Roadha Mihaaru
ބީއެމްއެލްގެ ނަމުގައި ފޭކު އީމެއިލް ފޮނުވަނީ

ބީއެމްއެލްގެ ނަމުގައި ފޭކު އީމެއިލް ފޮނުވާތީ ސަމާލުވާން އެދިއްޖެ

16 ފެބުރުއަރީ 2018

އެކައުންޓުގެ މައުލޫމާތު ހިއްސާކުރަން އެދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބައެއް ކަސްޓަމަރުންނަށް ފޭކު އީމެއިލް ފޮނުވަމުންދާތީ ސަމާލުވުމަށް އެ ބޭންކުން އެދިއްޖެ އެވެ.

އަލީ ޝިނާން އަލީ ޝިނާން

އެކައުންޓުގެ މައުލޫމާތު ހިއްސާކުރަން އެދި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ބައެއް ކަސްޓަމަރުންނަށް ފޭކު އީމެއިލް ފޮނުވަމުންދާތީ ސަމާލުވުމަށް އެ ބޭންކުން އެދިއްޖެ އެވެ.

ބީއެމްއެލް އިން ބުނީ އެއްވެސް ކަސްޓަމަރެއްގެ މައުލޫމާތު ހޯދަން އީމެއިލް އަދި ފޯނުން ވެސް އެ ބޭންކުން ނޭދޭނެ ކަމަށެވެ. އެހެންކަމުން ބޭންކުގެ ނަމުގައި އެފަދަ މައުލޫމާތެއް ހޯދަން އެދުނަސް ހިއްސާނުކުރަން އެ ބޭންކުން އެދެ އެވެ.

"މީގެ ކުރިން ވެސް މިފަދަ މެއިލްތައް ކުރޭ. މިދުވަސްކޮޅު މިކަން މާ އާންމުވެގެން ދިޔައީމަ އަނެއްކާ ވެސް އަޅުގަނޑުމެން ސަމާލުވުމަށް މި އެދުނީ. 2014 ވަނަ އަހަރުގެ ފަހުކޮޅުން ފެށިގެން މިފަދަ ކަންކަން ހިނގާކަން ފާހަގަ ކުރެވިގެން އަޅުގަނޑުމެން މި އަންނަނީ ސަމާލުވުމަށް އެދެމުން،" ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ބީއެމްއެލްގެ ނަމުގައި ފޮނުވާ ފޭކް އީމެއިލްގެ ލިންކަން ދިއުމުން، އެ މީހެއްގެ އީމެއިލް އެޑްރެހާއި ޕާސްވޯޑުގެ އިތުރުން އިންޓަނެޓް ބޭންކިންގެ ޔޫޒާ ނޭމާއި ޕާސްވޯޑަށް އެދެ އެވެ.

ބީއެމްއެލްގެ ނަމުގައި މިހާރު ފޮނުވަމުން އަންނަ ފޭކް އީމެއިލް.

ބީއެމްއެލްގެ ނަމުގައި މިހާރު ފޮނުވަމުން އަންނަ ފޭކް އީމެއިލް.

"އެ ހަތަރު ޑޭޓާ މި ހޯދަނީ. އޭރުން މި ވާގޮތަކީ އޮންލައިން ބޭންކިންގެ އެކްސެސް ވެސް އެއްކޮށް އެމީހުންނަށް މި ދެވެނީ. ދެން އީމެއިލް އެކްސެސް ދެވުނީމަ މި ވާގޮތަކީ ޓްރާންސެކްޝަން ހަދާއިރު އޯޓީޕީ ވެސް އެ މީހުންނަށް އެބަ ލިބޭ. އޭރުން ޓްރާންސެކްޝަން ހަދާލަން އެއްވެސް ދައްޗެއް ނޯންނާނެ،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި އެފަދަ އީމެއިލަކަށް ރިޕްލައި ކުރެވިއްޖެ ނަމަ ވީހާވެސް އަވަހަކަށް ބީއެމްއެލް އަށް އެކަން ރިޕޯޓް ކުރުން މުހިންމެވެ. އަދި ކޭޝް ކާޑެއްގެ މައުލޫމާތެއް ވެސް މީހަކަށް ހިއްސާ ކުރެވިއްޖެ ނަމަ ނުވަތަ ކާޑު ގެއްލިއްޖެ ނަމަ ބޭންކަށް ގުޅައިގެން ވީހާވެސް އަވަހަކަށް ކާޑު ބްލޮކް ކުރަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޮންލައިން ބޭންކިން ބޭނުންކުރާއިރު ސީދާ ބީއެމްއެލްގެ ރަސްމީ ވެބްސައިޓް ކަމަށްވާ www.bankofmaldives.com.mv އަށް ވަނުމަށް ފަހު އޮންްލައިން ޕޯޓަލް އަށް ވަނުމަށް ސަމާލުކަން ދިނުމަށް ވެސް ބޭންކުން އެދެ އެވެ.

ގައުމީ ބޭންކުގެ ނަމުގައި ފޭކް އީމެއިލްތައް ފޮނުވުން އިތުރުވި އިރު، އެ ކުންފުނިން ވަރަށް ފަހުން ވަނީ އޮންލައިން ބޭންކިން މެދުވެރިކޮށް އިތުރު ޚިދުމަތްތައް ދޭން ފަށައިފަ އެވެ.