Roadha Mihaaru
ހުރިހާ ވޯޓަކާ ނުބައްދަލު، ވަރުގަދަ ވޯޓެއް

ހުރިހާ ވޯޓަކާ ނުބައްދަލު، ވަރުގަދަ ވޯޓެއް

27 މާޗް 2017

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މީގެ ކުރިން ވެސް ރައްޔިތުންގެ މަޖިލިހުން އިތުބާރު ނެތްކަމުގެ ވޯޓު ނަގައި އެކި ބޭފުޅުން މަގާމުތަކުން ވަކިކޮށްފި އެވެ. ކުރީގެ ނައިބު ރައީސުން ކަމަށްވާ މުހައްމަދު ޖަމީލް އަހުމަދާއި އަހުމަދު އަދީބުގެ އިތުރުން، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކާއި މިނިވަން މުއައްސަސާތަކުގެ އެންމެ އިސް ބައެއް ވެރިން ވެސް ހިމެނެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މީގެ ކުރިން ވެސް ރައްޔިތުންގެ މަޖިލިހުން އިތުބާރު ނެތްކަމުގެ ވޯޓު ނަގައި އެކި ބޭފުޅުން މަގާމުތަކުން ވަކިކޮށްފި އެވެ. ކުރީގެ ނައިބު ރައީސުން ކަމަށްވާ މުހައްމަދު ޖަމީލް އަހުމަދާއި އަހުމަދު އަދީބުގެ އިތުރުން، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކާއި މިނިވަން މުއައްސަސާތަކުގެ އެންމެ އިސް ބައެއް ވެރިން ވެސް ހިމެނެ އެވެ.

އެކަމަކު ރައްޔިތުންގެ މަޖިލިހުގެ ރައީސް އަބްދުﷲ މަސީހުގެ މައްޗަށް މިއަދު ނަގާ އިތުބާރު ނެތްކަމުގެ މައްސަލައާ ގާތަށް ވެސް މުޅި ގައުމުގެ ޝައުގުވެރިކަން ހުއްޓުނު އެހެން ވޯޓެއް މަޖިލިހަށް ހުށަހެއް ނާޅަ އެވެ. މިއީ އާދައިގެ ބިލެއްގެ ގޮތަށް ކުރިއަށް ގެންދާ މައްސަލައެއް ކަމަށް ވެރިކަން ކުރާ ޕީޕީއެމްގެ ބައެއް އިސް މެމްބަރުން ވިދާޅުވިޔަސް އެކަން އޮތީ އެހެނެއް ނޫނެވެ.

ވެރިކަމުގެ ފަރާތުންނާއި އަދި ސިޔާސީ އިދިކޮޅު ފަރާތްތަކުން މި ވޯޓު ކާމިޔާބު ކުރުމަށްޓަކައި ނުކުރާކަށް ކަމެއް ނެތެވެ. ޔަގީނުން ވެސް މި ހިސާބަށް މިކަން ދާނީ ބޮޑެތި ސަބަބުތަކެއް ހުރުމުންނެވެ. މައިގަނޑު އެއް ސަބަބަކީ މި ވޯޓު ކާމިޔާބުކޮށް، މަޖިލިހުގެ ރައީސްކަމުން މަސީހް ބޭރު ކުރެވިއްޖެ ނަމަ، އެއީ އިދިކޮޅު ފަރާތްތަކުން އެންމެ ފަހުން ސަރުކާރާ ދެކޮޅަށް އުފެއްދި އިއްތިހާދަށް ލިބޭނެ އެންމެ ފުރަތަމަ އަދި އެންމެ ބޮޑު ކާމިޔާބަށް ވުމެވެ. އިދިކޮޅު ހަރަކާތްތަކަށް އާރޯކަން އައިސް ބޮޑު ހިތްވަރަކަށް ވެސް ވާނެ އެވެ. އަދި މި ވޯޓުގެ ނަތީޖާ އިން އިތުރު އެތައް މަންޒަރެއް ވެސް ދައްކުވައިދޭނެ އެވެ.

