Roadha Mihaaru
މައުމޫނަށް ރައްދު: ހިންގުމާ ގުޅޭ ވާހަކަ ނުދެއްކޭނެ

ޕީޕީއެމް ހިންގުމާ ގުޅޭ ގޮތުން މައުމޫނަށް ވާހަކަ ނުދެއްކެވޭނެ: ހަލީލް

18 ޖެނުއަރީ 2017

ޕީޕީއެމް ހިންގުމާ ގުޅޭ ގޮތުން އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވާހަކަފުޅު ނުދެއްކެވޭނެ ކަމަށް ޕާޓީގެ މުސްތަޝާރު އަބްދުﷲ ޔާމީންގެ ފެކްޝަނުން މިއަދު ބުނެފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ޕީޕީއެމް ހިންގުމާ ގުޅޭ ގޮތުން އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ވާހަކަފުޅު ނުދެއްކެވޭނެ ކަމަށް ޕާޓީގެ މުސްތަޝާރު އަބްދުﷲ ޔާމީންގެ ފެކްޝަނުން މިއަދު ބުނެފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން ޕާޓީގެ އޮފީސް ހިންގާ ހ. ހުރަފާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މެމްބަރު އަބްދުﷲ ހަލީލް ވިދާޅުވި ގޮތުގައި ޕާޓީ ހިންގުމާ ގުޅޭ ކަންކަން ކުރުމަކީ ރައީސް ޔާމީންގެ އަތްޕުޅުގައި އޮތް ކަމެކެވެ. ޕާޓީގެ ކަންކަން އުސޫލުތަކުގެ ތެރެއިން ކުރިއަށް ދަނިކޮށް، އެއާ ހިލާފަށް ބަޔާން ނެރުއްވުމަކީ މައުމޫނަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.

ކުރިއަށް އޮޮތް ލޯކަލް ކައުންސިލްތަކުގެ އިންތިހާބަށް ޕީޕީއެމްގެ ޕްރައިމަރީ ހުޅުވައިލީ ޕާޓީގެ ހިންގާ ގަވައިދާއި އަސާސީ ގަވައިދާ ހިލާފަށް އިންތިހާބު ކޮމެޓީއާ މަޝްވަރާ ކުރުމެއް ނެތި ކަމަށް މައުމޫން ރޭ ވަނީ ވިދާޅުވެފަ އެވެ. މައުމޫން ވިދާޅުވި ގޮތުގައި އިންތިހާބުގެ ހުރިހާ ކަމެއް ވިލަރެސް ކުރާ މައި މުއައްސަސާއަކީ ޕާޓީގެ އިންތިހާބު ކޮމެޓީ ކަމަށް އެ ޕާޓީގެ އަސާސީ ގަވާއިދުގައި ވަނީ ކަނޑައަޅައިފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ހަލީލް (މ) ވާހަކަ ދައްކަވަނީ. ޕާޓީ ހިންގުމާ ގުޅޭ ގޮތުން ވާހަކަ ދައްކާނަމަ، އާންމު އުސޫލުގެ ތެރެއިން ކަންކަން ކުރަން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: ނިޝާން އަލީ/ މިހާރު

ނޫސްވެރިންގެ ބައްދަލުވުމުގައި ހަލީލް (މ) ވާހަކަ ދައްކަވަނީ. ޕާޓީ ހިންގުމާ ގުޅޭ ގޮތުން ވާހަކަ ދައްކާނަމަ، އާންމު އުސޫލުގެ ތެރެއިން ކަންކަން ކުރަން ޖެހިދާނެ ކަމަށް އޭނާ ވިދާޅުވި. - ފޮޓޯ: ނިޝާން އަލީ/ މިހާރު

މައުމޫންގެ ވާހަކަތަކަށް ރައްދު ދެއްވައި، ހަލީލް ވިދާޅުވީ ޕީޕީއެމަކީ ކޯޓުގެ ހުރިހާ މަރުހަލާތަކެއް ނިންމައި ކައުންސިލުން ނިންމާފައިވާ ގޮތަށް ޕާޓީގެ މުސްތަޝާރާ ހަވާލުކުރެވިގެން ހިންގާ ޕާޓީއެއް ކަމަށެވެ.

މުސްތަޝާރު ފިޔަވައި ޕާޓީގެ ހިންގުމާ ގުޅޭ ގޮތުން ވާހަކަ ދައްކާނަމަ، "އާންމު އުސޫލު"ގެ ތެރެއިން ކަންކަން ކުރަން ޖެހިދާނެ ކަމުގެ އިންޒާރު ހަލީލް ދެއްވި އެވެ.

"އަޅުގަނޑުމެން ވަގުތާއި ހާލަތަށް ރިއާޔަތްކޮށްފައި އެކަން ވެސް ބަޔާން ކުރާނަން،" ޕާޓީގެ ނަމުގައި ވާހަކަ ދައްކަވާ ބޭފުޅުންނާ މެދު އަޅާނީ ކޮން ފިޔަވަޅެއްތޯ ނޫސްވެރިޔަކު ސުވާލު ކުރުމުން ހަލީލް ވިދާޅުވި އެވެ.

