Roadha Mihaaru
މިނިވަން ނޫސްވެރިކަން ދެކެ ސަރުކާރު ބިރުގަނޭ: އިދިކޮޅު

މިނިވަން ނޫސްވެރިކަން ދެކެ ސަރުކާރު ބިރުގަނޭ: އިދިކޮޅު ޕާޓީތައް

17 ފެބުރުއަރީ 2018

މިހާރު ހިނގަމުންދާ މުޒާހަރާތަކުގައި ނޫސްވެރިންގެ ވާޖިބަށް ފުލުހުން ހުރަސް އަޅައި، ނޫސްވެރިންނަށް އަނިޔާ ކުރުމުން އެނގިގެންދަނީ މިނިވަން ނޫސްވެރިކަން ދެކެ ސަރުކާރު ބިރުގަންނަ މިންވަރު ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.

މިހާރު ހިނގަމުންދާ މުޒާހަރާތަކުގައި ނޫސްވެރިންގެ ވާޖިބަށް ފުލުހުން ހުރަސް އަޅައި، ނޫސްވެރިންނަށް އަނިޔާ ކުރުމުން އެނގިގެންދަނީ މިނިވަން ނޫސްވެރިކަން ދެކެ ސަރުކާރު ބިރުގަންނަ މިންވަރު ކަމަށް އިދިކޮޅު ޕާޓީތަކުން މިއަދު ބުނެފި އެވެ.

އިދިކޮޅު ފަރާތްތަކުން އިއްޔެ އާއި ރޭ މާލޭގެ އެކި ސަރަހައްދުތަކުގައި ބޭއްވި މުޒާހަރާގައި ފުލުހުން ނޫސްވެރިންނަށް ހުރަސް އަޅައި، ބައެއް ނޫސްވެރިންނަށް އަނިޔާ ކުރުމާ ގުޅިގެން އިދިކޮޅު ޕާޓީތަކުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހިނގަމުންދާ މުޒާހަރާތަކުގެ މައުލޫމާތު ރައްޔިތުންނަށް ފޯރު ކޮށްދިނުމަށް ތިބި ނޫސްވެރިންނަށް ހުރަސް އަޅައި، އަނިޔާ ކުރުމަކީ އެ ޕާޓީތަކުން ކަންބޮޑުވާ ކަމެއް ކަމަށެވެ.

މިނިވަން ނޫސްވެރިކަމަށް ސަރުކާރުން ހުރަސް އަޅަމުން ދިއުމުގެ އިތުރުން، ނޫސްވެރިންނަށް އަނިޔާ ކުރުމުން އެނގިގެންދަނީ މިނިވަން ނޫސްވެރިކަން ދެކެ ސަރުކާރު ބިރުގަންނަ މިންވަރު ކަމަށް އެ ބަޔާނުގައިވެ އެވެ. އެ ބަޔާނުގައި ފުލުހުންނާއި ސިފައިންނަށް ގޮވާލާފައިވަނީ ނޫސްވެރިންނަށް ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށާއި ނޫސްވެރިންގެ ވާޖިބު އަދާ ކުރަން މަގު ފަހިކޮށް ދިނުމަށެވެ.

"ބޮޑެތި އަނިޔާތަކާއި ގޮންޖެހުންތަކާ އެކު ވެސް ގައުމީ ޚިދުމަތެއް ކަމުގައި ދެކިގެން ރައްޔިތުންނާ ހަމައަށް ހަގީގީ މައުލޫމާތު ފޯރު ކޮށްދިނުމުގައި ހަރަކާތްތެރިވާ ނޫސްވެރިންނަށާއި މީޑިއާތަކަށް ޝުކުރު އަދާކޮށް، އަނިޔާ ލިބިފައިވާ ނޫސްވެރިންނާއި އެންމެހައި ދިވެހި ރައްޔިތުންނަށް އަވަސް ޝިފާއަކަށް އެދެމެވެ،" އެ ބަޔާނުގައިވެ އެވެ.

ނޫސްވެރިންނަށް ލިބުނު އަނިޔާތަކާ ގުޅިގެން އިދިކޮޅު ޕާޓީތަކުން ކަންބޮޑުވުން ފާޅު ކުރިއިރު، ވެރިކަންކުރާ ޕީޕީއެމުން ބުނެފައިވަނީ ބައެއް މީޑިއާތަކުން ރޭ މަސައްކަތް ކުރީ މުޒާހަރާ ރާވައި، ހިންގުމަށް ކަމަށާއި ފުލުހުންނާ ކުރިމަތިލާން ވެސް ބައެއް ނޫސްވެރިން މަސައްކަތް ކުރި ކަމަށެވެ. އަދި އެ ނޫސްވެރިން ކުޅުނީ ފިލްމީ މަންޒަރުތަކެއް ކަމަށް ވެސް ޕީޕީއެމުން ބުންޏެވެ.

ރޭގެ އެއްވުމުގައި ފުލުހުން ވަނީ ނޫސްވެރިންނަށް އަމާޒުކޮށް، ބާރުގެ ބޭނުންކޮށްފަ އެވެ. އެކަމުގެ ތެރޭގައި ބައެއް ނޫސްވެރިންނަށް އަނިޔާވެ ދަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. އެކަމަކު ފުލުހުން ބުނެފައިވަނީ ބައެއް ނޫސްވެރިންގެ އަމަލުތައް ރޭ ހުރީ އެއްވުމުގެ ބައިވެރިންނާ އެއް ހަމައެއްގައި ކަމަށާއި ބައެއް މީޑިއާތަކުން ދޮގު މައުލޫމާތު ފެތުރި ކަމަށް ވެސް ފުލުހުންގެ ބަޔާނެއްގައިވެ އެވެ.