Roadha Mihaaru
ސްކޫލް ހަމަލާގައި ޓްރަމްޕުގެ ފާޑުކިޔުން އެފްބީއައި އަށް

ފްލޮރިޑާ ސްކޫލް ހަމަލާގައި ޓްރަމްޕުގެ ފާޑުކިޔުން އެފްބީއައި އަށް

18 ފެބުރުއަރީ 2018

ވޮޝިންޓަން (ފެބްރުއަރީ 18) - އެމެރިކާގެ ފްލޮރިޑާގެ ސްކޫލެއްގައި ބަޑިން ހަމަލާދީ 17 މީހުން މަރާލުމުގައި އެފްބީއައިގެ ޒިންމާ އޮތް ކަމަށް ވިދާޅުވެ ރައީސް ޑޮނަލްޑް ޓްރަމްޕް ފާޑު ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ފެބްރުއަރީ 18) - އެމެރިކާގެ ފްލޮރިޑާގެ ސްކޫލެއްގައި ބަޑިން ހަމަލާދީ 17 މީހުން މަރާލުމުގައި އެފްބީއައިގެ ޒިންމާ އޮތް ކަމަށް ވިދާޅުވެ ރައީސް ޑޮނަލްޑް ޓްރަމްޕް ފާޑު ވިދާޅުވެއްޖެ އެވެ.

ޓްރަމްޕް ޓްވީޓް ކުރެއްވި ގޮތުގައި އެފްބީއައި އިން ހުރިހާ ކަމެއް ހުއްޓާލުމަށް ފަހު ހުރިހާ ވަގުތެއް ހުސްކޮށްފައި ވަނީ އޭނާގެ ކެމްޕޭނަށް ރަޝިޔާ އިން އެހީވެ ދިންކަން ސާބިތުކޮށްދޭން ކަމަށެވެ.

އެފްބީއައި އިން ވަނީ ފްލޮރިޑާ ހައި ސްކޫލުގައި ހަމަލާ ދިން ނިކޮލަސް ކްރޫޒްގެ އަމަލުތަކާ ބެހޭ ގޮތުން ކުރިން މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ އެކަމާ ފިޔަވަޅު ނޭޅުނު ކަމަށް އެއްބަސްވެފަ އެވެ.

މިއީ 2012 ވަނަ އަހަރަށް ފަހު އެމެރިކާގެ ސްކޫލެއްގައި ދިން އެންމެ ނުރައްކާ ހަމަލާ އެވެ.

އަނެއްކޮޅުން ފްލޮރިޑާ ހަމަލާ އިން ސަލާމަތްވި ކުދިން ވަނީ އެމެރިކާގައި ބަޑި ކޮންޓްރޯލް ކުރުމަށް ހަރުކަށި ގަވާއިދުތަކެއް ހަމަޖެއްސުމަށް ގޮވާލައިފަ އެވެ. އަދި އެކަމަށް ޓްރަމްޕް ދެކޮޅު ހައްދަވަނީ ނޭޝަނަލް ރައިފަލް އެސޯސިއޭޝަނުން ޓްރަމްޕުގެ ކެމްޕޭނަށް އެހީވެފައިވާތީ ކަމަށް ވެސް އެ ކުދިން ތުހުމަތު ކުރެ އެވެ.

"ފްލޮރިޑާގައި ހަމަލާ ދިން އިރު އެފްބީއައި އަށް ލިބުނު ހުރިހާ ސިގްނަލަކަށް އަޅާނުލުމުން ވަރަށް ދެރަ. އެއީ ގަބޫލް ކުރެވޭނެ ކަމެއް ނޫން،" ޓްރަމްޕުގެ ޓްވީޓުގައި ވިދާޅުވެފައިވެ އެވެ.

ޓްރަމްޕް ވަނީ އެފްބީއައިގެ އެހެން ތަހުގީގުތަކަށް ދޭ ސަމާލުކަން ކުޑަ ކުރުމަށް ފަހު ރަޝިޔާ އިން އެމެރިކާގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ ބަލަން ހުރިހާ ވަގުތެއް ހުސްކޮށްފައިވާ ކަމަށް ވިދާޅުވެފަ އެވެ. އިންތިޚާބަށް ރަޝިޔާ އިން ނުފޫޒު ފޯރުވި ކަމަށް ބުނާ މައްސަލަ ޓްރަމްޕް ވަނީ ދޮގު ކުރައްވައިފަ އެވެ.

ރަޝިޔާ އިން ނުފޫޒު ފޯރުވި މައްސަލާގައި އެފްބީއައިގެ ތަހުގީގުގައި އިސްކޮށް އުޅުއްވަނީ ސްޕެޝަލް ކައުންސެލް ރޮބަޓް މުލާ އެވެ. އެމެރިކާގެ އިންތިޚާބަށް ނުފޫޒު ފޯރުވި ކަމަށް ބުނެ ރަޝިޔާގެ 13 މީހަކަށް ދައުވާ ކުރާނެ ކަމަށް އެފްބީއައި އިން ވަނީ މިދިޔަ ހަފުތާގައި ބުނެފަ އެވެ.