Roadha Mihaaru
ބީއެމްއެލް އެޕް އަނެއްކާވެސް ޑައުންވެ، އުނދަގޫތަކެއް!

ބީއެމްއެލް އެޕް އަނެއްކާވެސް ޑައުންވެ، އެތައް ބަޔަކަށް އުނދަގޫތަކެއް!

07 އޯގަސްޓް 2024

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެޕަށް އަނެއްކާވެސް ޓެކްނިކަލް މައްސަލައެއް ދިމާވެ، ޑައުންވެއްޖެ އެވެ.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ އެޕަށް އަނެއްކާވެސް ޓެކްނިކަލް މައްސަލައެއް ދިމާވެ، ޑައުންވެއްޖެ އެވެ.

އެ ބޭންކުން މީގެ އިރުކޮޅެއް ކުރިން ކުރި ޕޯސްޓެއްގައި ބުނީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މޮބައިލް އެޕާއި އިންޓަނެޓް ބޭންކިންގެ ހިދުމަތަށް ބުރޫއަރާފައިވާ ކަމަށެވެ. ވީ އެންމެ އަވަހަކަށް މައްސަލަ ހައްލު ކުރަން މަސައްކަތް ކުރާ ކަމަށް ބުނެ ބީއެމްއެލް އިން ވަނީ މާފަށް އެދިފަ އެވެ.

މާލޭގައި ބަހައްޓާފައިވާ ގިނަ އޭޓީއެމްތައް ވެސް ވަނީ މިހާރު ހުއްޓިފަ އެވެ.

ބީއެމްއެލްގެ އެޕަށް ޓެކްނިކަލް މައްސަލަތަކެއް ދިމާވެ، މިދިޔަ ބުރާސްފަތި ދުވަހު ވެސް އެ އެޕް ތިން ގަޑިއެއްހާއިރަށް ޑައުންވި އެވެ. އެ ފަހަރު ވެސް ވަރަށް ގިނަ ބަޔަކަށް ބޮޑެތި ދަތިތަކާ ކުރިމަތިވި އެވެ.

ބީއެމްއެލް އެޕަށް ޓެކްނިކަލް މައްސަލަ ދިމާވި ދުވަހު ބައެއް އެކައުންޓުތަކަށް ޖަމާވާން ނުޖެހޭ ވަރަަށް ޑޮލަރު ޖަމާވި އެވެ. އެކަމަކު، އެ މައްސަލަ ހައްލުކޮށް ފައިސާ އަނބުރާ ނަގާފައިވާ ކަމަށް އެ ބޭންކުން އެ ދުވަހު ބުންޏެވެ.

މިއަދު ވެސް ހެނދުނު ސްކޫލް ކުދިންގެ އިންޓަވަލް އަށް އެއްޗެހި ގަންނަން ދިޔަ ވަރަށް ގިނަ ބަޔަކަށް ކާޑުން ނުކެނޑި އަދި ޓްރާންސްފާ ނުކުރެވި ބޮޑެތި އުނދަގޫތަކެއް ކުރިމަތިވި އެވެ.

ބީއެމްއެލްގެ އެޕަށް މިދިޔަ ބުރާސްފަތި ދުވަހު ޓެކްނިކަލް މައްސަލަތައް ކުރިމަތިވީ އެ ބޭންކުން ބުނެފައިވާ ގޮތުގައި، މައިކްރޮސޮފްޓަށް ދިމާވެގެން އުޅޭ ސައިބަ އެޓޭކާ ގުޅިގެން ކަމަށެވެ. އެހެންވެ، ބީއެމްއެލްގެ ކާޑު މެދުވެރިކޮށް އޮންލައިން ޓްރާންސެކްޝަންތައް ހިންގުމަށް ވެސް އެ ދުވަހު ބުރޫ އެރީ ކަމަށް އެ ބޭންކުން ބުންޏެވެ.

އެކަމަކު، މޮބައިލް އެޕާއި އިންޓަނެޓް ބޭންކިން އަށް މިއަދު ދިމާވި މައްސަތަކުގެ ތަފުސީލެއް ބީއެމްއެލް އިން އަދި ނުދެ އެވެ.