Roadha Mihaaru
ހަސަންގެ އޮސްޓްރޭލިއާ ތަޖުރިބާ: "އިތުބާރު ލިބިއްޖެ!"

އޮސްޓްރޭލިއާގައި ހަސަންގެ ތަޖުރިބާ: "އިތުބާރު ލިބިއްޖެ!"

15 ފެބުރުއަރީ 2018

ރާއްޖޭގެ ކްރިކެޓް އޮތްތާނގައި ބާއްވާށެވެ. ޒުވާން ކުޅުންތެރިޔާ ހަސަން އިބްރާހިމް ކުރިއަށް ދިއުމަށް ގެންއުޅޭ ވިސްނުމާއި ކުރާ ހިތްވަރަށް ރާއްޖޭގެ ކުޅިވަރު އާއިލާއިން ސާބަސްދޭން ޖެހެ އެވެ. ދުނިޔޭގެ ބޮޑު ކްރިކެޓް ލީގެއްގައި ކުޅުމަށް އޭނާ ދެކޭ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި، އޮސްޓްރޭލިއާގައި ދެ މަސް ދުވަސް ހޭދަކުރުމަށް ފަހު މިވަގުތު އެނބުރި އައިސްފައިވާއިރު، އޭނާ ބުނަނީ އެ ތަޖުރިބާއާ އެކު، އޭނާ ދެކެމުން އަންނަ ހުވަފެން ހަގީގަތަކަށް ހެދިދާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ލިބިއްޖެ އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ރާއްޖޭގެ ކްރިކެޓް އޮތްތާނގައި ބާއްވާށެވެ. ޒުވާން ކުޅުންތެރިޔާ ހަސަން އިބްރާހިމް ކުރިއަށް ދިއުމަށް ގެންއުޅޭ ވިސްނުމާއި ކުރާ ހިތްވަރަށް ރާއްޖޭގެ ކުޅިވަރު އާއިލާއިން ސާބަސްދޭން ޖެހެ އެވެ. ދުނިޔޭގެ ބޮޑު ކްރިކެޓް ލީގެއްގައި ކުޅުމަށް އޭނާ ދެކޭ ހުވަފެން ހަގީގަތަކަށް ހެދުމަށްޓަކައި، އޮސްޓްރޭލިއާގައި ދެ މަސް ދުވަސް ހޭދަކުރުމަށް ފަހު މިވަގުތު އެނބުރި އައިސްފައިވާއިރު، އޭނާ ބުނަނީ އެ ތަޖުރިބާއާ އެކު، އޭނާ ދެކެމުން އަންނަ ހުވަފެން ހަގީގަތަކަށް ހެދިދާނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް ލިބިއްޖެ އެވެ.

މިދިޔަ ޑިސެމްބަރުން ފެށިގެން ދާދި ފަހަކާ ޖެހެންދެއް އޮސްޓްރޭލިއާގައި ހޭދަކުރި ދުވަސްތަކުގައި ބާރު އުކުންތެރިޔާ ވަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ކްރިކެޓް ލީގު ކަމަށްވާ އޮސްޓްރޭލިއާގެ ބިގް ބޭޝްގައި ވާދަކުރާ މެލްބަން ރެނެގޭޑްސްއާ އެކު ތަމްރީން ހަދައިފަ އެވެ. އަދި އޮސްޓްރޭލިއާގެ ވިކްޓޯރިއާ ޕްރިމިއާ ލީގުގައި ކާލްޓަން ކްރިކެޓް ކްލަބަށް ވެސް ކުޅުނެވެ.

އޮސްޓްރޭލިއާ ގައުމީ ޓީމަށް ޓެސްޓް މެޗުކުޅެފައިވާ އެންޑްރޫ މެކްޑޮނަލްޑް ކޯޗުކޮށްދޭ ރެނެގޭޑްސްއާ އެކު ހެދި ތަމްރީންތަކަށް ފަހު ހަސަން "މިހާރަ"ށް ވާހަކަދައްކަމުން ބުނީ އެ ކުޅުންތެރިން އެތިބި ހިސާބަށް ދިއުމުގެ ހުރިހާ ވެސް ސިއްރަކީ ބުރަ މަސައްކަތް ކަމަށެވެ.