މަސީހް މަގާމުން ދުރު ނުކުރެވިއްޖެ ނަމަ، އެއީ ސަރުކާރަށް ލިބޭނެ ޕްލަސް ޕޮއިންޓެކެވެ. ބޮޑު ކާމިޔާބެކެވެ. އިދިކޮޅު ހުރިހާ ފަރާތެއް ގުޅިގެން، އެއްބަސްވުން ހަދައިގެން ފެށި ހަރަކާތުގެ މުހިންމު މަސައްކަތް ހުއްޓުވުމުގެ ހިތްހަމަޖެހުން ވެސް އޮންނާނެ އެވެ. އިދިކޮޅު ކޯލިޝަންގެ ބާރެއް އަދި ނެތްކަން ސާފުވާނެ އެވެ.

ޕީޕީއެމް/އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕުން މިދިޔަ ހޮނިހިރުދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ނިހާން (މ) ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު

ޕީޕީއެމް/އެމްޑީއޭގެ ޕާލަމެންޓްރީ ގްރޫޕުން މިދިޔަ ހޮނިހިރުދުވަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ނިހާން (މ) ނޫސްވެރިންނާ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/ މިހާރު

"ސަރުކާރުގެ އަގު ބޭރު ދުނިޔޭގައި ވައްޓާލުމަށްޓަކައި އިދިކޮޅު ފަރާތްތަކުން ވަނީ އެތައް މަސައްކަތެއް ކޮށްފައި. އެހެންވީމާ މި ވޯޓު ސަރުކާރުން ކާމިޔާބު ކުރުން ވެގެންދާނީ ބައިނަލްއަގުވާމީ ފަރާތްތަކަށް އެކަމުގައި ޖަވާބު ލިބިގެންދާނެ ކަމަކަށް،" ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ވިދާޅުވި އެވެ.

"ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖޭގެ އަގު ވައްޓާލުމަށްޓަކައި މަސައްކަތް ކުރާ މީހުންނަށް ލިބޭނެ ޖަވާބެއް މިއީ. ސަރުކާރުގެ އަގު ބޭރު ދުނިޔޭގައި ވައްޓާލުމަކީ އެ މީހުންގެ އެއް މަގުސަދު. މި ވޯޓު މަސީހް ކާމިޔާބު ކުރުމާ އެކު އެ ހުރިހާ ކަމެއް ހުއްޓޭނެ."

އޭނާ ފާހަގަކުރެއްވި ގޮތުގައި ވޯޓުން މަސީހް ސަލާމަތް ވެއްޖެ ނަމަ، އެއީ އަންނަ އަހަރުގެ ރިޔާސީ އިންތިޚާބު ރައީސް ޔާމީނަށް ކާމިޔާބު ކުރުމަށްޓަކައި މި ސަރުކާރަށް ލިބޭނެ ވަރަށް ބޮޑު ހިތްވަރަކަށް ވާނެ އެވެ. އެހެންވެ މިއަދުގެ ވޯޓުން ސަރުކާރު ނުވަތަ ޕީޕީއެމް ކޯލިޝަން މޮޅުވުމަކީ ސިޔާސީ ގޮތުން ސަރުކާރު އިތުރަށް ވަރުގަދަވާނެ ކަމެއްގެ ގޮތުގައި ނިހާން ފާހަގަކުރެއްވި އެވެ.

ބިރު ދެއްކުމާއި ނުފޫޒު ވެސް އޮތް

މަސީހް ވޯޓު ކާމިޔާބު ކުރުމަށްޓަކައި އެއް ބަޔަކު އަނެއް ބަޔަކަށް ބިރު ދެއްކި ކަމުގެ ތުހުމަތު އިންތިހާ އަށް ވަނީ ކޮށްފަ އެވެ. އަދި ބައެއް ބޭފުޅުން ވަނީ އެފަދަ މައްސަލަތައް ފުލުސް އޮފީހަށް ވެސް ހުށަހަޅުއްވައިފަ އެވެ.

