Roadha Mihaaru
މުޒާހަރާކޮށްގެން މިހާރު ހައްޔަރުކޮށްފައި ތިބީ ހަމީހުން

މުޒާހަރާކޮށްގެން މިހާރު ހައްޔަރުކޮށްފައި ތިބީ ހަ މީހުން: ޕޮލިސް

18 ފެބުރުއަރީ 2018

އިދިކޮޅު ފަރާތްތަކުން މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު މާލެ އާއި އެކި ރަށްރަށުގައި ކުރި މުޒާހަރާގައި ހައްޔަރު ކުރި މީހުންގެ ތެރެއިން މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ ހަ މީހުން ކަމަށް ފުލުސް އޮފީހުން މިރޭ ބުނެފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

އިދިކޮޅު ފަރާތްތަކުން މިދިޔަ ހުކުރު ދުވަހާއި ހޮނިހިރު ދުވަހު މާލެ އާއި އެކި ރަށްރަށުގައި ކުރި މުޒާހަރާގައި ހައްޔަރު ކުރި މީހުންގެ ތެރެއިން މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ ހަ މީހުން ކަމަށް ފުލުސް އޮފީހުން މިރޭ ބުނެފި އެވެ.

އިދިކޮޅު ހަރަކާތުން ފަހުގެ ތާރީޚެއްގައި ބާއްވާ ބޮޑު އެއްވުމަކަށް "ވޯމްއަޕް" ކުރުމުގެ ނަމުގައި ބޭއްވި އެ މުޒާހަރާގައި ގިނަ ބަޔަކު ހައްޔަރު ކުރި ކަމަށް ސޯޝަލް މީޑިއާގައި ފަތުރާ ވާހަކަތައް ދޮގުކޮށް ފުލުހުން ކުރި ޓުވީޓެއްގައި ބުނީ ފުލުހުންގެ ބެލުމުގެ ދަށުގައި މިހާރު ތިބީ ހަ ފިރިހެނުން ކަމަށެވެ. އަދި އެއީ ފުލުހުންގެ ދައުރަށް ހުރަސް އަޅައިގެން ހައްޔަރު ކުރި މީހުން ކަމަށް ވެސް ޓްވީޓުގައި ބުނެފައި ވެ އެވެ.

މި މުޒާހަރާގައި ފުލުހުން 23 މީހަކު ހައްޔަރު ކުރި ނަމަވެސް ބައެއް މީހުން ވަނީ އިއްޔެ ރެ އާއި މިއަދު ދޫކޮށްލައިފަ އެވެ.

އިދިކޮޅު ހަރަކާތުން މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބޭއްވި އެއްވުމުން ރޫޅާލައި ފުލުހުން މީހަކު ހައްޔަރު ކުރަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އިދިކޮޅު ހަރަކާތުން މިދިޔަ ހުކުރު ދުވަހުގެ ރޭ މާލޭގައި ބޭއްވި އެއްވުމުން ރޫޅާލައި ފުލުހުން މީހަކު ހައްޔަރު ކުރަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ސުޕްރީމް ކޯޓުން މި މަހު 1 ގައި ނެރުނު އަމުރު ތަންފީޒު ކުރަން ގޮވާލައި އިދިކޮޅު ޕާޓީތަކުން މިދިޔަ ހުކުރު ދުވަހު ހަވީރު "ވޯމްއަޕް" މުޒާހަރާ ފެށުމާއެކު ފުލުހުން ވަނީ އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒާއި އެ ޕާޓީގެ ކ. ގުރައިދޫ ދާއިރާގެ ރައީސް ހުސެއިން އަމްރާއި އައްޑޫ ދާއިރާގެ ރައީސް ހުސެއިން އަދުހަމް ހައްޔަރުކޮށްފަ އެވެ. އެ ތިން ބޭފުޅުން އަދިވެސް ތިބީ ދޫނިދޫ ޖަލުގައި ހައްޔަރުކޮށްފަ އެވެ. މީގެ އިތުރުން "ވޯމްއަޕް" މުޒާހަރާގެ ކުރީގެ ރޭ ވެސް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އެހެން ދެ މެމްބަރަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ ދެ ބޭފުޅުން ވެސް ދޫނުކުރާ ކަމަށް އެމްޑީޕީން ބުންޏެވެ.

މީގެ އިތުރުން އެމްޑީޕީގެ ޒުވާނުންތަކެއް އިސްނަގައިގެން މި މަހުގެ 10 ވަނަ ދުވަހު ބޭއްވި މުޒާހަރާއެއްގައި ވެސް ފަސް މީހަކު ހައްޔަރު ކޮށްފައިވާއިރު، އެ އެންމެން އަދިވެސް ތިބީ ފުލުހުންގެ ބަންދުގަ އެވެ. އޭގެ ތެރެއިން ދެ މީހަކު ޖަލުގައި ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ތިން މީހަކު ތިބީ ގޭ ބަންދުގަ އެވެ.

އެމްޑީޕީގެ ޒުވާނުންގެ މުޒާހަރާގައި ހައްޔަރުކުރި ފަސް މީހުންގެ ތެރެއިން ގޭ ބަންދުގައި ތިބީ އެ ޕާޓީގެ ޔޫތު ވިންގްގެ ރައީސް މީކާއިލް ނަސީމާއި ޔޫތު ވިންގްގެ އެހެން މެމްބަރުން ކަމަށްވާ ޝަފާތު އަހުމަދާއި ޝީނާ މުހައްމަދެވެ. ޖަލުގައި ހައްޔަރުކޮށްފައި ތިބީ ގދ. ގައްދޫ ކައުންސިލްގެ ރައީސް ރައްޔާން ޖަމާލާއި އއ. ރަސްދޫ ކައުންސިލް މެމްބަރު އަބްދުﷲ އަނިލް އެވެ.