"ޓްރެއިނިންގައި އަހަންނަށް ވެސް އެ ކުޅުންތެރިންނާ ވާދަކޮށްލެވުނު. ދެން އެހިސާބުން އުފެދޭ ސުވާލަކީ އެ ކުޅުންތެރިން ކީއްވެހޭ އެހާ މަތީ ފެންވަރެއްގައި އެ ކުޅެނީ. އަހަންނަށް ލިބުނު ޖަވާބަކީ ބުރަ މަސައްކަތޭ އޭގެ ސިއްރަކީ. ލިބިފައިވާ ހުނަރު ކުރިއަރުވަން ކުރާ ބުރަ މަސައްކަތާއި އެ ހުނަރު ބޭނުންކުރަން ކުރާ ބުރަ މަސައްކަތް،" ހަސަން ބުންޏެވެ.

ކްރިކެޓް ބޯޑުން 2000 ވަނަ އަހަރު ފެށި "2000 ކްރިކެޓް އެންޑް ބިޔޯންޑް" ޕްރޮގްރާމުގެ ތެރެއިން މި ކުޅިވަރުގެ ތެރެއަށް ވަދެ އުމުރުން 15 އަހަރުގައި 2006 ވަނަ އަހަރު ގައުމީ ޓީމުން ޖާގަ ހޯދި ހަސަން ބުނީ މިހާރު އޭނާ އަށް ވެސް އަމިއްލަ ނަފްސަށް ވަރަށް ބޮޑު އިތުބާރެއް ލިބިއްޖެ ކަމަށެވެ. އަނެއްކޮޅުން މިހާރު އެ ކުޅުންތެރިންނާއި ކޯޗުންނާ ގުޅުން ބަދަހިވެ އެ އެންމެންގެ ފަރާތުން އޭނާ އަށް ލަފާ އާއި އިރުޝާދު އަންނަނީ ލިބެމުންނެވެ.

"މަސައްކަތްކޮށްފިއްޔާ އެހިސާބަށް ދެވިދާނެކަމަށް މިހާރު ގަބޫލުކުރެވިއްޖެ. ހަގީގަތުގައި މި ދަތުރުން އަހަންނަށް ކުރި އެންމެ ބޮޑު ފައިދާއަކީ ވެސް އެއީ. ކުރިން އަހަރެން ދުށީ ހުވަފެނެއް. މިހާރު އެކަން ހާސިލްކުރެވިދާނެކަން ޔަގީންކުރެވިއްޖެ. އެކަމަކު އެއީ ވަރަށް ބުރަ މަސައްކަތް،" ހަސަން ބުންޏެވެ.

ހަސަން ރެނަގޭޑްސްގެ ކޯޗާ އެކު.

ހަސަން ރެނަގޭޑްސްގެ ކޯޗާ އެކު.

ހަސަނަށް އެކަން ޔަގީންވި އެއް ސަބަބަކީ މީގެ ހަ އަހަރު ކުރިން ރާއްޖެއާ ދެކޮޅަށް އޭސީސީ އެލީޓް މުބާރާތުގައި އަފްގާނިސްތާން ޓީމަށް ކުޅުނު މުހައްމަދު ނަބީ އަށް ރެނަގޭޑްސް ޓީމުން ފުރުސަތު ލިބި އަދި ކުރިއަށް އޮތް އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް) އިން ވެސް ފުރުސަތު ލިބިފައިވުމެވެ. މީގެ އިތުރުން ނޭޕާލް ކުޅުންތެރިޔަކަށް ވެސް އައިޕީއެލް އަށް ވަނީ ޖާގަ ދީފަ އެވެ.