ރައީސް ޔާމީން ވެސް އިންނެވި ޖަލްސާއެއްގައި، ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު އިލްހާމް އަހުމަދު ވިދާޅުވެފައި ވަނީ އެ ޕާޓީގެ މެމްބަރުން ވެސް މަސީހާ ދެކޮޅަށް ވޯޓުލާނީ ހޫނު ފެނުގައި އަތްލާން ބޭނުން ނަމަ ކަމަށެވެ. މިއީ ޕީޕީއެމްގެ ތެރެއިން މަސީހާ ދެކޮޅަށް ވޯޓު ދެއްވާނެ ކަމަށް ބެލެވޭ މެމްބަރުންނަށް އިލްހާމް ދެއްވި ވަރުގަދަ އިންޒާރެއް ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އޭނާ ވިދާޅުވެފައި ވަނީ މަސީހާ ދެކޮޅަށް ވޯޓު ދޭ މެމްބަރުންގެ ފައިމައްޗަށް ހޫނު ފެން އެޅުމުން ތަދުވެގެން މެސެޖެއްކޮށް، "ސޮރީއޭ" ބުންޏަސް ގަބޫލެއް ނުކުރެވޭނެ ކަމަށާއި އޭރުން ބުނެވެން އޮންނާނީ "ނޯ" ކަމަށެވެ.

އިލްހާމްގެ މި ވާހަކަތަކުގެ މައްސަލަ ބަލައި ދިނުމަށް ވަނީ ފުލުސް އޮފީހަށް މިހާރު އޮތީ ހުށަހަޅައިފަ އެވެ.

މި ނޫނަސް އެތައް އިންޒާރެއް ޕީޕީއެމްގެ އެކި ފެންވަރުގެ ބޭފުޅުން ވަނީ ސޯޝަލް މީޑިއާގައި ދެއްވައިފަ އެވެ. މި ވޯޓާ އެކު އިދިކޮޅު ހަރަކާތް ނޯންނާނެކަން ދޭހަވާ މޭރުމަކުން އެ ޕާޓީގެ ބައެއް އެކްޓިވިސްޓުން ވަނީ ސޯޝަލް މީޑިއާގައި ވާހަކަ ދައްކައިފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ.--- ފޮޓޯ: މަޖިލިސް

އެއާ އެކު ޕީޕީއެމުން ވެސް ބުނަނީ އިދިކޮޅު ފަރާތްތަކުން ވެސް ފާޅުގައި އެފަދަ ބިރުތައް ދައްކާފައިވާ ކަމަށެވެ. އޭގެ ތެރޭގައި އިދިކޮޅު އިއްތިހާދުގެ އިސް ބޭފުޅުން ހިމެނޭ ކަމަށް ނިހާން ވިދާޅުވި އެވެ.

"ރޭގައި ރައީސް މައުމޫން އެ ވިދާޅުވީ މަސީހާ ދެކޮޅަށް ވޯޓު ދެއްވުމަށް މެމްބަރުން ފަސްޖެހިއްޖެ ނަމަ މާފެއް ނުކުރާނެ ކަމަށް. ގާސިމް އެ ވިދާޅުވަނީ މަސީހް ބޭރުކޮށްލުމަށް ވޯޓު ދީފި ނަމަ، މެމްބަރުން އާ ދައުރަކަށް ހޮވައިދޭން މަސައްކަތް ކުރާނެ ކަމަށް. މިއީ ނުފޫޒާއި ބިރު ދެއްކުން ނޫން ދެން ކޮން ކަމެއް؟،" ނިހާން ވިދާޅުވި އެވެ.

