Roadha Mihaaru
ބޯކޯ ހަރާމްގެ ލީޑަރު މަރާލައިފި ކަމަށް ބުނެފި

ބޯކޯ ހަރާމްގެ ލީޑަރު މަރާލައިފި ކަމަށް ބުނެފި

07 ޖޫން 2021

އަބޫޖާ (ޖޫން 7) - ނައިޖީރިއާގެ ހަނގުރާމަވެރި ޖަމާއަތް ބޯކޯ ހަރާމްގެ ލީޑަރު އަބޫބަކުރު ޝުއްކާ މަރާލާފައިވާ ކަމަށް ވާދަވެރި ޖަމާއަތަކުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

އަބޫޖާ (ޖޫން 7) - ނައިޖީރިއާގެ ހަނގުރާމަވެރި ޖަމާއަތް ބޯކޯ ހަރާމްގެ ލީޑަރު އަބޫބަކުރު ޝުއްކާ މަރާލާފައިވާ ކަމަށް ވާދަވެރި ޖަމާއަތަކުން ބުނެފި އެވެ.

އިސްލާމިކް ސްޓޭޓް ވެސްޓް އެފްރިކާ ޕްރޮވިންސް އިން ބުނެފައި ވަނީ އަބޫބަކުރު މަރުވެފައި ވަނީ ދެ ޖަމާއަތުގެ މެދުގައި ކުރި ހަނގުރާމައެއްގައި، އޭނާގެ ގައިގައި ހަރުކޮށްފައިވާ ގޮވާތަކެތި ގޮއްވާލައިގެން ކަމަށެވެ. ބޯކޯ ހަރާމްގެ ލީޑަރު މަރުވެފައިވާ ކަމަށް މީގެ ކުރިން ވެސް ރިޕޯޓްކޮށްފައިވެ އެވެ. ބޯކޯ ހަރާމުން އަދި ނައިޖީރިއާގެ ސަރުކާރުން ވެސް އޭނާ މަރުވިކަން ޔަގީންކޮށްދީފައެއް ނުވެ އެވެ.

އިސްލާމިކް ސްޓޭޓް ވެސްޓް އެފްރިކާ ޕްރޮވިންސްގެ ލީޑަރު އަބޫ މުސާބް އަލް ބާނަވީގެ އަޑު ކަމަށް ބެލެވޭ އަޑަކުން ވާހަކަ ދައްކާ މީހަކު ބުނެފައި ވަނީ އޭނާގެ ޖަމާއަތުގެ ހަނގުރާމަވެރިން ވަނީ ބޯކޯ ހަރާމްގެ ލީޑަރު ހޯދައި އޭނާ ކުރި ކުށްތަކަށް މައާފަށް އެދި އެ ޖަމާއަތާ ގުޅެން ހުށަހަޅާފައި ކަމަށެވެ. ނަމަވެސް ބޯކޯ ހަރާމްގެ ލީޑަރު އިސްކުރީ އަމިއްލަ އަށް މަރުވުން ކަމަށް ބާނަވީ ބުނެފައިވެ އެވެ.

ދެ ޖަމާއަތުގެ މެދުގައި މިދިޔަ މަހު ހިނގި ކުރިމަތިލުމެއްގައި ބޯކޯ ހަރާމުގެ ލީޑަރު މަރުވެފައިވާތޯ ސުވާލު ކުރުމުން ނައިޖީރިއާ ސިފައިންގެ ތަރުޖަމާން ބްރިގޭޑިއާ ޖެނެރަލް މުހައްމަދު ޔަރީމާ ވިދާޅުވީ އެކަމާ ބެހޭ ގޮތުން ސިފައިން ބަޔާނެއް ނެރޭނީ ހެކި ލިބުމުން ކަމަށެވެ.

ބޯކޯ ހަރާމްގެ ލީޑަރަކީ ޓެރަރިސްޓެއް ކަމަށް ކަނޑައަޅައި އޭނާގެ ބޮލަށް އެމެރިކާ އިން ވަނީ ހަތް މިލިއަން ޑޮލަރު ހުށަހަޅައިފަ އެވެ.