Roadha Mihaaru
އޮސްޓްރޭލިއާ ކްރިކެޓް ޓީމުގެ ޓްރެއިނިންގައި ހަސަން

ވޯލްޑް ކަޕަށް ތައްޔާރުވި އޮސްޓްރޭލިއާގެ ކްރިކެޓް ޓީމުގެ ޓްރެއިނިންގައި ހަސަން ބައިވެރިވެއްޖެ

16 އޮކްޓޯބަރ 2022

އޮސްޓްރޭލިއާގައި މިއަދު ފަށާ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި ވާދަކުރާ އެ ގައުމުގެ ގައުމީ ކްރިކެޓް ޓީމުގެ ޓްރެއިނިންގައި ރާއްޖޭގެ ބާރު އުކުންތެރިޔާ ހަސަން އިބްރާހިމް ބައިވެރިވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އޮސްޓްރޭލިއާގައި މިއަދު ފަށާ ޓީ20 ކްރިކެޓް ވޯލްޑް ކަޕްގައި ވާދަކުރާ އެ ގައުމުގެ ގައުމީ ކްރިކެޓް ޓީމުގެ ޓްރެއިނިންގައި ރާއްޖޭގެ ބާރު އުކުންތެރިޔާ ހަސަން އިބްރާހިމް ބައިވެރިވެއްޖެ އެވެ.

އޮސްޓްރޭލިއާގެ ސްޓޭޓް ކްރިކެޓް މުބާރާތްތަކުގެ ތެރެއިން ކްއީންސް ލޭންޑް ޕްރިމިއާ ކްރިކެޓް ލީގުގެ ވެސްޓަން ސަބާބްސް ޑިސްޓްރިކްޓް ކްލަބަށް ކުޅެމުން އަންނަ ހަސަން އަށް އެ ފުރުސަތު ލިބުނީ އޮސްޓްރޭލިއާގެ ކްލަބް މުބާރާތްކުގައި ކުޅެމުންދާ އުކުންތެރިންގެ ތެރެއިން ނެގި ކުޅުންތެރިންގެ ތެރޭގައި ހިމެނިގެންނެވެ.

އެ ޓްރޭނިން ކޭމްޕް ކުރިއަށް ގެންދިޔައީ، ވޯލްޑް ކަޕް ފެށުމުގެ ކުރިން، ވެސްޓް އިންޑީޒް އާ ދެކޮޅަށް އޮސްޓްރޭލިއާ ކުޅުނު ޓީ 20 މެޗުތަކުގެ ކުރިން ބޭއްވި ފަރިތަކުރުންތަކުގަ އެވެ.

އޮސްޓްރޭލިއާގެ ގައުމީ ޓީމުގެ އެންމެ ތަޖުރިބާކާރު ބެޓްސްމަނުންނާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުގެ ބާރު އުކުންތެރިޔާ ހަސަން ވަނީ އުކާފަ އެވެ.

އެގޮތުން ލިމިޓެޑް އޯޥާ ކްރިކެޓްގައި އޮސްޓްރޭލިއާގެ ކުރީގެ ކެޕްޓަންކަން ޑޭވިޑް ވާނާ އާ ދެކޮޅަށް ވެސް ހަސަން އުކި އެވެ. އަދި ތަޖުރިބާކާރު ބެޓްސްމަނުން ކަމަށްވާ އާރޮން ފިންޗު އަދި ސްޓީވް ސްމިތު އާ ދެކޮޅަށް ވެސް ހަސަން ވަނީ އުކާފަ އެވެ. ދެން ހިމެނެނީ ޒުވާން ކުޅުންތެރިޔާ ކެމެރޫން ގްރީން އާއި މި އަހަރު ފެބްރުއަރީ މަހު ގައުމީ ޓީމަށް ކުޅެން ފެށި ޖޯޝް އިންގަލްސް އެވެ.

