Roadha Mihaaru
މިއީ 2005ގެ ލިވަޕޫލް ޓީމެއް ނޫން: ކްލޮޕް

މިއީ 2005ގެ ލިވަޕޫލް ޓީމެއް ނޫން: ކްލޮޕް

14 ފެބުރުއަރީ 2018

ލިޒްބަން، ޕޯޗުގަލް (ފެބްރުއަރީ 14) - ޗެމްޕިއަންސް ލީގުގެ ތަށި 2005 ވަނަ އަހަރު އުފުލާލި ލިވަޕޫލް ޓީމާއި މިހާރު އޮތް ޓީމާ އަޅާކިޔުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ލިޒްބަން، ޕޯޗުގަލް (ފެބްރުއަރީ 14) - ޗެމްޕިއަންސް ލީގުގެ ތަށި 2005 ވަނަ އަހަރު އުފުލާލި ލިވަޕޫލް ޓީމާއި މިހާރު އޮތް ޓީމާ އަޅާކިޔުމަކީ އެންމެ ރަނގަޅު ގޮތެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު ޔާގެން ކްލޮޕް ބުނެފި އެވެ.

ލިވަޕޫލުން 2005 ވަނަ އަހަރު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖު ފަހަނައަޅައިދެވުނީ ކިރިޔާ އެވެ. އެހެން ނަމަވެސް ގިނަ ބަޔަކު ހައިރާންކޮށްލުމަށް ފަހު އެ ފަހަރުގެ ތަށި އެ ޓީމުން އުފުލާލީ ފައިނަލުގައި ފަހަތުން އަރައި ގަދަފަދަ އޭސީ މިލާންގެ މައްޗަށް ކުރި ހޯދުމަށް ފަހު އެވެ.

"މިހާރު އޮތް ލިވަޕޫލް ޓީމާއި 2005 ގެ ޓީމާ އަޅާކިޔުން ރަނގަޅެއް ނޫން. އެއްވެސް މީހަކު ގަބޫލެއް ނުކުރާނެ ގަދަ 16 ޓީމުގެ ތެރެއަށް ދިއުމުގެ ކުރިން 2005 ވަނަ އަހަރު ލިވަޕޫލް ޗެމްޕިއަންސް ލީގު ހޯދާނެ ކަމަށް. އަހަރެން ބޭނުމެއް ނެތް މިހާރު ފައިނަލުގެ ވާހަކައެއް ނޫނީ މާކުރީގެ ވާހަކައެއް ދައްކަން. ބޭނުމީ ކުރިއަށް އޮތް މެޗަށް ފޯކަސް ކުރަން،" މިރޭ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގައި ޕޯޓޯއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ކްލޮޕް ބުންޏެވެ.

މިރޭ ޕޯޓޯއާ ދެކޮޅަށް ކުޅޭ މެޗަށް ނުކުންނައިރު ކްލޮޕަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ އެ ޓީމުގެ ކުރިއަށް ކުޅޭ ކުޅުންތެރިން ރަނގަޅު ފޯމެއްގައި ތިބުމެވެ. އެގޮތުން އިނގިރޭސި ޕްރިމިއާ ލީގުގައި އެންމެ ފަހުން ކުޅުނު މެޗުގައި ރޮބާޓޯ ފިރްމީނޯ އާއި މުހައްމަދު ސަލާހު ލަނޑު ޖެހިއިރު، ކީޕަރު ލޮރިސް ކާރިއަސް މޮޅު ކުޅުމެއް ދައްކާފައިވާތީ ޓީމުގެ ފޯމާ މެދު ކްލޮޕްގެ ކަންބޮޑުވުމެއް ނެތެވެ.

ޕޯޓޯގެ ކޯޗު ސާޖިއޯ ކޮއެންސިކާއޯ ބުނީ ލިވަޕޫލްގެ އެޓޭކް ހުއްޓުވޭނެ ފަދަ ވަރުގަދަ ޑިފެންސެެއް ޕޯޓޯގައި އެބައޮތް ކަމަށެވެ.

"ލިވަޕޫލްގެ އެޓޭކް ވަރުގަދަ ވިޔަސް އެ ހުއްޓުވޭނެ ފަދަ ޑިފެންސެއް ޕޯޓޯގައި އެބައޮތް. އެއީ ޕޯޓޯގެ އެޑްވާންޓޭޖަކަށް ވެސް ވެދާނެ،" ކޮއެންސިކާއޯ ބުންޏެވެ.

އޭނާ ބުނީ ފައިސާގެ ގޮތުން ބަލާއިރު ލިވަޕޫލާއި ޕޯޓޯ ދެމެދުގައި ފަރަގުތަކެއް ހުރި ނަމަވެސް މިއީ ޔޫރަޕްގެ ކާމިޔާބު ދެ ޓީމުގެ ކުރިމަތިލުމެއް ކަމަށާއި މިއީ ނަތީޖާ ނެރެވޭނެ މެޗެއް ކަމަށެވެ.

ލިވަޕޫލާއި ޕޯޓޯ ކުޅޭ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 00:45 ގަ އެވެ.