Roadha Mihaaru

ސުޕްރީމް ކޯޓުގައި އޮތީ ސިފައިންގެ ބާރުގެ ދަށުގައި: ސައުދު

ސުޕްރީމް ކޯޓު އޮތީ ސިފައިންގެ ބާރުގެ ދަށުގައި ކަމަށާއި އެ ކޯޓު މެދުވެރިކޮށް ސަރުކާރަށް އިތުރު ބާރުތަކެއް ނަގަން މަސައްކަތް ކުރަމުން އަންނަ ކަމަށް، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.

ސުޕްރީމް ކޯޓުގައި އޮތީ ސިފައިންގެ ބާރު: ސައުދު
މުހައްމަދު ޔާމީން
މުހައްމަދު ޔާމީން

21 ފެބުރުއަރީ 2018

ސުޕްރީމް ކޯޓު އޮތީ ސިފައިންގެ ބާރުގެ ދަށުގައި ކަމަށާއި އެ ކޯޓު މެދުވެރިކޮށް ސަރުކާރަށް އިތުރު ބާރުތަކެއް ނަގަން މަސައްކަތް ކުރަމުން އަންނަ ކަމަށް، ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސައިން މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންނަށް މަޖިލީހަށް ނުވެންނެވޭ މައްސަލައިގައި، އޭގެ ތެރެއިން ބައެއް މެމްބަރުން މިއަދު ވެސް ވަނީ ސުޕްރީމް ކޯޓަށް ވަޑައިގެން، ފަނޑިޔާރުންނާ ބައްދަލު ކުރައްވަން މަސައްކަތް ކުރައްވައިފަ އެވެ. ނަމަވެސް، ގަޑިއެއްހާއިރު، އެ ކޯޓުގައި ތިއްބެވުމުން ވެސް އެ މެމްބަރުންނަށް އެކަން ކާމިޔާބެއް ނުވި އެވެ.

ސުޕްރީމް ކޯޓުގެ ބޭރުގައި ހުންނަވައި، ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ސައުދު ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒު އަނެއްކާ ވެސް ހުރީ ސުޕްރީމް ކޯޓަށެވެ. އަދި ގައުމު މިހާރު އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސައުދު ވިދާޅުވީ ރާއްޖޭގެ ގާނޫނުއަސާސީގެ ބާރު ކަނޑުވާލައި، ސިފައިންނާއި ފުލުހުންގެ މަދު ބަޔަކު ރައީސް އަބްދުﷲ ޔާމީންގެ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާވެގެން ކަންކަން ކުރަމުން އަންނަ ކަމަށެވެ. އަދި ގާނޫނުއަސާސީ ކުދިކުދި ކޮށްލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގައި ގާނޫނުއަސާސީއެއް ނެތް. ރައްޔިތުންގެ މަޖިލީހެއް ނެތް. ޖުޑިޝަރީއެއް ނެތް. މި ބާރުތައް މިއަދު ވަނީ ފްރީޒް ކުރެވިފައި،" ސައުދު ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ކުރިމަތީގައި އިއްޔެ ސިފައިންގެ ވެހިކަލެއް މަޑުކޮށްލައިގެން. ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ސުޕްރީމް ކޯޓުގެ ކުރިމަތީގައި އިއްޔެ ސިފައިންގެ ވެހިކަލެއް މަޑުކޮށްލައިގެން. ---ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ސައުދު ތުހުމަތު ކުރެއްވި ގޮތުގައި ސަރުކާރުން އުޅެނީ، ސުޕްރީމް ކޯޓު މެދުވެރިކޮށް، އަނެއްކާވެސް އިތުރު ބާރުތަކެއް ނަގައި އެ ބާރުގެ ބޭނުން ސުޕްރީމް ކޯޓުގެ މައްޗަށް ހިންގައި، ރައްޔިތުން އިތުރަށް އަޅުވެތި ކުރުމަށެވެ. މިއީ ވަރަށް ނުރައްކާތެރި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު، ގާނޫނުއަސާސީގައި ނެތް ބާރުތަކެއް ރައީސް ޔާމީނަށް، ސުޕްރީމް ކޯޓުން ނުދެއްވުމަށް ސައުދު ވަނީ އިލްތިމާސް ކުރައްވައިފަ އެވެ. ސުޕްރީމް ކޯޓު ތެރޭގައި މުޅިންހެން ސިފައިން ތިބި އިރު، އެ ކޯޓުގެ ފަނޑިޔާރުންނަށް މިނިވަންކަމާ އެކު ހުކުމް ކުރެވިދާނެތޯ ސުވާލު އުފެދޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ޖުޑިޝަރީގެ ދިފާއުގައި ފަނޑިޔާރުން ނިކުންނަވަން ޖެހޭ ހާލަތަށް ގޮސްފައިވާ ކަމަށް ސައުދު ވިދާޅުވި އެވެ.

"ޖުޑިޝަރީގެ ދިފާއުގައި ފަނޑިޔާރުން ނިކުންނަވާ. ނުނިކުމެއްޖެނަމަ، މާދަމާ އެއްވެސް ފަނޑިޔާރަކަށް ރައްކާތެރިކަމެއް ނޯންނާނެ،" ސައުދު ވިދާޅުވި އެވެ.

"އުއްތަމަ ފަނޑިޔާރު އޮތީ ޖަލުގައި، އެ ހާލަތުގައި ހުރިހާ ކޯޓުތަކެއްގެ ފަނޑިޔާރުން ޖަލަށްލެވުނީ. ފަނޑިޔާރުން ސާބިތުކަމާއެކު ނިކުންނަވާ. ވަކީލުން އެ ދައްކަވާ ނަމޫނާ އަޑު އަހާ. މަޖިލީހުގެ މެމްބަރުން ދައްކަވާ ނަމޫނާ އަޑުހާ،"

ރާއްޖެ ސަލާމަތް ކުރުމުގެ ހައްގުވެރީންނަކީ ސަލާމަތީ ބާރުތައް ކަމަށާއި އެހެންވެ، ރަހީނުކޮށްފައި ތިއްބެވި ހުރިހާ ބޭފުޅުން މިނިވަންކޮށް ދިނުމަށާއި ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ޣައިރު ގާނޫނީ އަމުރުތަކަށް ތަބާނުވުމަށް ސައުދު ވަނީ ގޮވާލައްވައިފަ އެވެ.