Roadha Mihaaru
ހަސަން އަށް އޮސްޓްރޭލިއާގައި ބޮޑު ކުރިއެރުމެއް

ކްރިކެޓް ތަރި ހަސަން އަށް އޮސްޓްރޭލިއާގައި ބޮޑު ކުރިއެރުމެއް

11 ޖެނުއަރީ 2023

އޮސްޓްރޭލިއާގެ ކްއީންސް ލޭންޑް ޕްރިމިއާ ކްރިކެޓް ލީގުގައި ކުޅެމުން އަންނަ ރާއްޖޭގެ ބާރު އުކުންތެރިޔާ ހަސަން އިބްރާހިމް އެ ގައުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އޮސްޓްރޭލިއާގެ ކްއީންސް ލޭންޑް ޕްރިމިއާ ކްރިކެޓް ލީގުގައި ކުޅެމުން އަންނަ ރާއްޖޭގެ ބާރު އުކުންތެރިޔާ ހަސަން އިބްރާހިމް އެ ގައުމުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައިފި އެވެ.

މިދިޔަ އަހަރު އޯގަސްޓް މަހު ވެސްޓަން ސަބާބްސް ޑިސްޓްރިކްޓް ކްލަބަށް ކުޅެފެށި އަންނަ ހަސަން އެންމެ ފުރަތަމަ ފެށީ އެ ކްލަބްގެ ސެކަންޑް ގްރޭޑް ކުޅުންތެރިންގެ ތެރެއިންނެވެ. ފަހުން އޭނާ ދެއްކި ކުޅުމާ އެކު ފަސްޓް ގްރޭޑަށް އޭނާ ޕްރޮމޯޓް ކުރި އެވެ.

"މިތަނަށް އައިސް އަޅުގަނޑުގެ ފުރަތަމަ ޓާގެޓަކަށް ވީ ފަސްޓް ގްރޭޑްގައި ހިމެނުން. އެއީ ކްލަބް ޓޮޕް 11 ކުޅުންތެރިންގެ ތެރޭގައި،" އޮސްޓްރޭލިއާގައި ހުރެ ހަސަން ކިޔައިދިނެވެ.

ކޮންމެ ކްލަބެއްގައި 11 ކުޅުންތެރިން ފަސް ޕޫލެއް އޮވެ އެވެ. ފަސްޓް ގްރޭޑްގައި ހަސަން ހިމެނުމަކީ މެޗުތަކަށް ޓީމު ނެގުމުގައި އެންމެ ފުރަތަމަ އިސްކަން ދޭ 11 ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނުމެވެ.

މިދިޔަ އަހަރު އޮސްޓްރޭލިއާގައި ބޭއްވި ޓީ20 ކްރިކެޓް ވޯލްޑް ކަޕަށް އެ ގައުމުގެ ގައުމީ ޓީމު ވީ ތައްޔާރީތަކުގެ ތެރޭގައި ހަސަން ވަނީ އެ ޓީމުގެ ޕްރެކްޓިހުގައި ވެސް ބައިވެރިވެފަ އެވެ. އޮސްޓްރޭލިއާގެ ބިގް ބޭޝްގައި ވާދަކުރާ މެލްބަން ރެނެގޭޑްސްއާ އެކު 2017 ގައި ތަމްރީން ހެދި ހަސަން އަށް އޮސްޓްރޭލިއާގެ ގައުމީ ޓީމުގެ ޓްރޭނިންގައި ބައިވެރިވުމުގެ ފުރުސަތު ލިބުމުން އޭނާ ވެފައި ވަނީ އެންމެ މަތީ ފެންވަރުގެ ޓީމަކާ އެކު ތަމްރީން ހެދި ރާއްޖޭގެ ފުރަތަމަ އެތުލީޓަށެވެ.

ހަސަން އަށް އެ ފުރުސަތު ލިބުނީ އޮސްޓްރޭލިއާގެ ކްލަބް މުބާރާތްކުގައި ކުޅެމުންދާ އުކުންތެރިންގެ ތެރެއިން ނެގި ކުޅުންތެރިންގެ ތެރޭގައި ހިމެނިގެންނެވެ. އޮސްޓްރޭލިއާގެ ގައުމީ ޓީމުގެ އެންމެ ތަޖުރިބާކާރު ބެޓްސްމަނުންނާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުގެ ބާރު އުކުންތެރިޔާ ހަސަން ވަނީ އުކާފަ އެވެ. އެގޮތުން ލިމިޓެޑް އޯވާ ކްރިކެޓްގައި އޮސްޓްރޭލިއާގެ ކުރީގެ ކެޕްޓަންކަން ޑޭވިޑް ވާނާ އާ ދެކޮޅަށް ވެސް ހަސަން އުކި އެވެ. އަދި ތަޖުރިބާކާރު ބެޓްސްމަނުން ކަމަށްވާ އާރޮން ފިންޗު އަދި ސްޓީވް ސްމިތު އާ ދެކޮޅަށް ވެސް ހަސަން ވަނީ އުކާފަ އެވެ. ދެން ހިމެނެނީ ޒުވާން ކުޅުންތެރިޔާ ކެމެރޫން ގްރީން އާއި މި އަހަރު ފެބްރުއަރީ މަހު ގައުމީ ޓީމަށް ކުޅެން ފެށި ޖޯޝް އިންގަލްސް އެވެ. އެ ޓްރޭނިން ކޭމްޕްގައި އޮސްޓްރޭލިއާގެ ގައުމީ ޓީމުގެ ކޯޗު އެންޑްރޫ މެކް ޑޮނަލްޑް އާ ބައްދަލުވި ހަސަން ވަނީ ކުރިން ވެސް އޭނާ އާއެކު މަސައްކަތް ކޮށްފަ އެވެ. މެލްބަން ރެނެގޭޑްސްގައި 2017 ގައި ހަސަން ޓްރޭނިން ހެދި އިރު އެ ކްލަބްގެ ކޯޗަކަށް ހުރީ އެންޑްރޫ އެވެ.

ހަސަން އެނބުރި ރާއްޖެ އަންނާނީ މާޗު މަހު ކްއީންސް ލޭންޑް ޕްރިމިއާ ލީގު ނިމުމުންނެވެ.