އަނެއް ކޮޅުން އިދިކޮޅު ހަރަކާތަށް ތާއީދުކުރާ އެކްޓިވިސްޓަކު، ޕީޕީއެމްގެ ކޯލިޝަންގެ މަޖިލިހުގެ ހުރިހާ މެމްބަރުންނަށް ކަހަލަ ގޮތަކަށް، އިންޒާރުގެ މެސެޖް ފޮނުވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ހުރިހާ އިންޒާރުތަކަކާއި ނުފޫޒުތަކެއް ޕީޕީއެމް/އެމްޑީއޭގެ ކޯލިޝަން މެމްބަރުންނަށް ވެސް އައިސްފައި ހުރީ. ޕީޕީއެމްގެ މެމްބަރުންނަށް އެކި ގޮތްގޮތުން ނުފޫޒު ފޯރުވަން މަސައްކަތް ކޮށްފައި ވަނީ. އެކަން އަޅުގަނޑުމެންނަށް ނޭނގެނީކީ ނޫން،" ނިހާން ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަބްދުﷲ ރިޔާޒް ވިދާޅުވީ ޕީޕީއެމްގެ ތެރެއިން ވެސް އެކިއެކި އިންޒާރުތައް އިދިކޮޅު މެމްބަރުންނަށާއި ޕީޕީއެމްގެ ބައެއް މެމްބަރުންނަށް ދީފައިވާ ކަމަށެވެ.

ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު އަބްދުﷲ ރިޔާޒް. - ފޮޓޯ: މަޖިލިސް

ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު އަބްދުﷲ ރިޔާޒް. - ފޮޓޯ: މަޖިލިސް

"އަޅުގަނޑުމެންގެ ނެތް މި ގައުމު އިސްލާހުކުރުން ނޫން އިތުރު މަގުސަތެއް. ގައުމު ފާލުން ނައްޓައިގެން ދާތީ އެކަން ރަނގަޅު ކުރަން ކުރާ ކަމެއް މިއީ. މަޖިލިހުގެ ތެރެއިން ސަރުކާރު ޒިންމާދާރެއް ނުކުރެވޭ،" ކިނބިދޫ ދާއިރާގެ މެމްބަރު ވިދާޅުވި އެވެ.

"ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ބޭރުން އެތައްއެތައް ކަމެއް އެ ކުރަނީ. ސަރުކާރަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރާއިރު، އެކަން ހުއްޓުވައި ސަރުކާރު ޒިންމާދާރު ކުރުމުގެ މަގު މަޖިލިހުގެ ތެރެއިން މިވަނީ ބަންދުވެފައި،"

"ދެ ނައިބު ރައީސުން ވަކިކުރީ ގާނޫނުއަސާސީ އާއި ގާނޫނުތަކާ ޚިލާފަށް. އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރެއްގެ މަގާމު ގެއްލުނީ ވެސް ހަމަ އެގޮތަށް. މި ކަންކަމާ މަޖިލިހުގެ ރައީސް އަޅައެއް ނުލައްވާ. އެހެންވީމާ އެ ކަންކަން ހަމަ މަގަށް އެޅުވުން ނޫން އެއްވެސް ކަމެއް ނެތް."

އިދިކޮޅު ފަރާތްތަކުން ޖޭޕީގެ ހަރުގޭގައި ރޭ ބޭއްވި ޖަލްސާގައި އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ މަސީހާ ދެކޮޅު ވޯޓަކީ އަދުލު އިންސާފު ގާއިމުކޮށް، ހަމަޖެހުން ގާއިމުކުރަން ދެވޭ ވޯޓެއް ކަމަށާއި ގައުމުގެ މުސްތަގުބަލަށްޓަކައި މަސީހު "ބޭރު ކުރަން" ޖެހޭ ކަމަށެވެ. އަދި މަސީހުގެ ވޯޓު ނާކާމިޔާބު ވެއްޖެ ނަމަ، އެކަމާ ހިތާމަކޮށް، އެތައް ބަޔަކު ކުށްވެރި ކުރަން މަސައްކަތް ކުރާ ތަން ފެންނާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

