Roadha Mihaaru
ނައިޖީރިއާ އިން ވަގަށް ނެގި 110 ކުދިން އަދިވެސް ނުފެނޭ

ނައިޖީރިއާ އިން ވަގަށް ނެގި 110 ކުދިން އަދިވެސް ނުފެނޭ

26 ފެބުރުއަރީ 2018

އަބޫޖާ (ފެބްރުއަރީ 26) - ހަތިޔާރު އެޅި ޖަމާއަތަކުން މިދިޔަ ހަފުތާގައި ނައިޖީރިއާގެ ސްކޫލަކަށް ވަދެ ވަގަށް ނެގި އަންހެން ކުދިންގެ ތެރޭން 110 ކުދިން އަދިވެސް ނުފެންނަ ކަމަށް އެ ގައުމުގެ މިނިސްޓަރަކު ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

އަބޫޖާ (ފެބްރުއަރީ 26) - ހަތިޔާރު އެޅި ޖަމާއަތަކުން މިދިޔަ ހަފުތާގައި ނައިޖީރިއާގެ ސްކޫލަކަށް ވަދެ ވަގަށް ނެގި އަންހެން ކުދިންގެ ތެރޭން 110 ކުދިން އަދިވެސް ނުފެންނަ ކަމަށް އެ ގައުމުގެ މިނިސްޓަރަކު ވިދާޅުވެއްޖެ އެވެ.

ނައިޖީރިއާގެ އިންފޮމޭޝަން އެންޑް ކަލްޗާ މިނިސްޓަރު އަލް ހާޖީ ލައި މުހައްމަދު ވިދާޅުވީ ކުދިން ވަގަށް ނެގީ އެ ގައުމުގެ ހަނގުރާމަވެރި ޖަމާއަތް ބޯކޯ ހަރާމުން ކަމަށެވެ. ހަތިޔާރު އެޅި ޖަމާއަތުން ވަދެފައި ވަނީ ސައެންސް އެންޑް ޓެކްނިކަލް ކޮލެޖަށެވެ. ލައި މުހައްމަދު ވިދާޅުވީ ހަނގުރާމަވެރިން ވަން އިރު ސްކޫލުގައި 906 ކުދިން ތިބި ކަމަށެވެ.

ނައިޖީރިއާގެ ރައީސް މުހައްމަދު ބުހާރީ ވިދާޅުވީ ވަގަށް ނެގި ކުދިން ހޯދަން ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ. އަދި އެ ކުދިން ހޯދަން ވައިގެ ސިފައިންގެ ޖާސޫސީ މަތިންދާ ބޯޓުތައް ވެސް ބޭނުން ކުރާނެ ކަމަށް ވިދާޅުވި އެވެ.

ބޯކޯ ހަރާމުން އެޕްރީލް 2014 ގައި ވަނީ ނައިޖީރިއާގެ ޗިބޮކް ޓައުނުގެ ސްކޫލަކަށް ވަދެ 276 އަންހެން ކުދިން ވަގަށް ނަގައިފަ އެވެ. އޭގެ ތެރޭން ތިންބައި ކުޅަ އެއްބައި ކުދިން އަދިވެސް ނުފެނެ އެވެ.