ޕާޓީގެ އުސޫލުގެ ތެރެއިން ކުރިއަށް ދަނިކޮށް، އެއާ ހިލާފަށް ބަޔާން ނެރުއްވުމަކީ ކުރެއްވޭނެ ކަމެއް ނޫން ކަމަށާއި މައުމޫންގެ ބެއްލެވުމުގެ ދަށުން ބަޔާން ނެރުއްވި ކަމަށް ނުބެލެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެއީ ޕާޓީ އަށް ހެޔޮ ނޭދޭ ބައެއްގެ ބެލުމުގެ ދަށުން ކުރި ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ތެމާގައި ކުރިން ބޭއްވި ބައްދަލުވުމަކަށްފަހު ޕީޕީއެމްގެ ރައީސް މައުމޫން ވަޑައިގަންނަވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

ތެމާގައި ކުރިން ބޭއްވި ބައްދަލުވުމަކަށްފަހު ޕީޕީއެމްގެ ރައީސް މައުމޫން ވަޑައިގަންނަވަނީ.---ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު

މައުމޫންގެ ނޫސްބަޔާނުގައި ހުރީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށާއި ނޫސްބަޔާނަކީ ޕާޓީ ހިންގާ ފަރާތް އޮޅުވާލަން ކުރި ކަމެއް ކަމަށް ވެސް ހަލީލް ސިފަ ކުރެއްވި އެވެ.

ހަލީލް ވިދާޅުވި ގޮތުގައި އިންތިހާބު ކޮމެޓީގައި ކުރިން ތިއްބެވި މެމްބަރުން މިދިޔަ ނޮވެމްބަރު މަހު ވަނީ ވަކި ކުރައްވައި، އާ ކޮމެޓީއެއް އެކުލަވާލައިފަ އެވެ. ކައުންސިލްގެ ބެލުމުގެ ދަށުން އަލުން ކޮމެޓީ އެކުލަވާލަން ޖެހުނީ، ހަލީލް ވިދާޅުވި ގޮތުގައި، ލޯކަލް ކައުންސިލް އިންތިހާބުގެ ކަންތައްތައް ކުރިއަށް ގެންދިއުމުގައި ވަރަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެ، ކޮމެޓީ މެމްބަރުންގެ އެއްބާރުލުން ނުލިބުމުންނެވެ.

"ޕާޓީ ތެރޭގައި މައްސަލަތައް ކުރިމަތިވުމާ ގުޅިގެން ކޮމެޓީގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެދި ކޮމެޓީ މެމްބަރުންގެ ކިބައިން އެދުނިން، އެކަމަކު އެއްބާރުލުމެއް ލިބިފައެއް ނުވޭ،" އޭނާ ވިދާޅުވި އެވެ.

ކުރިން އިންތިހާބު ކޮމެޓީގައި ތިއްބެވި މެމްބަރުން ވަކި ކުރެއްވީ، އަސާސީ ގަވާއިދާއި ހިންގާ ގަވައިދުގައިވާ ގޮތަށް ފިޔަވަޅު އަޅާ ކޮމެޓީން ކަމަށް ވެސް ހަލީލް ވިދާޅުވި އެވެ.

ހަލީލް ވަނީ ލޯކަލް ކައުންސިލް އިންތިހާބަށް ތައްޔާރުވަމުން ދަނިކޮށް ޕާޓީގެ މެމްބަރުންނަށް އޮޅޭ ގޮތަށް ވާހަކަ ނުދެއްކެވުމަށް އެދިވަޑައިގެންފަ އެވެ. ހަލީލް ސިފަ ކުރެއްވި ގޮތުގައި މައުމޫން ކުރައްވާ މަސައްކަތަކީ ޕާޓީގެ އަސާސީ ގަވާއިދުގައި ބަޔާން ކުރާ އެއްބައިވަންތަކަމާއި ކުރިއެރުމާ ހިލާފު ކަމެކެވެ.

"މެމްބަރުން ވާން ޖެހޭނީ ޕާޓީ ކުރިއެރުވުމަށް މަސައްކަތް ކުރަން ޖެހޭ ބަޔަކަށް، އެ ނޫން ގޮތަކަށް މަސައްކަތް ކުރުމަކީ އަސާސީ ގަވާއިދާއި ހިންގާ ގަވާއިދާ ހިލާފަށް ކުރެވޭ ކަންކަން،" ހަލީލް ވިދާޅުވި އެވެ.

"ޕާޓީ ތަމްސީލް ކުރުމުގެ ނަމުގައި ވާހަކަ ދެއްކެވޭނެ އެހެން ފަރާތެއް މިވަގުތަކު ނެތް،"

ނޫސްވެރިންގެ ބައްދަލުވުމުގައި، އިންތިހާބު ކޮމެޓީން ބުނީ، ލޯކަލް ކައުންސިލް އިންތިހާބުގެ ހުރިހާ ކަމެއް ކުރިއަށް ދާނީ އިންތިހާބު ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށެވެ. އެ ގޮތުން ޕްރައިމަރީ ބާއްވަން ޖެހޭ ސަރަހައްދުތަކުގައި ކުރިން ރޭވިފައި އޮތް ގޮތަށް ޕްރައިމަރީ ބާއްވާނެ ކަމަށް އެ ކޮމެޓީން ބުންޏެވެ.