Roadha Mihaaru
"އިންޑިއާ އާއި އެމެރިކާ، ރާއްޖެ ސަލާމަތް ކޮށްދޭނެ"

އިންޑިއާ އާއި އެމެރިކާ، ރާއްޖެ ސަލާމަތް ކޮށްދޭނެ: ނަސީމް

20 މާޗް 2018

ރާއްޖޭގައި ޑިމޮކްރަސީ ގާއިމުކޮށް، އާންމު ހާލަތު ރަނގަޅު ކުރުމަށް އިންޑިއާ އާއި އެމެރިކާ އިން މުހިންމު ދައުރެއް އަދާކުރަން ޖެހިފައިވާ ކަމަށާއި މި ކަމުގައި އެ ދެ ގައުމު ރާއްޖެ ސަލާމަތްކޮށް ދޭނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް އިއްޔެ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރާއްޖޭގައި ޑިމޮކްރަސީ ގާއިމުކޮށް، އާންމު ހާލަތު ރަނގަޅު ކުރުމަށް އިންޑިއާ އާއި އެމެރިކާ އިން މުހިންމު ދައުރެއް އަދާކުރަން ޖެހިފައިވާ ކަމަށާއި މި ކަމުގައި އެ ދެ ގައުމު ރާއްޖެ ސަލާމަތްކޮށް ދޭނެ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމް އިއްޔެ ވިދާޅުވެއްޖެ އެވެ.

މިދިޔަ މަހުގެ ފަސް ވަނަ ދުވަހު ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު، ރައްޔިތުންގެ މަޖިލީހުން ވަނީ، ރައީސް ޔާމީން އެދިވަޑައިގެންނެވި ގޮތަށް 45 ދުވަހަށް ދަމަހައްޓައިދީފަ އެވެ. ރައީސް ޔާމީން އިއުލާން ކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އަންނަ ބުރާސްފަތި ދުވަހު ހަމަވާނެ އެވެ.

އިންޑިއާގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ފޮރިން މިނިސްޓަރު ނަސީމް ވިދާޅުވީ ރާއްޖޭގައި ހިނގަމުން އަންނަ ކަންކަމާ މެދު އެމެރިކާ ވަރަށް ބޮޑަށް ކަންބޮޑުވެފައިވާ ކަމަށެވެ. ޑިމޮކްރަސީއާ ބީރައްޓެހި އަމަލުތައް ގައުމުތަކުގައި ހިނގާ ތަން ދެކެން އެމެރިކާ ބޭނުން ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ހާލަތާ މެދު އެމެރިކާ އިން ނުހަނު ކަންބޮޑުވޭ. ޑިމޮކްރަސީއާ ބީރައްޓެހި އަމަލުތައް ގައުމުތަކުގައި ހިނގާ ތަން ދެކުމަށް އެ ގައުމުން ބޭނުމެއް ނުވޭ. އިންޑިއާ ސަރަހައްދުގެ ސަލާމަތަށް ކުރާނެ ނޭދެވޭ އަސަރުތައް (އެމެރިކާ އިން) ބަލާނެ،" ނަސީމް ވިދާޅުވި އެވެ.

ނަސީމް ވަނީ އެމެރިކާގެ ބައެއް އޮފިޝަލުންނާ ބައްދަލު ކުރައްވައި، ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގަމުން އަންނަ ކަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރައްވައިފަ އެވެ. ނަސީމް ވިދާޅުވީ އެމެރިކާގައި ބޭއްވި ބައްދަލުވުންތަކަކީ ވަރަށް ބޭނުންތެރި ބައްދަލުވުންތަކެއް ކަމަށެވެ. އަދި ރާއްޖޭގެ ހާލަތު ރަނގަޅު ކުރަން އެމެރިކާ އިން ފިޔަވަޅުތަކެއް އަޅާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނަސީމް ވިދާޅުވި ގޮތުގައި ސަލާމަތީ ބާރުތައް އެ މީހުންގެ މަރުކަޒުތަކަށް އެނބުރި ގޮސް، ރައްޔިތުންގެ މަޖިލިސް ގާނޫނުއަސާސީއާ އެއްގޮތަށް މަސައްކަތް ކުރުމުގެ ފުރުސަތު ދޭން ޖެހެ އެވެ. އަދި ސުޕްރީމް ކޯޓުން މިދިޔަ މަހުގެ އެއް ވަނަ ދުވަހު ނެރުނު އަމުރު ތަންފީޒުކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުގެ ބެންޗު އެއްކޮށް މަސައްކަތް ކުރެވޭނެ ގޮތް ހަދަން ޖެހޭ. އުއްތަމަ ފަނޑިޔާރު ޖަލަށް ލައި، އެ މަނިކުފާނާ މެދު ގޯސްކޮށް ކަންކަން ކޮށްގެން ނުވާނެ،" ނަސީމް ވިދާޅުވި އެވެ.

މީގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި، ރައްޔިތުންނަށް ގާނޫނުއަސާސީންނާއި ގާނޫނުތަކުން ކަށަވަރު ކޮށްދީފައިވާ ހައްގުތައް އިއާދަ ކޮށްދޭން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިންޑިއާ އިން ބަލަން ޖެހޭ މި ކަންކަން ރާއްޖެ އިން ކުރަމުންދޭތޯ. މިއީ (އިންޑިއާގެ ފަރާތުން) ބޭނުންވާ ކަމަކީ. އޭރުން ބާކީ ދެން ހުރި ކަންކަމާ އަހަރުމެން އަޅާލާނެ،" ނަސީމް ވިދާޅުވި އެވެ.

ނަސީމް ވިދާޅުވީ ރާއްޖޭގައި ހިނގަމުން އަންނަ ކަންކަން ރަނގަޅު ކުރުމުގެ "ވަސީލަތްތައް" އިންޑިއާގައި އެބަހުރި ކަމަށެވެ. އެގޮތުން ރާއްޖޭގައި ހުރި ކަންކަން ހައްލު ކުރުމަށް އިންޑިއާ އިން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ނަސީމް ވިދާޅުވި އެވެ.

އިދިކޮޅު ސިޔާސީ ލީޑަރުންތަކެއް ހިމެނޭ ގޮތަށް ނުވަ ގައިދީއަކު ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި، ކޮންމެ ރެއަކު މާލޭގައި އަންނަނީ މުޒާހަރާ ކުރަމުންނެވެ. އަދި ފުލުހުން މުޒާހަރާ ރޫޅާލުމުގެ ތެރޭގައި ބައެއް މީހުން ހައްޔަރު ކުރާއިރު، ގިނަ ބަޔަކަށް އަނިޔާ ލިބެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ފެބްރުއަރީ އެއް ވަނަ ދުވަހު ނެރުނު އަމުރުގެ ބައެއް ބައިތައް ބާތިލްކޮށްފަ އެވެ. އަދި 12 މެމްބަރުންނާ ގުޅޭ ގޮތުން އަމުރުގައި ފާހަގަ ކުރި ކަންކަމަށް އަމަލު ކުރުން މަޑު ޖައްސާލަން އެ ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.