Roadha Mihaaru
އެންމެބޮޑު ސްކޫލުގައި އަންނަ އަހަރު ކިޔަވައިދޭން ފަށަނީ

ހުޅުމާލޭގައި ހަދާ ރާއްޖޭގެ އެންމެ ބޮޑު ސްކޫލުގައި އަންނަ އަހަރު ކިޔަވައިދޭން ފަށަނީ

09 ސެޕްޓެމްބަރ 2018

ހުޅުމާލޭގައި އިމާރާތްކުރާ، ރާއްޖޭގެ އެންމެ ބޮޑު ސްކޫލުގައި އަންނަ އަހަރު ކިޔަވައިދޭން ފަށަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ހުޅުމާލޭގައި އިމާރާތްކުރާ، ރާއްޖޭގެ އެންމެ ބޮޑު ސްކޫލުގައި އަންނަ އަހަރު ކިޔަވައިދޭން ފަށަން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު މިއަދު ވިދާޅުވީ ހުޅުމާލޭގައި އެންމެ ކުރިން އާބާދުވި ސަރަހައްދު (ނެއިބަހުޑް 1) ގައި އަޅާ ސްކޫލުގެ ބޮޑު ބައި މިހާރު ނިމިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ ސްކޫލު ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަމުން އަންނަ ކަމަށެވެ. އެގޮތުން، ސްކޫލަށް ބޭނުންވާ ފަރުނީޗަރު ގެނެސްދޭނެ ބަޔަކު ހޯދަން މިނިސްޓްރީން ވަނީ އިއުލާނުކޮށްފަ އެވެ.

އެކަޑެމިކް ކަލަންޑަރުގައިވާ ގޮތުން، އަންނަ އަހަރުގެ ކިޔެވުން ފަށާނީ ޖެނުއަރީ 13ގަ އެވެ.

މުޅިން އާ ކޮންސެޕްޓަކަށް ހަދާ ސްކޫލުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިދިޔަ އަހަރުގެ ޖެނުއަރީ މަހު 132 މިލިއަން ރުފިޔާއަށް ހަވާލުކުރީ އަމިން ކޮންސްޓްރަކްޝަނާ އެވެ.

ލިޓްލް ޖެމްސް ޕްރީ ސްކޫލް ކައިރީގައި ހަތް ބުރިއަށް އިމާރާތް ކުރާ ސްކޫލުން ގާތްގަނޑަކަށް 1700 އެއްހާ ދަރިވަރުންނަށް ކިޔެވޭނެ އެވެ. ޕްރީ ސްކޫލުން ފެށިގެން 10އާ ހަމައަށް ކިޔަވައިދޭ ސްކޫލުގައި ތިން ބްލޮކް ހަދާއިރު 50 ކްލާސްރޫމް ހުންނާނެ އެވެ. އެތަނުން ދެ ކްލާސްރޫމް ހާއްސަކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށެވެ.

ޝަފީއު ވިދާޅުވީ އަލަށް ހަދާ ސްކޫލުން އެއް ދަންފަޅީގައި ގާތްގަނޑަކަށް 1200 އެއްހާ ދަރިވަރުންނަށް ކިޔަވައިދެވޭނެ ކަމަށެވެ. އަދި އެތަނުން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް އަންނަ މަހުގެ ފަހުކޮޅު ނުވަތަ ނޮވެމްބަރު މަހުގެ ތެރޭގައި ހުޅުވާލާނެ ކަމަށް ވިދާޅުވި އެވެ.

ރާއްޖޭގެ އެންމެ ބޮޑު ސްކޫލު، ރެހެންދި ސްކޫލު ވެސް ހުންނަނީ ހުޅުމާލޭގަ އެވެ. އެތަނުގައި މިހާރު ވެސް ތިން ސްކޫލު ހުރެ އެވެ.