Roadha Mihaaru
އިދިކޮޅުގެ އިސްބޭފުޅުން ފުލުހަށް ހާޒިރުވާން އަންގައިފި

ޖުމްހޫރީ މައިދާނަށް އެއްވި އިދިކޮޅުގެ އިސްބޭފުޅުން މިއަދު ފުލުސް އޮފީހަށް ހާޒިރުކުރަނީ

24 ޖުލައި 2023

މަނީ ލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ ދައުވާ ސާބިތުވެގެން 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ލީޑަޝިޕުން ޖުމްހޫރީ މައިދާނަށް އެއްވި މައްސަލާގައި އެ ބޭފުޅުން މިއަދު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

މަނީ ލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ ދައުވާ ސާބިތުވެގެން 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށް ގޮވާލައި އިދިކޮޅު ލީޑަޝިޕުން ޖުމްހޫރީ މައިދާނަށް އެއްވި މައްސަލާގައި އެ ބޭފުޅުން މިއަދު ފުލުސް އޮފީހަށް ހާޒިރުވާން އަންގައިފި އެވެ.

އެއްވެ އުޅުން މަނާ ސަރަހައްދަކަށް އެއްވެ، މުޒާހަރާކޮށް އަދި ފުލުހުންގެ ގާނޫނީ ވާޖިބަށް ހުރަސްއަޅައި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވި ކަމުގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުން ހަތް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ. އޭގެ ތެރެއިން މަޖިލީހުގެ ހަތަރު މެމްބަރުންނަކީ ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު އަދި މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގެވެ.

އެ ބޭފުޅުންގެ އިތުރުން ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހިމް ޝުޖާއު އާއި ހެންވޭރު ހުޅަނގު ދާއިރާގެ ކައުންސިލަރު އަހުމަދު އައިފާން ހިމެނެ އެވެ.

އެ ބޭފުޅުން މިއަދުގެ އެކި ވަގުތަކުގައި ފުލުސް އޮފީހަށް ހާޒިރުވާން އަންގާފައިވާ ކަމަށް ޕީޕީއެމުން ބުންޏެވެ.

ގާނޫނުގައިވާ ގޮތުން، ގްރީން ޒޯނަކީ އެއްވުން މަނާ ސަރަހައްދެކެވެ.

ޖުމްހޫރީ މައިދާނަށް އެއްވި އިދިކޮޅުގެ ބައެއް އިސް ބޭފުޅުން ބުރާސްފަތި ދުވަހުގެ ރޭ ފުލުހުން ދޫކޮށްލީ ތަހުގީގަށް ފުލުސް އޮފީހަށް ހާޒިރުވާން ޗިޓް ހަވާލު ކުރުމަށް ފަހު އެވެ.

ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް ހުޅުވާލާފައިވާއިރު، ޖަލު ހުކުމެއް ތަންފީ ޒުކުރައްވާތީ އިންތިހާބަށް ވާދަކުރެއްވުމުގެ ގާނޫނީ ފުރުސަތު ޔާމީނަށް އޮތީ ބަންދުވެފަ އެވެ.

ގާނޫނުއަސާސީގައި ބުނާގޮތުން ރައީސުލްޖުމްހޫރިއްޔާ ކަަމަށް ކުރިމަތިލާ މީހެއްގެ ޝަރުތުތަކުގެ ތެރޭގައި ޖިނާއީ ކުށެއް ކުރިކަން ސާބިތުވެގެން 12 މަސް ދުވަހަށް ވުރެން ދިގު މުއްދަތެއްގެ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ، އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ އެ ހުކުމުން ކަނޑައެޅުނު އަދަބު މާފު ކުރިތާ ތިން އަހަރު ވާން ޖެހެ އެވެ.

ވ. އާރަށް ކުއްޔަށްދިނުމުގައި ރިޝްވަތު ގަބޫލުކޮށް އެ ފައިސާ ލޯންޑާކުރިކަން ސާބިތުވެ އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމްގެ އިސްތިއުނާފު ހައި ކޯޓުގައި ކުރިއަށް ދިޔައަސް އެ މައްސަލައިން އިންތިހާބުގެ ކުރިއަށް އެ މަނިކުފާނު ސަލާމަތްވުމުގެ ދޮރު ގާތްގަނޑަކަށް މިހާރު އޮތީ ބަންދުވެފަ އެވެ. ޕީޕީއެމުން ތުހުމަތުކުރާ ގޮތުގައި ޔާމީން ވާދަކުރެއްވުމަށް ހުރަސް އެޅުމުގެ ގޮތުން އިސްތިއުނާފް ލަސްކުރުމަށް ހައި ކޯޓުގެ ފަނޑިޔާރުން ޗުއްޓީ ނެގުމަށް ސަރުކާރުން ވަނީ މަޖުބޫރުކޮށްފަ އެވެ. ހައި ކޯޓުން ޔާމީންގެ މައްސަލައިގައި ގޮތެއް ނުނިންމިޔަސް، ސުޕްރީމް ކޯޓުން ޔާމީންގެ ކެންޑިޑެސީގެ މައްސަލަ ކާމިޔާބުވާނެ ކަަމަށް ޕީޕީއެމުން އަންނަނީ ބުނަމުންނެވެ.