Roadha Mihaaru
ރިޔާސީ ބަޔާނުން އުފާވެރިކަމާއި އުއްމީދު އާވި: ޕީޕީއެމް

ރައީސް އިއްވެވީ އުފާވެރިކަމާއި އުއްމީދު އާވި ބަޔާނެއް: ޕީޕީއެމް

22 ފެބުރުއަރީ 2018

ރައީސް އަބްދުﷲ ޔާމީން ރޭ އިއްވެވީ އުފާވެރިކަމާއި އުއްމީދު އާވި، ފުރިހަމަ ބަޔާނެއް ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައީސް އަބްދުﷲ ޔާމީން ރޭ އިއްވެވީ އުފާވެރިކަމާއި އުއްމީދު އާވި، ފުރިހަމަ ބަޔާނެއް ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ގާނޫނުއަސާސީގައިވާ ގޮތުން، މަޖިލީހުގެ ފުރަތަމަ ދައުރު ފަށާ ފުރަތަމަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިއްވަވާ ރިޔާސީ ބަޔާނުގައި ގައުމު އެ ވަގުތަކު އޮތް ހާލަތު ބަޔާންކޮށްދީ، ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރަން އެ މަނިކުފާނަށް ފެނިވަޑައިގަންނަވާ ކަންކަން ހިމަނުއްވަން ޖެހިވަޑައިގަންނަވަ އެވެ.

އެކަމަކު ދަރުބާރުގޭގައި ރޭ ބޭއްވި މަޖިލީހުގެ ޖަލްސާގައި ރައީސް ޔާމީން އިއްވެވި މި އަހަރުގެ ރިޔާސީ ބަޔާނުގައި، ގައުމަށް މިވަގުތު އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަމާ މެދު އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ. ސަރުކާރުން ކުރިއަށް ގެންދާ ތަރައްގީގެ މަޝްރޫއުތައް ރައްޔިތުންނަށް ހަނދާން ކޮށްދެއްވައި އިތުރަށް ރާވާފައި ހުރި މަޝްރޫއުތައް ވިދާޅުވެދެއްވުމަށް ފަހު ބަޔާން ނިންމަވާލެއްވީ އެވެ.

މިކަމާ ގުޅިގެން، އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތަކަށް ރައްދު ދެއްވައި، ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީން އިއްވެވީ، ގައުމުގެ ހާލަތު ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ފުރިހަމަ ބަޔާނެއް ކަމަށެވެ. މިދިޔަ ހަތަރު އަހަރު ދުވަހުގެ ތެރޭގައި ސަރުކާރުން ހޯދާފައިވާ ކާމިޔާބީތައް އެ ބަޔާނުން ވަރަށް ރަނގަޅަށް ރައްޔިތުންނަށް ސާފުވާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އިދިކޮޅު ފަރާތްތަކުން ދައްކަނީ ކިހާވަރެއްގެ ހަގީގަތެއް ނެތް ވާހަކަތަކެއް ކަން ވެސް ބަޔާނުން ވަރަށް ސާފުވާނެ. އަދި ރާއްޖެ އަށް ކުރިއެރުން އައިސްފައި ވަނީ ކިހާ ހިސާބަކުން ކަން، އަދި ކޮން ދާއިރާތަކަކުން ކަން ވެސް އެނގޭނެ،" ރައީސް ޔާމީން ރިޔާސީ ބަޔާން އިއްވެވުމަށް ފަހު، ޕީޕީއެމްގެ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ރިޔާސީ ބަޔާން އިއްވަވައިދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ރައީސް އަބްދުﷲ ޔާމީން ރިޔާސީ ބަޔާން އިއްވަވައިދެއްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި ރައީސް ޔާމީންގެ ޚާރިޖީ ސިޔާސަތާއި ދާޚިލީ ސިޔާސަތު ހިނގަމުންދާ ގޮތް ވެސް ވަރަށް ކުރު، ސަރީހަ އިބާރާތުން ރައީސް ޔާމީން ވަނީ ފާހަގަކޮށްދެއްވައިފަ އެވެ.

