Roadha Mihaaru
ފުލުހުންނަށް ޕީޕީއެމުން ގޮތް ކިޔައިދޭތީ ކަންބޮޑުވޭ

ފުލުހުން އަމަލުކުރަންވީ ގޮތް ޕީޕީއެމުން ކިޔައިދޭތީ ކަންބޮޑުވޭ: އަމީތު

12 ފެބުރުއަރީ 2018

އިދިކޮޅު ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެ ފުލުހުން ކަންކުރަންވީ ގޮތް ވެރިކަން ކުރާ ޕީޕީއެމުން ކިޔައިދޭތީ ކަންބޮޑުވާ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު މިއަދު ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އިދިކޮޅު ފަރާތްތަކާ މެދު ފިޔަވަޅު އަޅާނެ ކަމަށް ބުނެ ފުލުހުން ކަންކުރަންވީ ގޮތް ވެރިކަން ކުރާ ޕީޕީއެމުން ކިޔައިދޭތީ ކަންބޮޑުވާ ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު މިއަދު ވިދާޅުވެއްޖެ އެވެ.

ޕީޕީއެމުން ބޭއްވި ޕްރެސް ކޮންފަރެންސެއްގައި އެ ޕާޓީގެ ނައިބު ރައީސް އަބްދުއްރަހީމް މިއަދު ވަނީ ހުކުރު ދުވަހު ބާއްވާ އިދިކޮޅު ޕާޓީތަކުގެ މުޒާހަރާ އަށް މީހުން މާލެ ނައުމަށް ގޮވާލައްވައިފަ އެވެ. މާލެ އަރައި، ގާނޫނާ ޚިލާފު އަމަލެއް ހިންގައިފި ނަމަ މުއައްސަސާތަކުން ފިޔަވަޅު އަޅާނެ ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ، ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަމީތު ވިދާޅުވީ ފުލުހުންގެ މުއައްސަސާއަށް އަމުރު ކުރުމަކީ އަބްދުއްރަހީމަށް ލިބިދޭ ބާރެއް ނޫން ކަމަށެވެ. އެކަމަކު، ގާނޫނާ ޚިލާފަށް އެފަދަ އަމުރުތައް އަބްދުރަހީމް ކުރައްވާތީ އިދިކޮޅު ޕާޓީތަކުން ކަންބޮޑުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މާނަ ކުރެވޭ މިކަން ކަމުގެ އަމުރު މައުރޫފް ހިންގަވަން މި އިންނަވަނީ އަބްދުރަހީމް ތޯ؟. އަބްދުރަހީމަކަށް ނޯންނާނެ ނޫންތޯ އެއްވެސް ގާނޫނީ ހައިސިއްޔަތެއް ނުކުމެފައި ވިދާޅުވާން އެއްވުންތައް ނުބޭއްވޭނެޔޭ، ރައްޔިތުންނަށް އިހުތިޖާޖެއް ނުކުރެވޭނެއޭ، ރައްޔިތުން އިހުތިޖާޖު ކުރާނަމަ ފުލުހުން ހުރަސް އަޅާނެއޭ،" ޕީޕީއެމްގެ ޓިކެޓުގައި މަޖިލީހަށް އިންތިހާބުވެވަޑައިގެންނެވި އަމީތު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އަންނަ ހުކުރު ދުވަހު ބާއްވާގޮތަށް ހަމަޖައްސާފައިވާ ސުލްހަވެރި އެއްވުމުގައި ގާނޫނާ ހިލާފު އެއްވެސް ކަމަކަށް ގޮވައެއް ނުލާނެ އެވެ. އެ އެއްވުން ބޭއްވުމަށް ހުރަސް އެޅުމުގެ ގާނޫނީ އެއްވެސް ހުއްޖަތެއް ފުލުހުންނަކަށް ނުދެއްކޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަމީތު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކޮންމެ ރެއަކު ބާއްވަމުން އަންނަ އިހުތިޖާޖުތައް ފުލުހުން ބާރުގެ ބޭނުންކޮށްގެން ހުއްޓުވާއިރު ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކަށް އެއްވުންތައް ބާއްވަން ފުރުސަތު ދިނުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ހުކުރު ދުވަހުގެ އެއްވުމާ ގުޅޭގޮތުން ފުލުހުންނާއި ސިފައިން ވަނީ ބަޔާނެއް އިއްވައިފަ އެވެ. އެ ބަޔާނުގައި ބުނެފައި ވަނީ މާލެއަށް ރަށްރަށުން މީހުން އައިސް "ގައުމުގެ އަމާންކަމާއި ސުލްހަމަސަލަސްކަން ނަގާލަން" އުޅޭ ކަމަށާއި އެފަދަ ހަރަކާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ.