Roadha Mihaaru
ކުރީގެ ސީޕީ އަރީފްގެ ޕާސްޕޯޓް ހިފަހައްޓައިފި

ކުރީގެ ޕޮލިސް ކޮމިޝަނަރު އަރީފްގެ ޕާސްޕޯޓު ހިފަހައްޓައިފި

14 ފެބުރުއަރީ 2018

ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފްގެ ޕާސްޕޯޓު ހިފަހައްޓައި އޭނާ އެއްވެސް ތަނަކަށް ފުރާވަޑައިގަތުން މަނާކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ޕޮލިސް ކޮމިޝަނަރު އަހްމަދު އަރީފްގެ ޕާސްޕޯޓު ހިފަހައްޓައި އޭނާ އެއްވެސް ތަނަކަށް ފުރާވަޑައިގަތުން މަނާކޮށްފި އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އަރީފްގެ ޑިޕްލޮމެޓިކް ޕާސްޕޯޓް ހިފެހެއްޓީ މި ހަފުތާގެ ތެރޭގަ އެވެ. އެކަމަކު ޕާސްޕޯޓު ހިފެހެއްޓި ސަބަބެއް ރަސްމީ އެއްވެސް އިދާރާއަކުން އަދި ސާފެއް ނުވެ އެވެ.

އަރީފްގެ ޕާސްޕޯޓު ހިފެހެއްޓިއިރު، އެއްބާރުލުން ނުލިބޭ ކަމަށް ބުނެ އޭނާ ޕޮލިސް ކޮމިޝަނަރު ކަމުން ވަކިކުރީ މި މަހު 2 ގަ އެވެ. ސިޔާސީ ލީޑަރުންތަކެއް ދޫކޮށްލަން ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މި މަހު 1 ގައި ނެރުއްވި އަމުރާ ގުޅޭގޮތުން މަޝްވަރާ ކުރަން ސަރުކާރުގެ އިސް ބޭފުޅުން ގުޅުއްވުމުން، އަރީފް ފޯނަށް ޖަވާބު ނުދެއްވި ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް ވަނީ ޕްރެސް ކޮންފަރެންސެއްގައި ވިދާޅުވެފަ އެވެ.

އަރީފް މަގާމުން ވަކިކުރައްވަން ރައީސް އަބްދުﷲ ޔާމީން ނިންމެވީ، އެ މައްސަލާގައި ކަމަށް ވެސް ބަންޑާރަ ނައިބު ވަނީ ވިދާޅުވެފަ އެވެ.

އަރީފް ވަކިކުރައްވައި އެ މުއައްސަސާ ހިންގެވުން ހަވާލުކުރެއްވީ ޑެޕިއުޓީ ކޮމިޝަނަރު އަހުމަދު ސައުދީއާ އެވެ. އެކަމަކު ފަހުން އޭނާ ވެސް މަގާމުން ވަކިކުރައްވައި އެކްޓިން ޕޮލިސް ކޮމިޝަނަރަކަށް މިހާރު ހަމަޖައްސާފައި ވަނީ ޑެޕިއުޓީ ކޮމިޝަނަރު އަބްދުﷲ ނަވާޒުއާ އެވެ.

ސިޔާސީ ލީޑަރުން ދޫކޮށްލަން ސުޕްރީމް ކޯޓުން ކުރި އަމުރާ މެދު ސަރުކާރުން ގޮތެއް ނުނިންމަނީސް، އެ އަމުރު ފުލުހުންގެ މުއައްސަސާ އިން ތަންފީޒުކުރައްވަން މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތު އަރީފަށް ކުރެ އެވެ. އެ އަމުރުން ދައުލަތް ހިންގުން ހުއްޓުމަކަށް އަތުވެދާނެ ކަމަށް ކަނޑައަޅައި ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން ވަނީ އެ އަމުރު ބާތިލްކޮށްފަ އެވެ.

އަމުރު ބާތިލްކުރީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ރިޝްވަތުގެ ތުހުމަތުގައި ހައްޔަރުކޮށްފައި ވަނިކޮށެވެ. މި މަހު 1 ގައި ނެރުނު އަމުރަކީ ބޮޑެތި އަދަދުތަކުން ދެ ފަނޑިޔާރަކު ވެސް ހިމެނޭގޮތަށް ރިޝްވަތުގެ ފައިސާ ނަންގަވައި ސަރުކާރުން ވައްޓާލަން ހިންގި އަމަލުތަކެއް ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.