މަސީހު މަގާމުން ވަކިކުރުމަށް ފަހު، މެންބަރުންނަށް ބިރު ދައްކައި އަދުލު އިންސާފުން ބޭރުން ހުކުމެއް ވެސް ނުކުރެވޭނެ ކަމަށާއި ސިފައިންނާއި ފުލުހުން ނެރެ، މީހުން ހައްޔަރު ނުކުރެވޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ފުލުހުންނާއި ސިފައިންނަކީ "ގަމާރުން ނޫން" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަނިޔާއެއް ވެސް ނުކުރެއްވޭނެ، ހިފައި ހައްޔަރެއް ވެސް ނުކުރެއްވޭނެ، އެ ގޮތަކަށް އަމުރު މައުރޫފް ހިންގައިގެން މަޖިލިސް މެމްބަރުން އަޅުވެއްޗެއް ނުކުރެވޭނެ، ކޯޓުތަކުގެ ފަނޑިޔާރުންނަށް ނުފޫޒެއް ވެސް ނުފޯރުވޭނެ،" އޭނާ ވިދާޅުވި އެވެ.

ވޯޓު ކާމިޔާބުވެއްޖެ ނަމަ މައުމޫނާއި ފާރިސް ބަތަލަކަށް ވެދާނެ؟

މަސީހް މަގާމުން ވަކިކުރަން އިސް ނެންގެވީ ޕީީޕީއެމްގެ ރައީސް މައުމޫނާއި އެމަނިކުފާނުގެ ދަރިކަލުން މުހައްމަދު ފާރިސް މައުމޫނެވެ. މަސީހްގެ އިތުބާރު ނެތްކަމުގެ ވޯޓު ނެގުމަށް ހުށަހެޅި ގަރާރުގައި އެންމެ ފުރަތަމަ ސޮއިކުރެއްވީ ވެސް ފާރިސް އެވެ.

ފާރިސް އަރިހުގައި އުޅުއްވާ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި އޭނާ މި ވޯޓާ ގުޅޭ ހުރިހާ ކަމެއް ވެސް ކުރައްވަމުން ގެންދަވަނީ ސީދާ މައުމޫންގެ އިރުޝާދުގެ ދަށުންނެވެ. މައުމޫންގެ 30 އަހަރުގެ ސިޔާސީ ތަޖުރިބާގެ އަލީގަ އެވެ. ވޯޓަށް މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް، ފާރިސް ފުލުފުލުން ފުލުސް އޮފީހަށް ވަޑައިގަންނަވަން ޖެހުނީ ވެސް އެހެންވެ ކަމަށް ވެދާނެ އެވެ. އެއީ ބިރު ދެއްކުމުގެ އަމަލެއް ކަމަށް އޭނާ ވެސް ދެކެވަޑައިގަނަންވަ އެވެ.

މި ވޯޓާ އެކު ޕީޕީއެމްގެ ބައެއް އިސް މެމްބަރުން ވެސް އެންމެ ބޮޑަށް ފާޑުވިދާޅުވާ އެއް ބޭފުޅަކީ ފާރިސް އެވެ.

އިދިކޮޅު އިއްތިހާދުން މިދިޔަ ހޮނިހިރުދުވަހުގެ ރޭ ޖޭޕީގެ ހަރުގޭގައި ބޭއްވި ބައްދަލުވުމަށް ފަހު ފާރިސް ބައެއް އެހެން ބޭފުޅުންނާ އެކު.---ފޮޓޯ: ނިޝާން އަލީ/މިހާރު

އިދިކޮޅު އިއްތިހާދުން މިދިޔަ ހޮނިހިރުދުވަހުގެ ރޭ ޖޭޕީގެ ހަރުގޭގައި ބޭއްވި ބައްދަލުވުމަށް ފަހު ފާރިސް ބައެއް އެހެން ބޭފުޅުންނާ އެކު.---ފޮޓޯ: ނިޝާން އަލީ/މިހާރު