"އަފްގާނިސްތާނާއި ނޭޕާލަކީ ރާއްޖެއާ އެކު ވާދަކުރި ގައުމުތައް. މިހާރު އަފްގާނިސްތާން ކުޅެނީ ޓެސްޓް ކްރިކެޓް. އަފްގާނިސްތާނުގެ ނަބީ އަށް އެ ފުރުސަތު ލިބުނީ އައިޕީއެލް އިން،" ހަސަން ބުންޏެވެ. "ކީއްވެ ދިވެއްސަކަށް އެފަދަ ފުރުސަތެއް ވަކި ނުލިބެންވީ؟."

ހަސަން މި ފަހަރު ކުޅުނު އޮސްޓްރޭލިއާގެ ސެމީ ޕްރޮފެޝަނަލް ލެވެލް ޓީމެއް ކަމަށްވާ ކާލްޓަން އިން ވަނީ ކުރިއަށް އޮތް ސީޒަން އެއްކޮށް އެ ޓީމަށް ކުޅެން އޭނާ އަށް ދައުވަތު ދީފަ އެވެ. އެ ފުރުސަތުގެ ބޭނުން ހިފާނެ އެވެ. އަދި އޭގެ ކުރިން ވެސް ތަޖުރިބާ ހޯދަން އެހެން ފުރުސަތުތަކަށް އޭނާ ހުރީ ބަލަބަލަ އެވެ. ކްރިކެޓް ބޯޑުން އެހީތެރިވީ ނަމަވެސް ޖުމްލަކޮށް ހުރިހާ ހަރަދެއް ކުރަނީ އޭނާ އަމިއްލަ އަށެވެ. އޭނާގެ ހުވަފެން ސީދާ ކުރަން، ކުރަން ޖެހުނު ކޮންމެ ކަމެއް، ކޮންމެ ގުރުބާނީއެއްވާން ހުރީ ތައްޔާރަށެވެ.

ހަސަނަށް އޮސްޓްރޭލިއާ އިން ފުރުސަތު ހޯދައިދިނީ އޭނާގެ ޕާސަނަލް ކޯޗު އޮސްޓްރޭލިއާގެ ޑީން ވުޑްފޯޑެވެ. މިވަގުތު ޕާކިސްތާން ޓީމަކާ އެކު މަސައްކަތްކުރަން ވުޑްވަޑް އެ ގައުމުގައި ހުރި ނަމަވެސް ކޯޗުގެ ޕްލޭނާ އެއްގޮތަށް މާލޭގައި ވެސް ތަމްރީންތައް ކުރިއަށްގެންދާނެ އެވެ.

"އެއީ ވެސް ވަރަށް މުހިއްމު ކަމެއް. ހަމައެކަނި މުބާރާތް ގާތްވީމާ ތަމްރީންތަކެއް ހަދާލުމުގެ ބަދަލުގައި ގަވާއިދުން ޕްރެކްޓިސްކުރުން މުހިއްމު. ކޯޗު އެބައޮތް ވަކި ޓާގެޓްތަކެއް ދީފައި. ކޮންމެ ދުވަހަކު ވަކި ވަރަކަށް ބޯޅަ އުކަން ޖެހޭ. ދެ ދުވަސް ޖިމްގައި ހޭދަކުރަން ޖެހޭ އަދި ކޮންޑިޝަނިން ސެޝަންތަކެއް ވެސް އޮންނާނެ،" ހަސަން ބުންޏެވެ.

ރާއްޖޭން ބޭރުގެ ޓީމަކަށް ކުޅުނު ދިވެހި ފުރަތަމަ ކްރިކެޓް ކުޅުންތެރިޔާގެ ގޮތުގައި މެލޭޝިއާގެ ސްޓޭޓް ލީގުގެ ޕިނޭންގް ޓީމަށް މިދިޔަ އަހަރު ކުޅުނު ހަސަނަށް އޮސްޓްރޭލިއާ އިން ޑީން ފުރުސަތު ހޯދައިދިނީ ވެސް އޭނާ ކުރިން ބުނެފައިވާ ގޮތުގައި ހަސަންގެ ފަރާތުން ތަފާތު ކަންތައްތަކެއް ފެނުމުންނެވެ.