އޮސްޓްރޭލިއާގެ ގައުމީ ޓީމުގެ މިހާރުގެ ކޯޗު އެންޑްރޫ މެކް ޑޮނަލްޑް އަކީ އެ ގައުމުގެ ޕްރިމިއާ ކްރިކެޓް ލީގު، "ބިގް ބޭޝް" ގައި ވާދަކުރާ މެލްބަން ރެނެގޭޑްސްގެ ކުރީގެ ކޯޗެވެ. އެ ކްލަބާ އެކު 2017 ގައި ހަސަން ތަމްރީން ކޭމްޕެއް ފުރިހަމަ ކުރި އިރު، މެލްބަން ރެނެގޭޑްސްގެ ކޯޗަކަށް ހުރީ އެންޑްރޫ އެވެ.

"ޓްރެއިނިންގައި އޭނާ އާ ބައްދަލުވީމަ އަހަރެން ތައާރަފެއް ދިނުމުގެ ގޮތުން އެ ވާހަކަ ދެއްކީމަ އެންޑްރޫ ބުނި ތިމަންނަ ހަނދާން އެބަހުއްޓޭ ކުރިން ބައްދަލުވިކަން،" ހަސަން ބުންޏެވެ.

ރެނެގޭޑްސްގެ ކޯޗުކަން ދޫކޮށް 2019 ގައި އެންޑްރޫ ވަނީ އޮސްޓްރޭލިއާގެ ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ މަގާމާ ހަވާލުވެފަ އެވެ. ގައުމީ ޓީމުގެ ހެޑް ކޯޗު ކަމަށް އޭނާ ހަމަޖެއްސީ މިދިޔަ އޭޕްރީލް މަހު އެވެ.

ކްރިކެޓުގެ އެންމެ މަތީ ފަންތީގެ ކްލަބަކާ އެކު ޓްރެއިނިން ހެދި ފުރަތަމަ ދިވެހި ކުޅުންތެރިޔާގެ ޝަރަފް ލިބުނު ހަސަން މިހާރު ވެފައިވަނީ މަތީ ފަންތީގެ ކުޅިވަރެއްގެ ގައުމީ ޓީމަކާ އެކު ޓްރެއިނިން ހެދި ފުރަތަމަ ދިވެހި ކުޅުންތެރިޔާ އަށެވެ.

ކްރިކެޓް ބޯޑުން 2000 ވަނަ އަހަރު ފެށި "2000 ކްރިކެޓް އެންޑް ބިޔޯންޑް" ޕްރޮގްރާމުގެ ތެރެއިން މި ކުޅިވަރުގެ ތެރެއަށް ވަދެ އުމުރުން 15 އަހަރުގައި 2006 ވަނަ އަހަރު ގައުމީ ޓީމުން ޖާގަ ހޯދި ހަސަން ވަނީ 2019 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސް އާއި 2010 އަދި 2014 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި ގައުމީ ޓީމަށް ކުޅެފަ އެވެ. އޭނާ އަކީ 2010 ވަނަ އަހަރުގެ އޭސީސީ ޗެލެންޖް ޓްރޮފީ ކާމިޔާބުކުރި ކްރިކެޓް ޓީމުގެ މެމްބަރެކެވެ.

އަމިއްލަ ގައުމުގައި ބާއްވާ ޓީ20 ކްރިކެޓް މުބާރާތުގައި އެންމެ ފަހުގެ ޗެމްޕިއަން އޮސްޓްރޭލިއާ ކުޅޭ ފުރަތަމަ މެޗުގައި ނުކުންނާނީ ނިއު ޒިލޭންޑާ ދެކޮޅަށް މި އަންނަ ހޮނިހިރު ދުވަހު އެވެ. މުބާރާތުގެ ފުރަތަމަ މެޗުގައި މިއަދު ހަވީރު ނުކުންނާނީ ނެމްބިއާ އާއި ސްރީ ލަންކާ އެވެ. މުބާރާތް ކުރިއަށް ދާނީ އަންނަ މަހު 13 ވަނަ ދުވަހުގެ ނިޔަލަށެވެ.