Roadha Mihaaru
އދ. އިން ލީޑަރުންނާ މަޝްވަރާ ކުރަން ނިންމައިފި

އދ. އިން ރާއްޖޭގެ ލީޑަރުންނާ މަޝްވަރާ ކުރަން ނިންމައިފި

17 ފެބުރުއަރީ 2018

އިދިކޮޅު ފަރާތްތަކުން ގޮވާލި ގޮވާލުމަށް އިޖާބަދީ، ރާއްޖޭގެ ސިޔާސީ މަސްރަހު ހައްލުކުރުމަށް އދ. އިން ސިޔާސީ ލީޑަރުންނާ ބައްދަލުކޮށް، މަޝްވަރާ ކުރުމަށް ނިންމައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިދިކޮޅު ފަރާތްތަކުން ގޮވާލި ގޮވާލުމަށް އިޖާބަދީ، ރާއްޖޭގެ ސިޔާސީ މަސްރަހު ހައްލުކުރުމަށް އދ. އިން ސިޔާސީ ލީޑަރުންނާ ބައްދަލުކޮށް، މަޝްވަރާ ކުރުމަށް ނިންމައިފި އެވެ.

އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒްގެ ތަރުޖަމާން ސްޓެފަން ޑުޖެރިކް ވިދާޅުވީ، ރާއްޖޭގެ ސިޔާސީ ލީޑަރުންނާ ކުރިއަށް އޮތް މަދު ދުވަސްކޮޅެއްގެ ތެރޭގައި ވާހަކަ ދައްކަން ފަށާނެ ކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާ ކޮށް، ރާއްޖޭގެ މަސްރަހުގައި ދިމާވެފައިވާ ކަންކަމަށް ހައްލެއް އައުމަކީ އދ. ގެ ސެކްރެޓަރީ ޖެނެރަލް ވެސް ގަބޫލު ކުރައްވާ ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ތަރުޖަމާން ވިދާޅުވި ގޮތުގައި އދ. އޮތީ އެކަމަށް އެހީތެރިވާން ތައްޔާރަށެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ ސިޔާސީ ޕާޓީތަކުގެ މަޝްވަރާތަކުގައި އދ. އިން މެދުވެރިއެއްގެ ރޯލު އަދާކުރުމަށް އެދި އެ ޖަމާއަތުގެ ސެކްރެޓަރީ ޖެނެރަލަށް ސިޓީއެއް ފޮނުވައިފަ އެވެ. އެއީ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ކުރިމަތިކުރި އެއް ޝަރުތެވެ. އެ ނޫން ގޮތަކަށް ސަރުކާރާ އެކު މަޝްވަރާ ކުރާކަށް އިދިކޮޅު ޕާޓީތައް ބޭނުމެއް ނުވެ އެވެ.

އދ. މެދުވެރިވެގެން މަޝްވަރާތައް ފެށިޔަސް، މަޝްވަރާގައި އިދިކޮޅު ޕާޓީތަކުން ބައިވެރިވާނީ އިދިކޮޅު ސިޔާސީ ލީޑަރުންތަކެއް ދޫކުރުމަށް ސުޕްރީމް ކޯޓުން މި މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރު ތަންފީޒު ކުރުމުން ކަމަށް އެ ޕާޓީތަކުން ވަނީ ބުނެފަ އެވެ.

އިދިކޮޅު ފަރާތްތަކުން، މަޝްވަރާތަކުގައި އދ. ބައިވެރި ކުރަން ބޭނުންވާއިރު، ވެރިކަން ކުރާ ޕާޓީ، ޕީޕީއެމުން އެކަމާ ދެކޮޅު ހަދަ އެވެ.

ޕީޕީއެމްގެ ނައިބު ލީޑަރު އަދި މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ މިދިޔަ ބުރާސްފަތި ދުވަހު ވިދާޅުވީ، މައްސަލަތައް ހައްލު ކުރުމަށް ބޭރުގެ އެއްވެސް ފަރާތެއް ބައިވެރިކުރަން ބޭނުން ނުވާ ކަމަށެވެ. ރާއްޖޭގެ ކަންކަން ހައްލު ކުރުމުގެ ގާބިލްކަން ދިވެހިންގެ ކިބައިގައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުން މި މަހުގެ 1 ގައި ނެރުނު އަމުރާ ގުޅިގެން އދ. އިން ވަނީ އެ އަމުރަށް ތަބާވުމަށް ސަރުކާރަށް ގޮވާލައިފަ އެވެ. ސުޕްރީމް ކޯޓުގެ ނިންމުމާއެކު، ރާއްޖޭގެ ހާލަތާއި ސަރުކާރާއި ސަލާމަތީ ބާރުތަކުން ކަންތައްތައް ކުރަމުން ދާ ގޮތް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށް ވެސް އދ. އިން ކުރިން ނެރުނު ބަޔާނެއްގައި ބުންޏެވެ.

ކުއްލި ހާލަތު އިއުލާންކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދު ހައްޔަރު ކުރުމަށް ފަހު، ސިޔާސީ އިދިކޮޅު ބޭފުޅުން ދޫކުރުމަށް ކުރިން ކުރި އަމުރު، ތިން ފަނޑިޔާރުންގެ މަޖިލީހުން ވަނީ ބާތިލްކޮށްފަ އެވެ. މި ފިޔަވަޅުތަކާ ހެދި ސަރުކާރަށް ކުރިމަތިކުރާ ޕްރެޝަރު ވަނީ އިތުރަށް ބޮޑުވެފަ އެވެ.

މީގެ ކުރިން 2015 ގައި ވެސް ސަރުކާރުން އިދިކޮޅު ޕާޓީއަކާ އެކު މަޝްވަރާކުރި އެވެ. އޭރު ކުރި މަޝްވަރާތައް ފެއިލްވެފައި ވަނިކޮށް ދެވަނަ ފަހަރަށް ސަރުކާރުން މަޝްވަރާއަށް ދައުވަތު ދިނެވެ. އެކަމަކު އޭރު އިދިކޮޅު ފަރާތްތަކުން މަޝްވަރާ އަށް ދާން ބޭނުމެއް ނުވި އެވެ.