"އޭނާ ފެންނަނީ ވަރަށް ބޮޑަށް ކުރިއަރަން ބޭނުންވާ ކުޅުންތެރިއެއްގެ ގޮތުގައި. ހަގީގަތުގައި އަހަރެން އެ ފުރުސަތެއް ހޯދައިނުވެސް ދޭނަން އެ ކުޅުންތެރިއެއްގެ އަޒުމެއް ނެތިއްޔާ. އޭނާގެ ކިބައިގައި އަމާޒެއް އެބައޮތް އަޒުމެއް އެބައޮތް. އެހެންވެ މި ފުރުސަތު ހޯދައިދެނީ،" ބަންގްލަދޭޝް، ޒިމްބާބްވޭ އަދި އަފްގާނިސްތާން ގައުމީ ޓީމާއި ޕާކިސްތާނާއި އޮސްޓްރޭލިއާ ކްރިކެޓް ލީގުގެ ކްލަބްތަކާ އެކު މަސައްކަތްކޮށްފައިވާ ޑީން ބުންޏެވެ.

ހަސަންގެ ޕާސަނަލް ކޯޗު ޑީން. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ހަސަންގެ ޕާސަނަލް ކޯޗު ޑީން. --ފޮޓޯ: ނިޝާން އަލީ/ މިހާރު

އޮސްޓްރޭލިއާގެ ވަންޑޭ ޓީމުގެ އޯޕަނިން ބެޓްސްމަން އާރޮން ފިންޗް ފަދަ ބައިނަލްއަގްވާމީ ތަރިން ހިމެނޭ ރެނެގޭޑްސްގެ ކުޅުންތެރިން ވަނީ ހަސަނަށް ހޫނު މަރުހަބާއެއް ކިޔައިފަ އެވެ.

މީގެ ކުރިން އޭނާ އަށް އެ ކުޅުންތެރިން ފެންނަނީ ޓީވީންނެވެ. މިހާރު އޭނާ އެ ވަނީ އެ ކުޅުންތެރިންނާ އެކު ތަމްރީން ހަދައިފަ އެވެ. ދެން އޮތީ އެފަދަ ކުޅުންތެރިންނާ އެކު ކުޅެލުމެވެ.

އޭސީސީ ޗެލެންޖް ޓްރޮފީ 2010 ވަނަ އަހަރު ކާމިޔާބުކުރި ގައުމީ ކްރިކެޓް ޓީމަށް ކުޅުނު ހަސަން ބުނީ އެ ފެންވަރުގެ ޓީމެއްގެ ވާހަކަ ބުނުމުން އެންމެ ފުރަތަމަ އޭނާ ވެސް ހާސްވި ކަމަށާއި އެކަމަކު އެ ހިސާބަށް ނުވިސްނައި ކުރިއަށް ދެވެން ނެތް ކަމަށެވެ.

"މިއީ ރާއްޖޭގެ ވަރަށް ގިނަ ކުޅުންތެރިންނަށް ދިމާވާ ގޮތެއް. މިއަށް ވުރެ މަތީ ލެވެލަށް ނުވިސްނައި އެހިސާބަށް ނުދެވޭނެ. ރާއްޖޭގެ އެންމެ މަތީ ފެންވަރުގައި ކުޅެފައި ދެން ވިސްނަންވީ އެހެން ހިސާބަކަށް ދިއުމަށް. ކޮންމެ ގޮތެއް ވިޔަސް، ރާއްޖޭގައި އެއް ފެންވަރެއްގެ ކުޅުންތެރިންނާ އެކު ކުޅޭއިރު އިތުރަށް ލާނެ ހިތްވަރެއް ނޯންނާނެ. ރެނަގޭޑްސްއާ އެކު ކުޅުނުއިރު އަހަންނަށް އޮތީ ފެންވަރު ސާބިތުކޮށްދޭން އެވަރަށް މަސައްކަތްކުރުން. އެއާ އެކު އެ ތަފާތު ހަމަ ފެނުނު،" ރާއްޖޭގެ 50 އޯވަރު އަދި ޓްވެންޓީ20 ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން ބުންޏެވެ.