ ހުކުރު ދުވަހު އިއުލާން ކުރި އެވެ. އެކަމަކު ސިނާން ވަނީ އޭނާ ހޯދަން އިއުލާން ކުރިތާ މާ ގިނައިރުތަކެއް ނުވަނީސް ފުލުސް އޮފީހަށް ވަޑައިގެން އަމިއްލަ އަށް ފުލުހުންގެ ބެލުމުގެ ދަށަށް ގޮސްފަ އެވެ. ސިނާނަށް ވެސް ކުރަނީ ގާނޫނާ ޚިލާފަށް ވެރިކަން ބަދަލުކުރުމަށްޓަކައި ރިޝްވަތު ދިނުމާއި ރިޝްވަތު ހިފުމުގެ ތުހުމަތެވެ.