Roadha Mihaaru

ސްޓާ ވޯޒްގައި ރާއްޖެ އަކީ ޕްލެނެޓް "ސްކާރިފް"

16 ޖުލައި 2016

ދޮންވެލި ގޮނޑުދޮށެކެވެ. ރާޅު ބީއްސާ ހިސާބެވެ. ސާފު، ނޫ ވިލެކެވެ. ފަހަތުން، އެއްގަމުގައި ރުއްގަސް ހެދި، މުޅި ތަން ވަނީ ފެހިކޮށްލާފަ އެވެ. މިއީ ގުދުރަތީ ރީތިކަމުގެ އެންމެ ފުރިހަމަ މިސާލެއްގެ ގޮތުގައި ބެލި ދާނެ ފަޅު ރަށެކެވެ. ފިނޮޅެއްހެން ވެސް ހީވެ އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ހުރިހާ ގޮތަކުން ވެސް ހިތްގައިމު މި ސުލްހަވެރި މާހައުލަށް ލޮޅުން ގެނުވަނީ ކުއްލިއަކަށް ފެށޭ ބޮޑު ހަނގުރާމައަކުންނެެވެ. އެއްކޮޅުގައި ނުބައިބައި އޭލިއަނުން ރަށަށް އަރަން އާދެ އެވެ. އަނެއްކޮޅުން ރަނގަޅު ސިފައިންގެ ލަޝްކަރު އޮތީ ރުކުރުވާލާފަ އެވެ. ކަކުލާ ހަމަ އަށް ލޮނުގަނޑު އަރާ ހިސާބުގައި ތިބެ އެ މީހުންގެ ރަށް ދިފާއު ކުރުމަށް ހަމަލާ ދެމުންދެ އެވެ.

މިއީ މަޝްހޫރު ސްޓާ ވޯޒް ސިލްސިލާގެ އާ ފިލްމުގެ ތަންކޮޅެކެވެ. "ރޯގު ވަން: އަ ސްޓާ ވޯޒް ސްޓޯރީ"ގައި ފެނިގެން އެ ދާ ހިތްގައިމު މާހައުލަކީ "ސްކާރިފް" ކިޔާ، ސްޓާ ވޯޒް ކާއިނާތުގައި ހިމެނޭ ޕްލެނެޓެކެވެ. ނުބައިބައި އޭލިއަނުން އުޅެނީ އެ ޕްލެނެޓަށް ވެރިވެ ގަނެ، ގެލެކްޓިކް އެމްޕަޔާގެ ވެރިކަން ވަރުގަދަ ކުރަން ބިނާ ކުރަން އުޅޭ ޑެތު ސްޓާގެ ޕްލޭންތައް "ކަޓުވާލާށެވެ". ވެރިކަމުގެ ދިފާއުގައި ނުކުމެ އެ ތިބީ ސްޓޯމްޓްރޫޕާއިންގެ ލަޝްކަރެވެ.

ރާއްޖެ އަސްލަކަށް ބަލައިގެން ހެދި ސްކާރިފްގެ މޫދުގައި ސްޓޯމްޓްރޫޕާތަކެއް: މި މަންޒަރުތަކުގައި ސްޓޯމްޓްރޫޕާގެ ހެދުން އަޅައިގެން ތިބީ ދިވެހި ސިފައިން.

ރާއްޖެ އަސްލަކަށް ބަލައިގެން ހެދި ސްކާރިފްގެ މޫދުގައި ސްޓޯމްޓްރޫޕާތަކެއް: މި މަންޒަރުތަކުގައި ސްޓޯމްޓްރޫޕާގެ ހެދުން އަޅައިގެން ތިބީ ދިވެހި ސިފައިން.

ސްކާރިފްގެ އަސްލަކީ ރާއްޖެ އެވެ. ލ. އަތޮޅުގެ ހިތްގައިމު މާހައުލެވެ. އެ ޕްލެނެޓުގެ ހުރިހާ ކަމެއް ބިނާ ކުރީ، ފިލްމުގެ ޑައިރެކްޓަރު ގަރެތު އެޑްވާޑްސް އިއްޔެ ބުނި ގޮތުގައި، ރާއްޖެ އަސްލަކަށް ބަލައިގެންނެވެ. އެހެންވެ، ވީހާ ވެސް ބޮޑަށް އަސްލާ އެއްގޮތް ކުރަން، އެ މަންޒަރުތައް ނެގީ ވެސް ރާއްޖެ އައިސްގެންނެވެ.

"އެ މަންޒަރުތައް ނަގަން އަހަރުމެން ދިޔައީ [ދުނިޔެ މަތީގެ] ސުވަރުގެ އަށް. އެއީ [މުޅި ފިލްމުގައި ވެސް] އަހަރެން އެންމެ ގަޔާވާ މަންޒަރުތައް،" މި ފިލްމާ ބެހޭ އާ މައުލޫމާތާއި ޓްރެއިލާ ނެރެން ލަންޑަނުގައި ކުރި އަށް ގެންދާ ސްޓާ ވޯޒް ސެލެބްރޭޝަން އިވެންޓުގައި އިއްޔެ ވާހަކަ ދައްކަމުން ގަރެތު ބުންޏެވެ.

ރާއްޖެ އަސްލަކަށް ބަލައިގެން ހެދި ސްކާރިފްގެ ގޮނޑުދޮށުގައި ހިނގާ ހަނގުރާމައިގެ މަންޒަރެއް: މި މަންޒަރުތައް ނެގީ ލ. އަތޮޅުގައި.

ރާއްޖެ އަސްލަކަށް ބަލައިގެން ހެދި ސްކާރިފްގެ ގޮނޑުދޮށުގައި ހިނގާ ހަނގުރާމައިގެ މަންޒަރެއް: މި މަންޒަރުތައް ނެގީ ލ. އަތޮޅުގައި.

އުރުދުން އަދި އައިސްލެންޑުގައި ވެސް ބައެއް މަންޒަރުތައް ނެގި މި ފިލްމު ދިވެހިންނާ ގުޅޭ އަދި އިތުރު ކަމެއް ވެސް އެބަ އޮތެެވެ. ސްޓޯމްޓްރޫޕާގެ ކަޅާއި ހުދުގެ މަޝްހޫރު ޔުނިފޯމް ލައިގެން، މޫދަށް އެރި އެ ތިބެނީ އަސްލު ދިވެހި ސިފައިންނެވެ. އެއީ އެ މީހުންނަށް އަސްލު ވަރަށް ބޮޑު ފަހުރެކެވެ. އެކަމަކު، ދިވެހި ސިފައިން އުޅުނު ގޮތުން، ފިލްމު ޝޫޓުކުރަން އުޅުނު ބޭރު މީހުންނަށް އެކަން ވީ ބޮޑު މަޖާގަނޑަކަށެވެ.

"ސްޓޯމްޓްރޫޕާގެ ކޮސްޓިއުމް ލައިގެން އެ މީހުން [ދިވެހި ސިފައިން] ތިބެނީ ވަރަށް ފާޑަކަށް. ވާނުވާ ވެސް ނޭނގިފައި ތިބީ،" ގަރެތު ބުންޏެވެ.

ރާއްޖެ އަސްލަކަށް ބަލައިގެން ހެދި ސްކާރިފްގެ މޫދުގައި ސްޓޯމްޓްރޫޕާތަކެއް: މި މަންޒަރުތަކުގައި ސްޓޯމްޓްރޫޕާގެ ހެދުން އަޅައިގެން ތިބީ ދިވެހި ސިފައިން.

ރާއްޖެ އަސްލަކަށް ބަލައިގެން ހެދި ސްކާރިފްގެ މޫދުގައި ސްޓޯމްޓްރޫޕާތަކެއް: މި މަންޒަރުތަކުގައި ސްޓޯމްޓްރޫޕާގެ ހެދުން އަޅައިގެން ތިބީ ދިވެހި ސިފައިން.

ރޯގު ވަންގެ މަންޒަރުތައް ނަގަން ސްޓާ ވޯޒްގެ ކުރޫ މިދިޔަ އަހަރު ފަހުކޮޅު ރާއްޖޭގައި މަހެއްހާ ދުވަސް ހޭދަ ކުރި އެވެ. އެއީ 100 އަށް ވުރެ ގިނަ މީހުން ހިމެނޭ ބޮޑު ކުރޫ އެކެވެ. ހެލިކޮޕްޓަރަކާއި އެ ނޫން ވެސް ބޮޑެތި އާލާތްތައް ގެނެސް، ލ. އަތޮޅު ފުރާލި އެވެ. ބޮޑަށް ނެގީ ހަނގުރާމަ މަތީ މަންޒަރުތައް ކަމަށް ވާއިރު، ފިލްމުގައި ރާއްޖޭގެ ވިއްސަކަށް މިނިޓުގެ ފުޓޭޖު ފިލްމުގައި ހިމަނާފައިވާ ކަމަށް ވެ އެވެ.

ޑިސެމްބަރު 16 ގައި ނެރޭ ރޯގު ވަން އަކީ ސްޓާ ވޯޒް ފިލްމު ސިލްސިލާގެ ނުވަ ވަނަ ފިލްމެވެ. އެކަމަކު، މިއީ މައި ސިލްސިލާއާ ވަކިން ނެރޭ ދެ ފިލްމު ހިމެނޭ "ސްޓާ ވޯޒް އެންތޮލޮޖީ"ގެ ފުރަތަމަ ފިލްމެވެ. މި ފިލްމަށް ހާއްސަކޮށް ބާއްވާ ސެލެބްރޭޝަން އިވެންޓުގައި އާއްމު ކުރި ފިލްމުގެ ފުރަތަމަ ޕޯސްޓަރާއި އާ ޓްރެއިލާ އިން ވެސް އެންމެ ބޮޑަށް ފާހަގަކުރެވެނީ ރާއްޖެ އަށް ވަރަށް ބޮޑަށް ފޯކަސް ކޮށްފައިވާ ކަމެވެ. ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކަން ކޮށްފައިވާ މަސައްކަތެވެ.

"މީގެ ކުރިން ސްޓާ ވޯޒްގެ އެއްވެސް ފިލްމަކުން މި ވަރުގެ ރީތި ތަނެއް ނުދެކެން،" މުނިފޫހިފިލުވުމުގެ ޚަބަރުތައް ގެނެސްދޭ ވެބްސައިޓެއްގައި، ރޯގު ވަންގެ ޕޯސްޓަރާއި ޓްރެއިލާއާ ގުޅޭ ގޮތުން ލިޔެފައިވެ އެވެ.

ރޯގު ވަންގެ ފުރަތަމަ ޕޯސްޓަރު: މި ފިލްމުގައި ދައްކާ ޕްލެނެޓް، ސްކާރިފް ހެދީ ރާއްޖެ އަސްލަކަށް ބަލައިގެން.

ރޯގު ވަންގެ ފުރަތަމަ ޕޯސްޓަރު: މި ފިލްމުގައި ދައްކާ ޕްލެނެޓް، ސްކާރިފް ހެދީ ރާއްޖެ އަސްލަކަށް ބަލައިގެން.

ބޭރުގެ ގިނަ މީހުން ރާއްޖެ ދަންނަނީ ދޮންވެލި ގޮނޑުދޮށްތަކުންނެވެ. އެ މީހުންނަށް ފެންނަނީ ތަޣައްޔަރު ނުވާ ސާފު މޫދެވެ. ބޭރު މީހުންނަށް ރާއްޖެ މިއީ ހަމަ ދުނިޔެ މަތީގެ ސުވަރުގެ އެވެ. އެ ފަދަ ދެ ވަނައެއް ނެތް މި ރީތިކަން ބޭރުގެ މިހާ ވަރުގަދަ ފިލްމަކަށް އެރުމުގެ ޝަރަފު އޮތީ ދިވެހިންނަށެވެ. މި މަންޒަރުތައް ބަލައިލަން ދެން އޮތީ ހަތަރު ވަރަކަށް މަހެވެ. އިންތިޒާރު ކޮށްލާށެވެ!