ކުރިން ފާރިސްއާ އެންމެ އަރިސް އެކަކު ކަމަށް ވާ ނިހާން ވިދާޅުވީ މަސީހް މަގާމުން ވަކިކުރުމުގެ ވޯޓަކީ ފާރިސް އަށް ވެރިކަން ހޯއްދަވައި ދެއްވަން މައުމޫން ކުރައްވާ މަސައްކަތްޕުޅެއް ކަމަށެވެ. އަދި މިކަމުގައި މި ފަހަރު ގައުމީ މަސްލަހަތެއް މައުމޫން ނުގެންގުޅުއްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ ރައީސް މައުމޫން މި ފަހަރު ފުރަތަމަ އިޚުތިޔާރު ކުރެއްވީ ގައުމެއް ނޫން. ރައީސް މައުމޫން މި ފަހަރު ފުރަތަމަ އިޚުތިޔާރު ކުރެއްވީ އަމިއްލަ ދަރިފުޅު،" އޭނާ ވިދާޅުވި އެވެ.

"ފާރިސް މަޖިލިހަށް ވަތް ދުވަހުން ފެށިގެން މި ސަކަރާތެއް ފެށިއްޖެ. މަޖިލިހުގެ ތެރޭގައި ޕީޕީއެމްގެ މެމްބަރުންގެ މެދުގައި ނަފްރަތު އުފެއްދުމުގެ މަސައްކަތް ފެށިއްޖެ. ފިތުނަ ފަސާދަ އުފައްދަން ފަށައިފި. މިއީ ތަރައްގީ އަށް ހުރަސް އެޅުމަށްޓަކައި، މަޖިލިހުގެ މެޖޯރިޓީ ހަނިކޮށްލަން ކުރި ކަމެއް."

ފާރިސް ވިދާޅުވީ އެގޮތަށް އެކި ބޭފުޅުން ދައްކަވާ ވާހަކަތަކަށް ޖަވާބު ދެއްވަން ބޭނުން ނުވާ ކަމަށެވެ.

"އަޅުގަނޑު މަސައްކަތް މިކުރަނީ ޕާޓީގެ ތެރެއިން ކަންކަން އިސްލާހު ނުވެގެން. މި މަސައްކަތް ކާމިޔާބުވީމާ، ތި ގޮތަށް ވާހަކަ ދައްކަވާ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ މިހާރު ރާއްޖެ އޮތް ހާލަތާއި މި މަސައްކަތް ކާމިޔާބުވީމާ ދެން އޮންނާނެ ހާލަތު. ތިހެން އެކި ބޭބޭފުޅުން ކުރައްވާ ސްޕެކިއުލޭޝަންތަކަށް އަޅުގަނޑު ޖަވާބެއް ނުދެން" ދިއްގަރު ދާއިރާގެ މެމްބަރު ފާރިސް ވިދާޅުވި އެވެ.

ފާރިސް އަކީ މަސީހުގެ ވޯޓުގައި އިސް ނެންގެވި ބޭފުޅާ ކަމަށް ވުމަކީ ވެސް މި ވޯޓުގެ "ވަރުގަދަކަން" އިތުރުވި ކަމެއް ކަމަށް ސިޔާސީ ބައެއް ފަރާތްތަކުން ދެކެ އެވެ. ސަބަބަކީ މައުމޫން މިކަމުގައި އެންމެ އިސްކޮށް ހުންނެވުމެވެ. މައުމޫން ރަސްމީކޮށް އިދިކޮޅު ފަރާތްތަކާ އެކު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް، އެއްބަސްވުމުގައި ސޮއިކުރައްވަން ޖެހިވަޑައިގަތީ ވެސް ސަރުކާރުން ގާނޫނާ ޚިލާފަށް އެތައް ކަމެއް ކުރާތީ ކަމަށް އަރިސް ބޭފުޅުން ވިދާޅުވެ އެވެ. އެހެންކަމުން މިއަދުގެ ވޯޓުގެ ނަތީޖާ އިން ސިޔާސީ އެތައް ހަގީގަތެއް ފެނިގެންދާނެ އެވެ.