Roadha Mihaaru
އެސްއޯއީ ހަމަވާތީ، ބަންދުގެ މުއްދަތު އިތުރުކުރަނީ

އެސްއޯއީގެ ދަށުން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހަން ފަށައިފި

18 މާޗް 2018

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށް ދޫނިދޫގައި ބަންދުކޮށްފައި ތިއްބެވި ސިޔާސީ ބޭފުޅުންނާއި އާއްމުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ޖަހަން ފަށައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށް ދޫނިދޫގައި ބަންދުކޮށްފައި ތިއްބެވި ސިޔާސީ ބޭފުޅުންނާއި އާއްމުންގެ ބަންދުގެ މުއްދަތު ކްރިމިނަލް ކޯޓުން ޖަހަން ފަށައިފި އެވެ.

ރައީސް އަބްދުﷲ ޔާމީން މިދިޔަ މަހުގެ ފަސް ވަނަ ދުވަހުގެ ރޭ އިއުލާން ކުރައްވައި 45 ދުވަހަށް ދިގުދެންމި ކުއްލި ނުރައްކަލުގެ ހާލަތު، އަންނަ ބުރާސްފަތި ދުވަުގެ ރެ އަށް ހަމަވާނެ އެވެ. އެ މުއްދަތު އިތުރު ކުރުމުގެ ވިސްނުމެއް ނުގެންގުޅޭ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ. ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކޮށްފައި ހުރި އެއްވެސް މީހަކު އިތުރަށް ބަންދު ކޮށްފައި ބެހެއްޓޭނީ، އެ ހާލަތު އުވާލުމަށް ފަހު، ކޯޓުން މުއްދަތު ޖަހައި ދިނުމުންނެވެ.

އެހެންވެ ރެ އިން ފެށިގެން އެ މީހުންގެ ބަންދުގެ މުއްދަތު ވަނީ ޖަހަން ފަށައިފަ އެވެ.

ސިޔާސީ އިދިކޮޅު ބޭފުޅުން ވެސް ހިމެނޭ ގޮތަށް ނުވަ ގައިދީ އަކު ދޫކުރުމަށް ސުޕްރީމް ކޯޓުން އަންގައި މިދިޔަ މަހުގެ 1 ގައި ނެރުނު ހުކުމް ތަންފީޒުކުރަން ގޮވާލި މުޒާހަރާ އިން ހައްޔަރު ކުރި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފާއި ވެރިކަން ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި ފުލުހުންތަކެއްގެ ބަންދުގެ މުއްދަތު ރޭ ވަނީ ކްރިމިނަލް ކޯޓުން ޖަހައިދީފަ އެވެ. އޭގެ އިތުރުން، އެ ތުހުމަތަށް ހައްޔަރު ކުރި ރައްޔިތުންގެ މަޖިލީހުގެ ދަގެނތީ ދާއިރާގެ މެމްބަރު އިލްހާމް އަހްމަދާއި މައްޗަންގޮޅި ދެކުނު ދާއިރާ އަބްދުﷲ ސިނާންގެ ބަންދުގެ މުއްދަތު މިއަދަށް ވަނީ ޝެޑިއުލްކޮށްފަ އެވެ. އަދި އެ މައްސަލާގައި ހައްޔަރުކުރި، އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ޝަރީއަތް ފެށުން މިއަދުގެ މެންދުރު 3:00 އަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލް ކޮށްފަ އެވެ.

ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ސިޔާސީ ބައެއް އިސް ބޭފުޅުންތަކެއް.

ވެރިކަން ވައްޓާލަން އުޅުމުގެ ތުހުމަތުގައި ހައްޔަރުކުރި ސިޔާސީ ބައެއް އިސް ބޭފުޅުންތަކެއް.

ސުޕްރީމް ކޯޓުން މިދިޔަ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ކުރި ހުކުމް ތަންފީޒު ނުކޮށް، އިއުލާން ކުރި ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރު ކުރި ބޭފުޅުންގެ ތެރޭގައި އުއްތަމަ ފަނޑިޔާރާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލީ ހަމީދުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ހިމެނެ އެވެ. އޭގެ އިތުރުން ރައްޔިތުން މަޖިލީހުގެ ބައެއް މެމްބަރުންނާއި ކުރީގެ ދެ ޕޮލިސް ކޮމިޝަނަރުން ކަމަށްވާ އަހުމަދު އަރީފާއި އަބްދުﷲ ރިޔާޒާ އެކު ގިނަ އަދަދެއްގެ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.

ސިޔާސީ އިދިކޮޅު ބޭފުޅުން ވެސް ހިމެނޭ ގޮތަށް ނުވަ ގައިދީ އަކު ދޫކުރުމަށް ސުޕްރީމް ކޯޓުން އަންގައި މިދިޔަ މަހުގެ 1 ގައި ނެރުނު ހުކުމްގެ އެ ބައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމަށް ފަހު ތިން ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ބާތިލް ކޮށްފަ އެވެ. އުއްތަމަ ފަނޑިޔާރާއި އަލީ ހަމީދު ހައްޔަރު ކުރުމަށް ފަހު، އެ އަމުރު ބާތިލް ކޮށްފައިވާއިރު، ދެން އެ ނުވަ ގައިދީން ދޫކުރަން ނުޖެހޭނެ ކަމަށް ސަރުކާރުން ބުނެ އެވެ. އެކަމަކު ރާއްޖޭގެ އިދިކޮޅު ފަރާތްތަކުންނާއި ބައިނަލްއަގްވާމީ ބައެއް ޖަމާއަތްތަކުންނާއި ބައެއް ގައުމުތަކުން ސަރުކާރުގެ އެ ވިސްނުމާ ދެކޮޅު ހަދަ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން 50 އަށް ވުރެ ގިނަ މީހުން އެބަތިބި ކަމަށް އިދިކޮޅު ފަރާތްތަކުން ބުނެ އެވެ.

ކުއްލި ނުރައްކަލުގެ ހާލަތު ނިމުނަސް، އެ ހާލަތުގެ ދަށުން ހައްޔަރު ކޮށްފައިވާ މީހުން މިނިވަން ނުވާނެ ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން އިއްޔެ ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރުން ބުނެފައި ވަނީ، ފެބުރުއަރީ އެއް ވަނަ ދުވަހުގެ ހުކުމަކީ ރިޝްވަތުދީގެން، ސަރުކާރު ވައްޓާލަން ކުރި "ބަޣާވާތެއް" ކަމަށެވެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރީ، އެ ހުކުމުން ދައުލަތް ހިންގުން އޮޅުންބޮޅުންވެ ގާނޫނުއަސާސީގެ ބާރުކެނޑިދާނެ ކަމުގެ ބިރު ހީވުމުން ކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.