Roadha Mihaaru
ހުޅުމާލޭގެ ބޮޑު ސްކޫލުގެ މަސައްކަތް ނިމެނީ

ހުޅުމާލޭގައި ހަދާ ރާއްޖޭގެ އެންމެ ބޮޑު ސްކޫލްގެ މަސައްކަތް ނިމެނީ

28 ފެބުރުއަރީ 2018

ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ސްކޫލުގައި މިހާރު ކުރަމުން އަންނަނީ އެންމެ ފަހުގެ މަސައްކަތްތަކަށް ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ސްކޫލުގައި މިހާރު ކުރަމުން އަންނަނީ އެންމެ ފަހުގެ މަސައްކަތްތަކަށް ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގެ ފޭސް 1 ގައި އަޅާ ސްކޫލުގެ މަސައްކަތްތައް ހަލުވި ސްޕީޑެއްގައި ކުރިއަށްދާ ކަމަށެވެ. އަދި ތިން ބްލޮކް ރާނައި ނިންމައި ފިނިޝިންގެ މަސައްކަތްތައް ވެސް ކުރިއަށްދާ ކަމަށް ބުންޏެވެ.

ލިޓްލް ޖެމްސް ޕްރީސްކޫލު ކައިރީގައި އިމާރާތްކުރާ މިތަން ނިންމައި މި އަހަރުގެ މެދު ތެރޭގައި އެޑިއުކޭޝަން މިނިސްޓްރީއާ ހަވާލުކުރާނެ ކަމަށް އެޗްޑީސީން ވަނީ ކުރިން ބުނެފަ އެވެ.

ހުޅުމާލޭގެ ފޭސް 1ގައި އިމާރާތްކުރާ ސްކޫލް. -- ފޮޓޯ: އެޗްޑީސީ

ހުޅުމާލޭގެ ފޭސް 1ގައި އިމާރާތްކުރާ ސްކޫލް. -- ފޮޓޯ: އެޗްޑީސީ

މި ސްކޫލު މަސައްކަތްތައް ނިމުމުން، އެ އިމާރާތް ވެގެންދާނީ ރާއްޖޭގައި ހުރި އެންމެ ބޮޑު ސްކޫލަށެވެ. މިވަގުތު އެންމެ ބޮޑު ސްކޫލު މިހާރު ވެސް ހުރީ ހުޅުމާލޭގަ އެވެ. އެއީ 2015 ވަނަ އަހަރު ހުޅުވި ރެހެންދި ސްކޫލެވެ.

ހަތް ބުރިއަށް އަލަށް ހަދާ ސްކޫލް އިމާރާތުގައި ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 10އާ ހަމަ އަށް ކިޔަވައިދޭނެ އެވެ. އެތަނުން ގާތްގަނޑަކަށް 1700 އެއްހާ ދަރިވަރުންނަށް ފުރުސަތު ދޭނެ އެވެ.

މި ތަނުގައި ތިން ބްލޮކް ހަދާއިރު 50 ކްލާސްރޫމް ހުންނާނެ އެވެ. އެ ކްލާސްރޫމްތަކުގެ ތެރެއިން ދެ ކްލާސް ހާއްސަ ކޮށްފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށެވެ.

އެޗްޑީސީގެ ޓްވީޓް

މުޅިން އާ ކޮންސެޕްޓަކަށް އެ ސްކޫލު އިމާރާތް ކުރަން މިދިޔަ އަހަރުގެ ޖެނުއަރީ މަހު ހަވާލުކުރީ އަމިން ކޮންސްޓްރަކްޝަނާ އެވެ. އެ މަސައްކަތް 14 މަސް ތެރޭގައި ނިންމަން އެ ކުންފުންޏާ ހަވާލުކުރީ 132 މިލިއަން ރުފިޔާ އަށެވެ.

ހުޅުމާލޭގައި މިހާރު ވެސް ސަރުކާރުގެ ޕްރީ ސްކޫލަކާއި އަމިއްލަ ޕްރީ ސްކޫލް ވެސް ހިންގަ އެވެ. މީގެ އިތުރުން ގާޒީ ސްކޫލާއި ރެހެންދި އަދި ގޭޓްވޭ އިންޓަނޭޝަނަލް ސްކޫލު ހުޅުމާލޭގައި ހިންގަ އެވެ.