Roadha Mihaaru
ހަރަކާތްތަކުން އެކަހެރިވި ޚަލީލްގެ "ހިތް" ބަދަލުވެއްޖެ

ޕީޕީއެމްގެ ހަރަކާތްތަކުން އެކަހެރިވި ޚަލީލްގެ "ހިތް" ބަދަލުވެއްޖެ

27 ފެބުރުއަރީ 2018

ރައީސް އަބްދުﷲ ޔާމީން މިދިޔަ ހަފުތާގައި އިއްވެވި ރިޔާސީ ބަޔާނުގައި، ފ. ނިލަންދޫ އެއާޕޯޓުގެ މަޝްރޫއުގެ ވާހަކަ ހިމަނުއްވާފައި ނުވާތީވެ ހިތްހަމަޖެހިވަޑައިނުގެންނެވި، ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލަށް އުންމީދީ ވާހަކަތަކެއް ލިބިވަޑައިގަތުމާއެކު، އޭނާގެ "ހިތް" ބަދަލުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައީސް އަބްދުﷲ ޔާމީން މިދިޔަ ހަފުތާގައި އިއްވެވި ރިޔާސީ ބަޔާނުގައި، ފ. ނިލަންދޫ އެއާޕޯޓުގެ މަޝްރޫއުގެ ވާހަކަ ހިމަނުއްވާފައި ނުވާތީވެ ހިތްހަމަޖެހިވަޑައިނުގެންނެވި، ނިލަންދޫ ދާއިރާގެ މެމްބަރު ޑރ. އަބްދުﷲ ޚަލީލަށް އުންމީދީ ވާހަކަތަކެއް ލިބިވަޑައިގަތުމާއެކު، އޭނާގެ "ހިތް" ބަދަލުވެއްޖެ އެވެ.

އިތުބާރު ހުރި ގޮތަކަށް "މިހާރު" އަށް އެނގިފައިވާ ގޮތުގައި ޚަލީލްގެ ޝަކުވާތައް، ޓޫރިޒަމް މިނިސްޓަރު ޑރ. މޫސާ ޒަމީރު ވަނީ އަޑު އައްސަވައިފަ އެވެ. އެގޮތުން ޒަމީރާއި ޚަލީލްގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކާއެކު އިއްޔެ ޓޫރިޒަމް މިނިސްޓްރީގައި ވަނީ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވައިފަ އެވެ.

ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި އެ ބައްދަލުވުމުގައި ޒަމީރު ވަނީ ޚަލީލަށް އުންމީދީ ވާހަކަތަކެއް ހިއްސާ ކޮށްދެއްވައިފަ އެވެ. އެކަމަކު، އޭގެ ތަފްސީލެއް އެ މެމްބަރުން ނުދެއްވި އެވެ.

ޚަލީލް ހިތްހަމަޖެހިވަޑައިނުގެންނެވީ މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ނިލަންދޫ އެއާޕޯޓު މަޝްރޫއުގެ އަމަލީ މަސައްކަތް މިދިޔަ އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެފައި، މި އަހަރުގެ ރިޔާސީ ބަޔާނުގައި އެ އެއާޕޯޓްގެ އެެއްވެސް ވާހަކައެއް ހިމަނުއްވާފައި ނުވާތީ އެވެ.

ޓޫރިޒަމް މިނިސްޓްރީގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ޒަމީރު، މަޖިލީހުގެ މެމްބަރުންތަކަކާ މަޝްވަރާ ކުރައްވާއިރު، މެމްބަރު ޚަލީލް (ކ-3) އަޑު އައްސަވަނީ.

ޓޫރިޒަމް މިނިސްޓްރީގައި އިއްޔެ ބޭއްވި ބައްދަލުވުމެއްގައި ޒަމީރު، މަޖިލީހުގެ މެމްބަރުންތަކަކާ މަޝްވަރާ ކުރައްވާއިރު، މެމްބަރު ޚަލީލް (ކ-3) އަޑު އައްސަވަނީ.

މިދިޔަ އަހަރުގެ ބަޖެޓުގައި ނިލަންދޫގެ ބިން ހިއްކުމާއި އެއާޕޯޓު މަޝްރޫއަށް 171،544،949ރ. ވެސް ވަނީ ހިމަނައިފަ އެވެ. އެކަމަކު، މިހާތަނަށް މަސައްކަތް ނުފަށާ އިރު، މި އަހަރުގެ ރިޔާސީ ބަޔާނުގައި ނިލަންދޫ އެއާޕޯޓާ ގުޅޭ އެއްވެސް ވާހަކަފުޅެއް ރައީސް ނުދައްކަވަ އެވެ.

