Roadha Mihaaru
ޖުޑިޝަރީ އާއި ފަނޑިޔާރުން ތެދުވަން ވެއްޖެ: ޖަމީލް

ހުރިހާ ކަމެއް ބޮއްސުން ލައިފި، ޖުޑިޝަރީ އާއި ފަނޑިޔާރުން ތެދުވަން ވެއްޖެ: ޑރ. ޖަމީލް

26 ފެބުރުއަރީ 2018

ޝަރުއީ ނިޒާމުގެ މިނިވަންކަން ނަގާލައި ސަރުކާރުގެ ގާނޫނާ ޚިލާފު އަމަލުތައް ބޮއްސުން ލާފައިވާ ކަމަށާއި މުއައްސަސާތަކުގެ މިނިވަންކަން ހޯދުމަށް ޖުޑިޝަރީ އާއި ފަނޑިޔާރު ތެދުވަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ޝަރުއީ ނިޒާމުގެ މިނިވަންކަން ނަގާލައި ސަރުކާރުގެ ގާނޫނާ ޚިލާފު އަމަލުތައް ބޮއްސުން ލާފައިވާ ކަމަށާއި މުއައްސަސާތަކުގެ މިނިވަންކަން ހޯދުމަށް ޖުޑިޝަރީ އާއި ފަނޑިޔާރު ތެދުވަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ބައެއް ސިޔާސީ ލީޑަރުން ހިމެނޭ ގޮތަށް ބައެއް ގައިދީން ދޫކުރުމަށް އަންގައި، މި މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރާ ގުޅިގެން ރިޝްވަތުގެ ތުހުމަތުކޮށް، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އަލީ ހަމީދު ހައްޔަރުކޮށްގެން އެ ކޯޓު ހިންގަމުން ދާތީ ކަންބޮޑުވުން ފާޅުކުރައްވައި ޖަމީލް "މިހާރު" އަށް ވިދާޅުވީ ގާނޫނުއަސާސީގައި ބުނާގޮތުން ނަމަ، އެ ކޯޓުގެ ނިންމުންތައް މިހާރު ސައްހައެއް ނުވާނެ ކަމަށެވެ. ސުޕްރީމް ކޯޓަކީ މިނިވަންތަނެއް ކަމަށާއި އެ ކޯޓު އެކުލެވިގެން ވަނީ އުއްތަމަ ފަނޑިޔާރު ވެސް ހިމެނޭ ގޮތުން ކަމަށް ގާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކަން އެމަނިކުފާނު ފާހަގަކުރެއްވި އެވެ.

"ދައުލަތުގެ އެންމެ މަތީ އެއް ބާރުގެ ވެރިޔާ އަށް ނެތް ރައްކަލެއް އެހެން އެއްވެސް ރައްޔިތަކަށް ވެސް ނޯންނާނެ،" މިހާރު އިނގިރޭސި ވިލާތުގައި ދިރިއުޅުއްވާ ޖަމީލް ވިދާޅުވި އެވެ.

"އުއްތަމަ ފަނޑިޔާރު ހައްޔަރު ކޮށްގެން މި ގެންގުޅެނީ. މި ދައްކަނީ މިނިވަން މުސްތަގިއްލު ޝަރުއީ ނިޒާމްގެ ވާހަކަ. ރާއްޖޭގެ ގާނޫނުއަސާސީގައި ވަރަށް ސަރީހަކޮށް ބަޔާންކޮށްފައިވޭ، އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތުން ސުޕްރީމް ކޯޓަކީ މިނިވަން ތަނެކޭ."

އެމަނިކުފާނު ވިދާޅުވި ގޮތުގައި އުއްތަމަ ފަނޑިޔާރަށް ނެތް ރައްކަލެއް އެހެން ފަނޑިޔާރުންނަކަށް ވެސް ނޯންނާނެ ކަން ގަބޫލުކުރަން ޖެހެ އެވެ. ފަނޑިޔާރުންނާއި ކުރީގެ ރައީސުންނާއި މަޖިލީހުގެ މެމްބަރުންނަށް ގާނޫނުތަކުން ލިބިދީފައިވާ ހައްގުތަކަށް އަރައިގަންނަ ކަމަށްވާ ނަމަ، އެހެން އެއްވެސް ރައްޔިތަކެއްގެ ހައްގަކަށް ވެސް މި ސަރުކާރުން ނުބަލާނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ހިންގަމުންދާ ކަންކަމާ ހެދި ބައިނަލްއަގްވާމީ ދުނިޔެ ކުރިމަތީގައި ރާއްޖޭގެ އިތުބާރު ދަނީ ގެއްލެމުން ކަމަށާއި ބޭރުގެ ގައުމުތަކުން ރާއްޖެ މިނެ ކިރަނީ، ނޯތު ކެރެއާއާ އެއްހަމައެއްގައި ކަމަށް ވެސް ޖަމީލް ވިދާޅުވި އެވެ.

ގާނޫނުތަކާ ޚިލާފަށް ޝަރުއީ ނިޒާމް ހިންގަން ޖެހުމުން، ޖަމީލް ވިދާޅުވި ގޮތުގައި، ހުރިހާ ކަމެއް ބޮއްސުންލައި ރާއްޖޭގެ އިގްތިސާދަށް ވަރުގަދަ ލޮޅުންތަކެއް ދަނީ އަންނަމުންނެވެ.

"އެއްވެސް މީހަކަށް ރައްކާތެރިކަމެއް ނެތް. އެ މީހާ ކޮން ވަގުތަކު ކަމެއް، ކޮން ތުހުމަތެއްގައި ކަމެއް ނޭނގޭ ހައްޔަރު ކުރާނީ. މިއީކީީ ސަމާސާ ވާހަކައެއް ނޫން. ބައެއް މީހުންނަށް ހީވެދާނެ ތިމަންނާ އަކަށް އެއްވެސް ހޫނުކަމެއް، ބެހޭ ކަމެއް ނޫނޭ ހިނގާ ކަންކަން،" ޖަމީލް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ގާނޫނުއަސާސީގައި ކަނޑައަޅާފައިވާ ގޮތަށް އެންމެ ބާރުގަދައީ، ރައްޔިތުން ކަމަށެވެ. ރާއްޖެ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކުރެވޭނީ ރައްޔިތުން ނިކުމެ ހައްގުތަކުގެ ދިފާއުގައި މަސައްކަތްކޮށްގެން ކަމަށް ވިދާޅުވި އެވެ.