Roadha Mihaaru

ރިޔާސީ ބަޔާނުގައި އެތައް ހުސްކަމެއް

ގައުމުގެ ހާލަތު ‏‏ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ‏‏ހިމެނޭ ރިއާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވެވުމަކީ ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ އަށް ލާޒިމްކުރާ ކަމެކެވެ.

ރިޔާސީ ބަޔާނުގައި އެތައް ހުސްކަމެއް
އަހުމަދު އަބުދުﷲ ސައީދު
އަހުމަދު އަބުދުﷲ ސައީދު

22 ފެބުރުއަރީ 2018

ގައުމުގެ ހާލަތު ‏‏ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަން ޖެހޭ ކަންތައްތައް ‏‏ހިމެނޭ ރިއާސީ ބަޔާނެއް ރައްޔިތުންގެ މަޖިލީހަށް އިއްވެވުމަކީ ގާނޫނުއަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެ މަތިން، ރައީސުލްޖުމްހޫރިއްޔާ އަށް ލާޒިމްކުރާ ކަމެކެވެ.

ރިއާސީ ބަޔާނަކީ އާންމު ގޮތެއްގައި ގައުމުގެ ހާލަތު ބަޔާންކޮށްދޭ އެއްޗަކަށް ވުމުގެ އިތުރުން، އެ ހާލަތުގެ މައްޗަށް ބަލައި ގައުމު ހިންގުމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމުގެ ސިޔާސަތުތައް އާންމު ރައްޔިތުންނާ ހިއްސާކުރާ އެއްޗެކެވެ. ނަމަވެސް ރޭ ރައީސް އަބްދުﷲ ޔާމީން އިއްވެވި މި އަހަރުގެ ރިއާސީ ބަޔާނުން، ރައްޔިތުންގެ ހިތުގައި އުފެދިފައިވާ ގިނަ ސުވާލުތަކަށް ޖަވާބެއް ނުލިބެ އެވެ.

ރާއްޖޭގައި ސިޔާސީ ހަމަނުޖެހުމެއް ބޮޑުވެ، ގާނޫނުއަސާސީއާ ޚިލާފަށް އެތައް ކަމެއް ހިނގައި، ރައްޔިތުންގެ އެތައް މަސްލަހަތެއް ގެއްލި، ގިނަ ހައްގުތަކެއް ސަރުކާރުން ހިފަހައްޓާފައިވާ އިރު، އެ ކަންކަމަށް ރިއާޔަތް ކުރައްވައ ރިޔާސީ ބަޔާނުގައި، ގައުމުގެ ހާލަތާ މެދު އެއްވެސް އެއްޗެއް ވިދާޅުނުވުމުން މިހާރު ވަނީ ފާޑުކިއުންތައް އަމާޒު ވެފަ އެވެ.

"އަޅުގަނޑަށް ރިއާސީ ބަޔާނުން ފެނުނީ ހުސް ބާގަނޑުތަކެއް. ގައުމު މިހާރު މި އޮތީ އެމަނިކުފާނުގެ ވެރިކަމުގެ ފަސް އަހަރުގެ ތެރޭގައި ވެއްޓުނު އެންމެ ފުން އަނދަވަޅުގެ ތެރޭގައި. އެ ވަޅުގަނޑުން އަރައިގަންނާނެ ގޮތުގެ އެއްވެސް އިޝާރާތެއް ނުދެއްވާ. މިހާރު ދިމާވެފައިވާ ގައުމީ ދާޚިލީ މައްސަލަތައް ހައްލު ކުރާނެ ގޮތުގެ ފަރުވާއެއް ވިދާޅުވެއެއް ނުދެއްވި،" މި ސަރުކާރުގެ ކުރީގެ ސްޓޭޓް މިނިސްޓަރަކު ވިދާޅުވި އެވެ.

ރިއާސީ ބަޔާނާ ބެހޭ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރެއްވި ޓުވީޓެއް

އޭގެ ބަދަލުގައި ރިއާސީ ބަޔާން ބިނާކުރައްވާފައި އޮތީ، އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކުގެ މައްޗަށެވެ. ކަރަންޓާއި ބޯފެނާއި ނަރުދަމާގެ އިތުރުން ފަޅު ފުންކުރުމާއި ބަނދަރު ހެދުމާއި ބިން ހިއްކުން ފަދަ މަޝްރޫއުތަކުގެ ތަފާސްހިސާބުތަކުގެ މައްޗަށެވެ. އަދި ޓޫރިޒަމްގެ ސިނާއަތުގެ ތަރައްގީ ކުރުމަށް ރަށްތަކާއި ފަޅުތައް ދޫކޮށްގެން ހިންގާ މަޝްރޫއުތަކަށާއި ތައުލީމާއި ސިއްހީ ދާއިރާ އިން ކުރަމުންދާ ކަންތަކުގެ މައްޗަށެވެ.