އެހެންވެ، ޕީޕީއެމްގެ ހަރަކާތްތަކުގައި ކުރިން އިސްކޮށް އުޅުއްވި ޚަލީލް ވަނީ ރިއާސީ ބަޔާނަށް ފަހު ޕާޓީގެ ހަރަކާތްތަކުން "ފެޔަށް" ޖެހިވަޑައިގެންފަ އެވެ. ޚަލީލް އެ ޕާޓީގެ ޕްރެސް ކޮންފަރެންސްތަކުން ވެސް ނުފެނެ އެވެ. އޭގެ ފަހުން މިހާތަނަށް ބޭއްވި ޕީޕީއެމްގެ އެއްވެސް ޖަލްސާއެއްގައި ވެސް ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.

ނަމަވެސް، ޕީޕީއެމްގެ ބައެއް މެމްބަރުން ވިދާޅުވީ ރެއިން ފެށިގެން ޚަލީލް ޕީޕީއެމް އޮފީހަށް ނިކުންނަވަން ފައްޓަވާފައިވާ ކަމަށެވެ. ޚަލީލްގެ ހިޔާލު ބަދަލުވީ ކީއްވެތޯ ސުވާލު ކުރުމަށް އޭނާ އަށް ގުޅުމުން ފޯނު ނުނަންގަވާތީ ޚަލީލްގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އެކަމަކު، ޗެނަލް 13 އިން ރޭ ގެނެސް ދިން ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޚަލީލް ވަނީ ރައީސް ޔާމީންގެ ސަރުކާރު ދިފާއު ކުރައްވައި، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި ދައުލަތަށް ދައްކަން ޖެހޭ އެތައް މިލިއަން ރުފިޔާއެއް ވީހާ ވެސް އަވަހަށް ދައްކައި ޚަލާސްކޮށް ދެއްވުމަށް ޚަލީލް ވަނީ ގާސިމް އަރިހު އެދިވަޑައިގެންފަ އެވެ.

ޚަލީލް ވިދާޅުވީ ދައުލަތަށް މީހަކު ފައިސާއެއް ދައްކަން ޖެހިއްޖެ ނަމަ، ރައީސް ޔާމީނަކީ ދޫ ދެއްވާ ބޭފުޅެއް ނޫން ކަމަށެވެ. ރައީސް ޔާމީނަކީ ރައްޔިތުންނަށް ހައްގު ހޯއްދަވައި ދެއްވުމަށް މަސައްކަތް ކުރައްވާ ވެރިއެއް ކަމަށް ވިދާޅުވެ، ޚަލީލް ވަނީ އެ މަނިކުފާނަށް ތައުރީފް ކުރައްވައިފަ އެވެ.

"މިއަދު ވެސް އަޅުގަނޑު ދާއިރާގެ ރައްޔިތުން އެ ކިޔަނީ ނިލަންދޫ އެއާޕޯޓުގެ ވާހަކަ، ދަރަނބޫދޫ ރައްޔިތުން އެ ކިޔަނީ ނެރު ފުން ކުރުމުގެ ވާހަކަ، މި ފައިސާ ލިބިއްޖެނަމަ، އެކަން ވެސް ކުރުމުގެ ފުރުސަތު އެބައޮތް. އެހެން ދާއިރާތަކުގެ ބޭނުންތައް ވެސް އެބަހުރި،" ޚަލީލް ވިދާޅުވި އެވެ.

ނަމަވެސް، އޭނާ ހިތްހަމަޖެހިވަޑައިނުގެން ސަބަބާ މެދު ޚަލީލް އެއްވެސް އެއްޗެއް ވިދާޅެއް ނުވެ އެވެ.

މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވެފައި ވަނީ، ރާއްޖޭގެ އެތެރޭގެ ވައިގެދަތުރުފަތުރުގެ ޚިދުމަތް މިހާރަށް ވުރެން ފުޅާކުރުމަށް މި އަހަރު، ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދު އާއި ނ. މާފަރާއި ގދ. މާވަރުލުގައި އެއާޕޯޓް ގާއިމްކޮށް ނިމެނޭ ކަމަށެވެ. އަދި ހއ. ހޯރަފުށި ކައިރީގައި އެއާޕޯޓެެއް އެޅުމުގެ މަސައްކަތް ވެސް މި އަހަރު ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.