Roadha Mihaaru
އަދީބުގެ ހާލު މިހާރު އިތުރަށް ގޯސް: ވަކީލު

އަދީބުގެ ހާލު މިހާރު އިތުރަށް ގޯސް: ވަކީލު

18 ފެބުރުއަރީ 2018

އެކި ކުށްތަކުގައި 33 އަހަރުގެ ޖަލު ހުކުމެއްގައި ހުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހާލުކޮޅު ކުރިއަށް ވުރެ ގޯސް ކަމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު މިއަދު ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އެކި ކުށްތަކުގައި 33 އަހަރުގެ ޖަލު ހުކުމެއްގައި ހުރި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ހާލުކޮޅު ކުރިއަށް ވުރެ ގޯސް ކަމަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލު މޫސާ ސިރާޖު މިއަދު ވިދާޅުވެއްޖެ އެވެ.

ތަފާތު މައްސަލަތަކާ ގުޅިގެން ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ސިޔާސީ ބޭފުޅުންތައް މިނިވަން ކުރުމަށް މި މަހު 1 ވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން އަމުރު ކުރި ފަހުން އަދީބާ އެ މަނިކުފާނުގެ ވަކީލުންނަށް ބައްދަލު ކުރެއްވުނީ މިއަދު އެވެ.

"މިހާރު"އާ ވާހަކަ ދައްކަވަމުން ސިރާޖު ވިދާޅުވީ ގިނަ ދުވަސްތަކަކަށް ފަހު އަދީބާ ބައްދަލު ކުރެވުނު އިރު އެ މަނިކުފާނުގެ ހާލުކޮޅު ކުރިއަށް ވުރެ ގޯސްކަން ފާހަގަ ކުރެވުނު ކަމަށެވެ. އަދި ހާލު ދެރަވެގެން ވަރަށް ފަހުން ޖަލުގެ ގޮޅިތެރެއަށް އަނބުރައިގަނެގެން ވެއްޓުނު ކަމަށާއި އެ ދުވަހު ބޮލަށް ފެން އަޅައިގެން ރަނގަޅު ކުރީ ޖަލުގެ އޮފިސަރެއް ކަމަށް އަދީބާ ހަވާލާ ދެއްވައި ސިރާޖު ވިދާޅުވި އެވެ.

"ސުޕްރީމު ކޯޓު އަމުރަށް ފަހު ވަރަށް މަސައްކަތުން މިއަދު އަދި އަޅުގަނޑަށް އަދީބާ ބައްދަލު ކުރެވޭގޮތްވީ. ވަރަށް ހާލު ދެރަކޮށް އޭނާ ހުރީ،" ވަކީލު ވިދާޅުވި އެވެ.

ސިރާޖް ވިދާޅުވީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގައި ތިބޭ ކުށްވެރިންނާ ވަކީލުންނަށް ދެ ގަޑިއިރު ވާންދެން ބައްދަލު ކުރެވުނު ނަމަވެސް، އަދީބާ މިއަދު ބައްދަލުކުރުމުގެ ފުރުސަތު ދީފައިވަނީ 30 މިނިޓަށް ކަމަށެވެ. އަދި އެ ވަގުތު ހަމަވުމާއެކު އަނބުރާ ގޮޅިއަށް ގެންގޮސްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖަލުގައި ހުންނެވި އިރު ގޮޅިތެރެއަށް ވެއްޓުނު ކަމަށް އަދީބު ވިދާޅުވި ނަމަވެސް އެކަން ކަރެކްޝަނަލް އިން ދޮގު ކުރާ ކަމަށް ސިރާޖު ވިދާޅުވި އެވެ.

ފަހަކަށް އައިސް އަދީބުގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައިވާ އިރު ބޭސްފަރުވާއިން މަހުރޫމްކޮށްފައިވާ ކަމަށް އެ މަނިކުފާނުގެ ވަކީލުންނާއި އާއިލާއިން އަންނަނީ ބުނަމުންނެވެ. އަދި އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ އާއި ވަކީލުން ވަނީ މިދިޔަ މަހުގެ ތެރޭގައި އެ މައްސަލައިގައި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް)ގެ މެމްބަރުންނާ ބައްދަލުކޮށްފަ އެވެ.

އަދީބަށް އެކަށީގެންވާ ބޭސްފަރުވާ ނުކޮށްދޭ ކަމަށް އާއިލާއިން ބުނާއިރު، ސަރުކާރުން ބުނަނީ އެމަނިކުފާނު ބޭސްފަރުވާ އިން މަހްރޫމް ނުކުރާ ކަމަށާއި ރާއްޖެ އިން ލިބެން ހުރި ހުރިހާ ފަރުވާއެއް ދެމުން އަންނަ ކަމަށެވެ.