ރައީސް ޔާމީންގެ ވެރިކަމުގެ އެންމެ ފަހު ރިއާސީ ބަޔާން، ރޭގައި އެ އިއްވެވީ ގައުމު ކުއްލި ނުރައްކަލުގެ ހާލަތުގެ ތެރޭގައި ބާއްވައިގެންނެވެ. އެ ހާލަތުގެ ސަބަބުން އެ މަނިކުފާނަށް ކުރިމަތިވެވަޑައިގެންފައިވާ ނުތަނަވަސްކަމާއި ހާސްކަން އަދި ތަހައްމަލު ކުރައްވަން ޖެހިވަޑައިގެންފައިވާ ދަތި އުނދަގޫ ކަންތައް އެމަނިކުފާނުގެ މޫނުފުޅުމަތިން ކިތަންމެ ރަނގަޅަކަށް ވެސް ހާމަވި އެވެ.

މުޅި ރިއާސީ ބަޔާން އިއްވަވައި ނިންމަވައިލެއްވީ، ލިޔެފައި އޮތް ކަރުދާސްތަކެއްގައި ހުރި އެއްޗެހިތަކެއް ވިދާޅުވެދެއްވި ކަހަލަ ގޮތަކަށެވެ. ބަޔަކާ މުޚާތަބު ކުރައްވައި ބަޔާނެއް ދެއްވި މަންޒަރެއް ނުފެނެ އެވެ. ޖަލްސާގެ ބައިވެރިންނާ މަދު ފަހަރަކު، އެސްފިޔަ ޖަހައިލާހާ ކުޑަ ވަގުތުކޮޅަކަށް މެނުވީ ހަތަރު ކަޅި ހަމަކޮށްލެއްވި މަންޒަރެއް ނުފެނުނެވެ. އެހާ ވެސް އެމަނިކުފާނުގެ މޫނުފުޅުން ފެނުނު ކަންބޮޑުވުން ބޮޑެވެ.

ގައުމު އޮތީ އެމަނިކުފާނަށް ވުރެ ބޮޑު ހާސްކަމަކާއި ނުތަނަވަސްކަމެއްގެ ތެރޭގަ އެވެ. ނަމަވެސް އެމަނިކުފާނު މީގެ 17 ދުވަސް ކުރިން އިއުލާން ކުރައްވާފައިވާ ކުއްލި ނުރައްކަލުގެ ހާލަތާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ވިދާޅެއްނުވެ އެވެ.

ރައީސް ޔާމީން ކުރިން ވިދާޅުވެފައިވާ ގޮތުގައި މި މަހުގެ 5 ގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރަން ޖެހުނީ، ސުޕްރީމް ކޯޓުން މި މަހުގެ ފުރަތަމަ ދުވަހު ނެރުނު އަމުރުން ދައުލަތުގެ ހިންގުން އޮޅުންބޮޅުންވެ، މުއައްސަސާތަކުގެ ހިންގުމުގެ ނިޒާމަށް ބުރޫއަރައި ގައުމާއި ރައްޔިތުންނާ ގުޅުން ހުރި އެތައް މަސްލަހަތުތަކެއް ގެއްލިދާނެތީ އެވެ. އަދި އެ ހާލަތު އިތުރު 30 ދުވަހަށް ދަމަހައްޓަން ޖެހުނީ، އެ ހާލަތު ބަދަލުނުވާތީ ކަމަށް ވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.

