Roadha Mihaaru
ކްރިކެޓް ތަރި ހަސަން އޮސްޓްރޭލިއާގެ ކްލަބަކަށް ކުޅެނީ

ކްރިކެޓް ތަރި ހަސަން އޮސްޓްރޭލިއާގެ ކްލަބަކަށް ކުޅެން ފުރައިފި

29 އޯގަސްޓް 2022

ކްރިކެޓްގައި ދުނިޔޭގެ އެންމެ ކާމިޔާބު ގައުމު އޮސްޓްރޭލިއާގެ ކްލަބް ކްރިކެޓްގެ މަތީ ލެވަލް މުބާރާތެއްގައި ކުޅެން ރާއްޖޭގެ ކްރިކެޓް ތަރި ހަސަން އިބްރާހިމް އެ ގައުމަށް ދާން ފުރައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ކްރިކެޓްގައި ދުނިޔޭގެ އެންމެ ކާމިޔާބު ގައުމު އޮސްޓްރޭލިއާގެ ކްލަބް ކްރިކެޓްގެ މަތީ ލެވަލް މުބާރާތެއްގައި ކުޅެން ރާއްޖޭގެ ކްރިކެޓް ތަރި ހަސަން އިބްރާހިމް އެ ގައުމަށް ދާން ފުރައިފި އެވެ.

އޮސްޓްރޭލިއާގެ ރަސްމީ ލެވަލްގެ ކްރިކެޓްގައި އެންމެ މަތީ ލެވަލް އަކީ ގައުމީ ޓީމެވެ. އެއަށް ފަހު އޮތީ ސްޓޭޓް ކްރިކެޓް މުބާރާތްތަކެވެ. ހަސަން ކުޅޭނީ ކްއީންސް ލޭންޑް ޕްރިމިއާ ކްރިކެޓް މުބާރާތުގަ އެވެ. އެ މުބާރާތުގައި ވާދަކުރާ ވެސްޓަން ސަބާބްސް ޑިސްޓްރިކްޓް ކްލަބަށް ހަސަން ކުޅޭނެ އެވެ.

އޮސްޓްރޭލިއާގައި ފްރންޗައިޒް އުސޫލުން ލީގެއް (ބިގް ބޭޝް ލީގު) 2011 ގައި ތައާރަފް ކުރުމުގެ ކުރިން އެ ގައުމުގައި އެންމެ މަޝްހޫރު ލީގުތަކަކީ ސްޓޭޓް ލީގުތަކެވެ. ކްއީންސްލޭންޑް ލީގަކީ ވެސް 100 އަހަރަށް ވުރެ ގިނަ ދުވަސްވީ ލީގެކެވެ.

ގައުމީ ޓީމުގެ ބާރު އުކުންތެރިޔާ ހަސަން، މި ސީޒަން ނިމެންދެން އެ ކްލަބްގައި ކުޅޭނެ އެވެ. މި މަހު ފެށި ސީޒަން ނިމޭނީ އަންނަ އަހަރު މާޗް މަހު އެވެ. ކޮންމެ ކްލަބެއްގައި 11 ކުޅުންތެރިން ހިމެނޭ ފަސް ޕޫލެއް އޮވެއެވެ.

އޮސްޓްރޭލިއާ އަށް ދިއުމުގެ ދަތުރުމަތީގައި ސިންގަޕޫރުގެ ޓްރާންސިޓްގައި ހުރެ "މިހާރު" އަށް ހަސަން ބުނީ ސީޒަން ފެށެން ވާއިރަށް އޮސްޓްރޭލިއާ އަށް ނުދެވުނީ ވިސާ ހަމަނުޖެހިގެން ކަމަށެވެ.

"ވިސާ ހަމަޖެހުނީ ހުކުރު ދުވަހު،" ޖޫން މަހު އޮސްޓްރޭލިއާގެ ވިސާ އަށް ހުށަހެޅި ހަސަން ބުންޏެވެ. "ފުރައިގެން މިއައީ ކުއްލިއަކަށް."

ވެސްޓަން ސަބާބްސްގެ ފުރަތަމަ 11 ކުޅުންތެރިންގެ ތެރޭގައި އޭނާ ހިމެނޭނެ ކަމުގެ އުންމީދު އެބައޮތް ކަމަށް، އޮސްޓްރޭލިއާގެ ބިގް ބޭޝްގައި ވާދަކުރާ މެލްބަން ރެނެގޭޑްސްއާ އެކު 2017 ގައި ތަމްރީން ހެދި ހަސަން ބުންޏެވެ.

"ވަރަށް ބޮޑަށް އުންމީދު ކުރެވޭ ފުރަތަމަ 11 ގައި ލައްވާލާނެ ކަމަށް،" މެލޭޝިއާގެ ސްޓޭޓް ލީގުގެ ޕިނޭންގް ކްލަބަށް ވެސް 2017 ގައި ކުޅުނު ހަސަން ބުންޏެވެ.

އޭނާ އަމިއްލަ އަށް ހޯދި ފުރުސަތުގައި އޮސްޓްރޭލިއާ އަށް ފުރި ހަސަން ވަނީ ކްރިކެޓް ބޯޑުން ދިން އެއްބާރުލުން ފާހަގަ ކޮށް ޝުކުރު އަދާ ކުރާ ކަމަށް ބުނެފަ އެވެ. އޮސްޓްރޭލިއާގައި އޭނާ ކުޅޭ މުއްދަތުގައި ގައުމީ ޓީމުގެ މުސާރަ ހިނގާނެ ގޮތަށް ކްރިކެޓް ބޯޑުން ވަނީ އިންތިޒާމުތައް ހަމަޖައްސައިފަ އެވެ.

ހަސަން އިއްޔެ ވަނީ ކްރިކެޓް ބޯޑްގެ ރައީސް މުހައްމަދު ފައިސަލް އާ ވެސް ބައްދަލު ކުރައްވާފަ އެވެ.

ގައުމީ ޓީމުގެ އެންމެ ފަހުގެ ކެޕްޓަން ޔޫސުފް އަޒްޔާން ފަރުހަތު ވެސް އަންނަ މަހު މެލްބަން ޕްރިމިއާ މުބާރާތުގެ ކްލަބަކަށް ޚުޅެން ދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.