Roadha Mihaaru
ހައްލެއް ފެނޭތޯ ޔޫއެންގެ ވަފުދެއް ރާއްޖޭގައި

ހައްލެއް ފެނޭތޯ ޔޫއެންގެ ވަފުދެއް ރާއްޖޭގައި

25 މާޗް 2018

ރާއްޖޭގެ ސިޔާސީ މަސްރަހުގައި އުފެދިފައިވާ ހަމަނުޖެހުންތަކަށް ހައްލެއް ލިބޭތޯ އދ.ގެ ޕޮލިޓިކަލް އެފެއާޒްގެ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރާއްޖޭގެ ސިޔާސީ މަސްރަހުގައި އުފެދިފައިވާ ހަމަނުޖެހުންތަކަށް ހައްލެއް ލިބޭތޯ އދ.ގެ ޕޮލިޓިކަލް އެފެއާޒްގެ ޓީމެއް ރާއްޖެ އަތުވެއްޖެ އެވެ.

އދ.ގެ ޕޮލިޓިކަލް އެފެއާޒްގެ އިސް ބޭފުޅުންތަކެއް ހިމެނިވަޑައިގަންނަވާ މި ޓީމުން، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުރި ކަންބޮޑުވުންތަކާ ގުޅިގެން މަޝްވަރާތައް ބާއްވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. ވަކިވަކިން އެ މަޝްވަރާތަކުގައި ސަރުކާރާއި ސިޔާސީ ޕާޓީތަކާއި އެކި ޖަމިއްޔާތަކާ ވެސް ބައްދަލުކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

އެނގިފައިވާ ގޮތުގައި، މި ޓީމު މި އައީ، ސަރުކާރާ އެކު ވެސް ވާހަކަ ދެއްކުމަށް ފަހު އެވެ. ސަރުކާރާއި ސިޔާސީ ޕާޓީތަކުގެ މަޝްވަރާ ފަށަން މަގުފަހިވާނެ ހައްލެއް ހޯދުމަށް، އިދިކޮޅު ޕާޓީތަކުން އދ.ގެ ޕޮލިޓިކަލް އެފެއާޒްގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މިރޯސްލަވް ޖެންކާއާ މީގެ ހަފުތާއެއްގެ ކުރިން ވަނީ ބައްދަލު ކޮށްފަ އެވެ.

ޔޫއެން ޕޮލިޓިކަލް އެފެއާޒްގެ ޓުވީޓް.

އިދކޮޅު ފަރާތްތަކުގެ އިސް ވަފުދެއް، ނިއު ޔޯކްގައި ހުންނަ އދ.ގެ މައި އިދާރާ އަށް ގޮސް، އދ. އަށް ހުށަހެޅީ، އެނގިފައިވާ ގޮތުގައި، ސިޔާސީ ޕާޓީތަކާ އެކު މަޝްވަރާ ކުރިއަށް ގެންދަން ސަރުކާރުގެ އިޚްލާސްތެރިކަން ނެތް ކަމުގެ ކަންބޮޑުވުންތަކެވެ. އެހެންވެ، މަޝްވަރާތައް ފަށަން ޔޫއެންގެ އެހީތެރިކަމަށް އެ ބޭފުޅުން ވަނީ އެދިވަޑައިގެންފަ އެވެ.

އިދިކޮޅުން ބޭނުން ވަނީ، އދ.ގެ ބައިވެރިވުމާ އެކު މަޝްވަރާތައް ކުރިއަށް ގެންދާށެވެ. އެކަމަކު މި ހާލަތުގައި އދ.ގެ ބައިވެރިވުން މުހިއްމު ނޫން ކަމަށް ސަރުކާރުން އދ. އަށް އަންގާފައިވާ ކަމަށް އެތަނުގެ މީޑިއާ އޮފިޝަލަކު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެގޮތަށް ސަރުކާރުން އަންގާފައި ނުވާނެ ކަމަށާއި، މަޝްވަރާގައި އދ. އިން ބައިވެރިވާން ދިވެހި ސަރުކާރުން ދިން ދައުވަތު އަދިވެސް ހުޅުވިފައި އޮތް ކަމަށް މަޝްވަރާގެ އިސް މަންދޫބު، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވަނީ ވިދާޅުވެފަ އެވެ.

އިދިކޮޅު ފަރާތްތަކާ އެކު ބޭއްވި ބައްދަލުވުމަށް ފަހު ޔޫއެންގެ ޕޮލިޓިކަލް އެފެއާޒް އިން ކުރި ޓުވީޓެއްގައި ބުނެފައި ވަނީ، ސިޔާސީ ޕާޓީތަކާއި ސަރުކާރުން މަޝްވަރާކޮށްގެން، ރާއްޖޭގެ ސިޔާސީ ކަންކަމަށް ހައްލެއް ހޯދަން ޖެހޭ ކަމަށް ސެކްރެޓަރީ ޖެނެރަލް ގަބޫލުކުރައްވާ ކަމަށެވެ. އެކަމުގައި ޔޫއެން އިން އެހީތެރިވާން ތައްޔާރަށް ތިބި ކަމަށް ވެސް އެ ޓުވީޓުގައިވެ އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހުރި މައްސަލަތަކަށް މަޝްވަރާކޮށްގެން ހައްލު ހޯދަން ޔޫއެން ވެސް ހިމެނޭ ގޮތުން ބައިނަލްއަގުވާމީ މުޖުތަމައުން ތަކުރާރުކޮށް އަންނަނީ ގޮވާލަމުންނެވެ. އެކަމަކު މި މަޝްވަރާ ކުރިއަށް ގެންދެވޭނެ ފަދަ އެއްވެސް މަގެއް އަދި ނުކޮށެވެ. ސަބަބަކީ، ސަރުކާރާއި އިދިކޮޅު ފަރާތްތަކުން ވެސް މަޝްވަރާ ފަށަން ޝަރުތުތައް ކުރިމަތިކުރުމެވެ.

އެކި ތުހުމަތުތަކުގައި އިދިކޮޅު ސިޔާސީ ގިނަ ބޭފުޅުންތަކެއް ޖަލަށް ލާފައިވާތީ، ސަރުކާރަށް ވަނީ ބައިނަލްއަގުވާމީ ޕްރެޝަރު ވެސް ބޮޑުވެފަ އެވެ.