މީގެ ކުރިން، ރައީސް ޔާމީންގެ ރިޔާސީ ބަޔާން ލިއުއްވުމުގައި އުޅުއްވި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވީ ރިޔާސީ ބަޔާނުން ގައުމު އޮތް ނުރައްކާތެރި ހާލަތު ސާފު ނުވާ ކަމަށެވެ. ގާނޫނުއަސާސީ މުގުރާލައި ބާރުތައް މުށުތެރަށް ލައި ރައްޔިތުންގެ މަޖިލީހާއި ރާއްޖޭގެ އެންމެ މަތީ ކޯޓުން ފެށިގެން ޝަރުއީ ނިޒާމް "ފުނޑާލާފައިވާ" މައްސަލައާ މެދު ރައީސް ޔާމީން އެއްޗެއް ވިދާޅުނުވުމަކީ ކަންބޮޑުވުމެއް ކަމަށް އަމީން ވިދާޅުވި އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގައި ސަރުކާރުން އަމަލު ކުރަމުންދާ ގޮތުގެ ސަބަބުން، ރައްޔިތުންގެ އެތައް ހައްގުތަކެއް ގެއްލުމުގެ އިތުރުން އަދުލު އިންސާފުގެ ދާއިރާ އޮތީ ބޮޑު ހުސްކަމެއްގެ ތެރޭގަ އެވެ. ޖިނާއީ އިޖުރާއާތުގެ ގާނޫނު ހިފަހައްޓާފައި އޮތުމުން، ޖިނާއީ އަދުލުގެ ނިޒާމު އޮތީ ބޮޑު ހުސްކަމަކާ ކުރިމަތިލައިފަ އެވެ.

ދައުލަަތުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓްގެ ފަނޑިޔާރު އަލީ ހަމީދު، ގާނޫނާ ޚިލާފަށް ހައްޔަރު ކޮށްފައިވާ އިރު، ގާނޫނީ ހަމަތަކުގެ މަތިން ސުޕްރީމް ކޯޓު ހިންގާނީ ކޮން ގޮތަކުންތޯ ސުވާލު އުފެދެ އެވެ. އޭގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނިވަޑައިގަންނަވާ ގޮތަށް ނުވަ ބޭފުޅަކު ހައްޔަރުކޮށްފައިވާ އިރު މި އިން އެއްވެސް ކަމަކާ ބެހޭ ގޮތުން ރިއާސީ ބަޔާނުގައި އެއްވެސް ވާހަކަފުޅެއް ވިދާޅެއްނުވެ އެވެ.

"ވަރަށް ބޮޑަށް ހައިރާންވޭ، އަދުލު އިންސާފު ގާއިމްކުރުމުގެ ނިޒާމް ފުނޑިފައި އޮތްއިރު ވެސް ރައީސް ބަސްފުޅެއް ވިދާޅުނުވުމުން. މިއިން ދޭހަކޮށްދެނީ، ވެރިކަމުގެ މިހާ ހިސާބަށް އައިރު އެ މަނިކުފާނު ވަރަށް ބޮޑަށް މަސައްކަތްޕުޅު ކުރައްވާފައި އޮތީ އެ މަނިކުފާނު ގާނޫނުއަސާސީގެ ތެރޭގައި ހުންނަވާފައި އެހެން ބޭފުޅުންނާއި ދާއިރާތައް ބޭނުން ކުރައްވައިގެން ކަންކަން ކުރަން،" އަމީން ވިދާޅުވި އެވެ.

"އެކަމަކު ރައީސް ޔާމީން ވެސް މިހާރު ސީދާ ގާނޫނުއަސާސީން ބޭރަށް ވަޑައިގެންފައިވާތީ ރިޔާސީ ބަޔާނުގައި އެމަނިކުފާނަށް ދެއްކޭނެ ވާހަކަތަކެއް ހަގީގަތުގައި ނެތީ ކަމަށް ބެލެވެނީ."

ރިޔާސީ ބަޔާނަށް ފާޑުވިދާޅުވެ މާލޭގެ ކުރީގެ މޭޔަރު މުހައްމަދު ޝިހާބު ކުރެއްވި ޓުވީޓެއް.

މިއާ އެކު އަމީން ގަބޫލުކުރައްވަނީ، ގާނޫނުއަސާސީގެ 87 ވަނަ މާއްދާ އިން ރައީސުލްޖުމްހޫރިއްޔާއާ މަތިކޮށްފައިވާ ގޮތަށް ރިޔާސީ ބަޔާން އިއްވެވުމުގެ ޒިންމާ ވެސް ރައީސް ޔާމީނަށް އަދާނުކުރެއްވުނު ކަމަށެވެ.

އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއެއް ހޯދުމުގެ ވާހަކައިގެ އިތުރުން، ރާއްޖޭގެ ޚާރިޖީ ސިޔާސަތާ ގުޅޭ އެއްވެސް ވާހަކަފުޅެއް ރިއާސީ ބަޔާނުގައި ހިމަނުއްވާފައެއް ނުވެ އެވެ. އަވައްޓެރި ގައުމުތަކާއި ދުރު ކަރަތަކުން ވެސް ރާއްޖޭގެ ދާޚިލީ ކަންކަމަށް އިންތިހާ އަށް ފާޑުކިޔައި، ޚާއްސަކޮށް މިހާރު އޮތް ކުއްލި ނުރައްކަލުގެ ހާލަތާ ދެކޮޅު ހަދަމުންދާ އިރު، ޚާރިޖީ ގުޅުންތައް ރަނގަޅު ކުރުމުގެ ސިޔާސަތަކީ ކޮބައިކަމެއް ވިދާޅެއްނުވެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރެއްވީ ގައުމުގެ ސިޔާދަތު ގެއްލޭ ހިސާބަށް ކަންތައް ދިއުމުން ކަމަށް މީގެ ކުރިން ރައީސް ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް ގައުމީ ސިޔާދަތު ގެއްލުނަ ނުދީ ހިފެހެއްޓުމަށް، މިވީ 17 ދުވަހުގެ ތެރޭގައި ކުރެއްވި ކަމަކީ ކޮބައި ކަމެއް، އަދި ގައުމުގެ އަމާންކަން ދެމެހެއްޓުމަށް އަޅުއްވަން ގަސްދު ކުރައްވަނީ ކޮން ކަންތަކެއް ކަމެއް ހާމައެއް ނުކުރައްވަ އެވެ.

ރިޔާސީ ބަޔާނާ ބެހޭ ގޮތުން ހެންވޭރު އުތުރު ދާއިރާގެ މެމްބަރު، އަދި މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ކުރެއްވި ޓުވީޓެއް.

ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވަން ޖެހިވަޑައިގަތީ، އެމަނިކުފާނުގެ ވެރިކަން ވައްޓައިލަން ޖުޑިޝަރީގެ ތެރެއިން ބަޣާވާތެއް ގެންނަން އުޅުމުން ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް މުޅި ގައުމުގެ ހަމަޖެހުމާއި އިސްތިގުލާލާ ގުޅިފައިވާ އެވަރުގެ ބޮޑު ކަމެއް ގައުމުގައި ހިނގައި ދިޔައިރު، އެކަމާ ދެކޮޅަށް އެޅުއްވި ފިޔަވަޅުތަކާއި ބަޣާވާތުގެ ބައިވެރިންނާ މެދު އަމަލު ކުރުމަށް ރާއްވަވާފައިވާ ގޮތެއް ވެސް ވިދާޅުވެ ނުދެއްވި އެވެ.

އޭގެ އިތުރުން މިއީ ބޭރުގެ އަސްކަރީ ބާރުތަކެއް ނުފޫޒު ރާއްޖެ އަށް ފޯރަފާނެ ކަމުގެ ވާހަކަތަކެއް ބައިނަލްއަގުވާމީ މީޑިއާތަކުގަ އާއި އިދިކޮޅު ސިޔާސީ ފަރާތްތަކުގެ މެދުގައި ވަރަށް ގަދައަށް ދެކެވޭ ދުވަސްވަރަކެވެ. ނަމަވެސް ރާއްޖޭގެ ގައުމީ ސަލާމަތާއި އަމްނުއަމާންކަން ދެމެހެއްޓުމުގައި ގެންގުޅުއްވާ ސިޔާސަތަކީ ކޮބައިކަން ރޭގެ ރިޔާސީ ބަޔާނުން ސާފެއް ނުވި އެވެ.

ރިޔާސީ ބަޔާނަށް އަމާޒުކޮށްފައިވާ ފާޑުކިއުންތަކުގައި އިދިކޮޅު ފަރާތްތަކުން ބުނަމުން ދަނީ، ގައުމުގެ ހާލަތު ރަނގަޅު ކުރުމުގެ ޚިޔާލުފުޅެއް ރައީސް ޔާމީން ނުގެންގުޅުއްވާ ކަމަށެވެ. އެހެން ނޫން ނަމަ، ގައުމުގެ ހާލަތާ މެދު ރައްޔިތުންނަށް ކޮންމެވެސް ވާހަކަފުޅެއް ދައްކަވާނެ ކަމަށް އެމީހުން ބުނެ އެވެ.