މި އަހަރުގެ ތެރޭގައި ރައްޔިތުންގެ ކުރިއެރުމާއި ގައުމުގެ ތަރައްގީ އަށް މި ސަރުކާރުން ކޮށްދޭން ރާވާފައިވާ ގިނަ ކަންކަމުގެ ތަފްސީލު ވެސް ރައީސް ޔާމީން ވިދާޅުވެދެއްވި ކަމަށާއި އެއީ، ބޮޑެތި ޚަރަދުތަކެއް ހިނގާނެ މަޝްރޫއުތަކެއް ކަން ވެސް އަބްދުއްރަހީމް ފާހަގަކުރެއްވި އެވެ.

އޭނާ ވިދާޅުވީ ދައުލަތުން ކުރާ ހުރިހާ ކަމެއް ރިޔާސީ ބަޔާނުގައި ނުހިމެނިޔަސް ގައުމުގައި އެތައް ކަމެއް ހިނގާނެ ކަމަށެވެ.

"އަޅުގަނޑު ދަންނަވަނީ އެއްގޮތަކަށް ވެސް ރައްޔިތުން މާޔޫސްވެވަޑައިނުގަންނަވާށޭ. އިރާދަކުރެއްވިއްޔާ ރައީސް ޔާމީންގެ ވެރިކަމުގައޭ ތިބޭފުޅުން ބޭނުންވާ ކަންތައް ކުރެވޭނީ،" އަބްދުއްރަހީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލީސް މި ދައުރަށް ފައްޓަވައި ދެއްވައި ރައީސް ޔާމީން އެ ވަނީ އެމަނިކުފާނުގެ ގާނޫނީ ޒިންމާ އަދާކުރައްވައިފަ އެވެ. އެކަމަކު، ގާނޫނުތަކުން ލާޒިމްކުރާ ކަންކަން ކުރައްވަން ރައްޔިތުންގެ މަޖިލީހުގެ އިދިކޮޅު މެމްބަރުން ފަސްޖެހިވަޑައިގެންފައިވާތީ ހިތާމަކުރައްވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.

ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ވިދާޅުވީ ރައީސް ޔާމީންގެ ރިޔާސީ ބަޔާންގައި ފުރަތަމަ ވެސް ސާފުކޮށްދެއްވީ އިސްލާމްދީނަށް ދެއްވާ އަހައްމިއްޔަތު ކަމަށެވެ. ރާއްޖޭގެ ކުށްކުރުމުގެ ރޭޓު، މިދިޔަ އަހަރު ދަށްވެފައިވާ މިންވަރާއި ބޯހިޔާވަހިކަމަށް ހޯއްދަވައި ދެއްވާނެ ހައްލުތައް ރައީސް ވިދާޅުވެ ދެއްވުމަކީ ވެސް ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ރާއްޖޭގެ ޚާރިޖީ ސިޔާސަތު ކާމިޔާބު ކުރެއްވުމަށް، ރައީސް ޔާމީން ކުރައްވާ މަސައްކަތްޕުޅުގެ ތެރެއިން އދ.ގެ ސަލާމަތީ މަޖިލީހުގެ ގޮނޑި ރާއްޖެ އަށް ހޯދަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ވިދާޅުވެ ދެއްވުމަކީ ބޮޑު ކަމެއް ކަމަށާއި އެކަމުގައި ދެއްވެން އޮތް އެއްބާރުލުމެއް ދެއްވާނެ ކަމަށް ވެސް ނިހާން ވިދާޅުވި އެވެ.

އޭނާގެ ވާހަކަ ނިންމާލެއްވީ ރައީސް ޔާމީން މިދިޔަ ހަތަރު އަހަރުގެ ތެރޭގައި ގެނެސްދެއްވި ތަރައްގީއާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ޕީޕީއެމާ އެކު ބަހުސަކަށް ދައުވަތު ދެއްވަމުންނެވެ.

"އަޅުގަނޑުމެން ވަރަށް ރެޑީ. ކުނޫޒްގައި ތިހެން ބޮނޑިބަތް ކައްކާލައިގެން ތިއްބަކަސް ނުވާނެ،" އަބްދުއްރަހީމް ވިދާޅުވި އެވެ.